މޯލްޑިވްސް ޕޮލިސް ސާވިސް

އަލިފާން ރޯވެގެން ރިޕޯޓް ކުރި ތަނަށް ދިޔައިރު ތިބީ ބަނގުރާ ކައްކަން

ހެންވޭރު ރޯޝަނީ މަގުގައި ހުންނަ ގެއަކުން ދުން އަރާތީ ފުލުހުން ގޮސް ބެލި އިރު އެގޭގައި ބަނގުރާ ކައްކަން ތިއްބާ ފެނިއްޖެ އެވެ.

ފުލުހުންނަށް އެ ގެއިން ދުން އަރާތީ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 6:12 ހާއިރު ކަމަށާއި ސިފައިންނާއި ފުލުހުން އެގެއަށްގޮސް ދޮރުގައި ޓަކި ދިނުމުންވެސް އެއްވެސް މީހަކު ދޮރު ހުޅުވާފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ދޮރު ނުހުޅުވުމުން ބާރުގެ ބޭނުން ކޮށްގެން އެގެއަށް ވައިންއިރު އެގެއިން ދުން އަރަމުން ދިޔައީ ބަނގުރާ ކައްކަމުން ދާތީކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ވަރަށް ގިނަ ސާމާނު އެ ގޭގެ ތެރެއިން ފެނިފައިވެ އެވެ. އަދި މައްސަލައިގެ ތުހުމަތުގައި 34 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވެ އެެވެ.

މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ ގޮތުން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.