ރާއްޖެ ކުޅިވަރު

ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

Jan 15, 2016
1

ދާދިފަހުން އަމަލުކުރަން ފެށި ކުޅިވަރު ގާނޫނުގެ ދަށުން ރާއްޖޭގެ ކުޅިވަރު ޖަމްއިއްޔާތަކުގެ އެންމެހާ ކަންކަން ބަލަހައްޓާ އެންމެ އިސްވެރިއެއްގެ ގޮތުގައި ހަމަޖައްސަން ޖެހޭ ކޮމިޝަނަރު އޮފް ސްޕޯޓްސް ކަމަށް ކުރިމަތި ލުމަށް ޔޫތް މިނިސްޓްރީ އިން އިއުލާންކޮށްފި އެވެ.

ޔޫތް މިނިސްޓްރީ އިން ނެރުނު އިއުލާނެއްގައިވާ ގޮތުގައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ވަނަވަރާއި އެކަމަސް އެދޭ ސިޓީއާ އެކު މި މަހުގެ 31 ގެ މެންދުރު 2:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ. ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ އެންމެހާ ޖަމްއިއްޔާތައް ހިންގަނީ ރަނގަޅަށްތޯ ބެލުމާއި އެ ޖަމްއިއްޔާތައް ރަޖިސްޓްރީ ކޮށް ދިނުމާއި މިފަދަ ޖަމްއިއްޔާތަކުގެ ދަފްތަރެއް އެކުލަވާލުން ހިމެނެ އެވެ. އަދި ކުޅިވަރާ ބެހޭ ކްލަބް ޖަމްއިއްޔާތައް ގަވާއިދުތަކުގެ ބޭރުން ދާނަމަ މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ ބާރު ވެސް ކޮމިޝަނަށް ލިބެ އެވެ.

ކުޅިވަރާ ބެހޭ ގާނޫނުގައިވާ ގޮތުގައި އެ ގާނޫނު ތަސްދީގު ކުރާތާ 90 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު ހަމަޖައްސަން ޖެހެ އެވެ.