ދުނިޔެ

ތުރުކީ ގޭސް ހަބަކަށް ހަދަން ޓެކްނިކަލް ގޮތުން ދަތިތަކެއް ނެތް: ތުރުކީ

ނޯޑް ސްޓްރީމް ގޭސް ހޮޅިތައް މެދުވެރިކޮށް ތުރުކީގައި ގޭސް ޓްރާންސިޓްކުރާ ގޮތަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ދެއްވި ޚިޔާލަށް ތާއީދުކުރާ ކަމަށް ތުރުކީ ބުނެފި އެވެ.

ތުރުކީގެ އެނާޖީ މިނިސްޓަރު ފާތިހު ދޮންމެޒް ޓާސް ނޫހަށް ވިދާޅުވި ގޮތުގައި މިކަމަށް ތަފުސީލީ ދިރާސާއެއް ބޭނުންވި ނަމަވެސް ޓެކްނިކަލް ގޮތުން މާބޮޑު ދަތިކަމެއް ނެތެެވެ.

ތުރުކީ އޮތީ ކަޅުކަނޑުގެ ބޭރުން ނޯޑް ސްޓްރީމް ހޮޅިތަކާ ކުޅެވޭ ގޮތަށް ކަމަށް -- ރަޝިއާ އެނާޖީ ވީކް ފޯރަމްގައި ވާހަކަ ދައްކަވަމުން ފާތިހު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ބިޔަ މަޝްރޫއުތަކަށް ސިޔާސަތުތައް ދިރާސާކުރެއްވުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

ތުރުކީގެ ޓީއާރުޓީ ހަބަރު ޓީވީ ޗެނަލުން ބުނި ގޮތުގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިއަދު އަޒަރުބައިޖާންގެ ވެރިރަށް އާސްތާނާގައި ބައްދަލު ކުރައްވާނެ އެވެ.

ދެ ލީޑަރުންގެ މަޝްވަރާ މައުލޫތަކުގެ ތެރޭގައި ތުރުކީ ގޭސް ހަބަކަށް ހެދުން ހިމެނޭ ކަމަށް ރަސްމީ ޗެނަލްތަކުން ބުނެ އެވެ.

ނޯޑް ސްޓްރީމް ގޭސް ހޮޅިތައް -- ޔޫރަޕަށް އޮތް ކޮޅު މިހާރު ގޮއްވާލާފައި އޮތްއިރު ކަޅުކަނޑާއި ތުރުކީ އަކީ ގޭސް ޓްރާންސިޓް ކުރަން އެކަށީގެންވާ ދެ ސަރަހައްދު ކަމަށް ޕޫޓިން ވެސް ވިދާޅުވި އެވެ.

ޕޫޓިން ސީދާ ސީދާކޮށް ވިދާޅުނުވި ނަމަވެސް ޔޫރަޕަށް ގޭސް ސަޕްލައިކުރެވޭ ހާލަތަށް ރުޖޫއަވެވިއްޖެ ނަމަ ލަސްތަކެއް ނުކޮށް އެ ވިޔަފާރި ފެށޭނެ ނިޒާމުތަކަކާ މެދު ރަޝިއާ ދަނީ ވިސްނަމުންނެވެ.

ޔޫރަޕުން ރަޝިއާގެ ހަކަތައަށް އެދޭ ނަމަ ގޭސް ސަޕްލައިކުރެވޭނެ މަގުތަކާ މެދު ވިސްނަވާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ރަޝިއާއިން ޔޫރަޕަށް ތެޔޮ ސަޕްލައިކުރަން ބޯލްޓިކް ކަނޑުގެ އަޑިން ޖަރުމަނަށް އަޅާފައި އޮތް ގޭސް ހޮޅިތައް -- ނޯޑް ސްޓްރީމް އެކެއް އަދި ނޯޑް ސްޓްރީމް ދޭކަށް ބަޔަކު ހަމާލާދީ މިހާރު އޮތީ ޔޫރަޕަށް ވީކޮޅު ގޮއްވާލާފަ އެވެ.

ނޯޑް ސްޓްރީމް ގޭސް ހޮޅިތައް މަރާމާތުކުރުން މި ވަގުތަށް ދަތި ނަމަވެސް އެއީ ނުކުރެވޭ ވަރުގެ މަސައްކަތެއް ނޫން ކަމަށް ރަޝިއާ ބޮޑުވަޒީރުގެ ނައިބު އެލެގްޒެންދަރު ނޮވާކް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ކަޅުކަނޑާއި ތުރުކީގައި ޓްރާންސިޓް ޕޮއިންޓްތަކެއް ހެދުމަށް ވުރެ ނޯޑް ސްޓްރީމް މަރާމާތުކޮށްގެން ޔޫރަޕަށް ގޭސް ސަޕްލައިކުރަން މާގިނަ ވަގުތު ނަގާނެ ކަމަށް ވެސް ރަޝިއާ ބުނެ އެވެ.