ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ)ގައި އިންޓަނޭޝަނަލް ފްލައިޓްތަކަށް ހިދުމަތް ދެވޭ ވަރުގެ ގާބިލްކަން އެބަހުރި ކަމަށް އެ އެއާޕޯޓުގެ މެނޭޖިންގް ޑިރެކްޓަރު ގައިސް ނަސީރު ވިދާޅުވެއްޖެ އެވެ.
އަވަސްއަށް އަށް މައުލޫމާތު ދެއްވަމުން ގައިސް ވިދާޅުވީ A380ގެ ބޯޓުތައް ފިޔަވާ އެހެން ހުރިހާ ބޯޓަކަށް ހިދުމަތް ދިނުމުގެ ފެންވަރު އެ ކުންފުނީގައި އެބަހުރި ކަމަށެވެ. ޕްރޮޕެލާ އަދި ނެރޯބޮޑީގެ ދެ ބޯޓަށް މިވަގުތުވެސް އެއްފަހަރާ ހިދުމަތް ދެވޭނެ ކަމަށާއި ވައިޑްބޮޑީގެ އެއް ބޯޓަށް ހިދުމަތް ދެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ޖީއައިއޭގެ ފެންވަރާއި ގާބިލްކަމާ ގުޅޭ ގޮތުން ގައިސް ވާހަކަދައްކަވާފައި މިވަނީ ދުބާއީ އާއި އައްޑޫ ސިޓީއާ ދެމެދު ސީދާ ދަތުރުތައް އަންނަ އަހަރުގެ ފެބްރުއަރީގައި ފެށުމަށް ނިންމުމާ ގުޅިގެންނެވެ.
ގައިސް ވިދާޅުވީ ފްލައި ދުބާއީގެ އައްޑޫ ދަތުރުތައް ފެށުމުގެ ކުރިން އެއާޕޯޓުގައުި މަސައްކަތް ކުރާ މުވައްޒަފުން އިތުރުކޮށް ބޭނުންވާ ތަމްރީނބް ދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް އަވަހަށް މި މަސައްކަތް ފަށާނަން،" ގައިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓުގެ ސެކިއުރިޓީއާ މެދު އެއްވެސް ވަރަކަށް ކަންބޮޑު ނުވާ ކަމަށެވެ. އޭވިއޭޝަން ސެކިއިރިޓީ ކޮމާންޑް [އެވްސްކޮމް] އަދި ކަސްޓަމްގެ މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއެކު ކުރިއަށް ގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
"އިންޓަނޭޝަނަލް ފްލައިޓް އައްޑޫ އިތުރުވެގެން ސެކިއުރިޓީ ބްރީޗެއް ނުވަތަ މަނާ އެއްޗެއް އެތެރެކުރުމަށް އެއްވެސް ފުރުސަތެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" ގައިސް ވިދާޅުވި އެވެ.
ފްލައި ދުބާއީގެ ދަތުރުތައް ފެށުމުން އައްޑޫ އަދި ދެކުނުގެ އެހެން އަތޮޅުތަކަށް ލިބޭނެ ފައިދާތައް ފާހަގަކުރައްވަމުން ގައިސް ވިދާޅުވީ ކޮންމެ ދުވަހަކު އިންޓަނޭޝަނަލް ފްލައިޓެއް އައްޑޫއަށް ދަތުރުކުރާއިރު ދެކުނުގެ ރަށްތަކުގެ ގެސްޓް ހައުސްތަކުގެ އިތުރުން ރިސޯޓް ތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ފައިދާވެގެން ދާނެކަންވެސް ފާހަގަކުރެއްވި އެވެ.
"އައްޑޫގައި މިވަގުތު އީކުއޭޓާ ވިލެޖް، ސައުތް ޕާމް އަދި ހެރެތެރެ އިން ހިދުމަތް ދެމުން ދަނީ. ޝަންގްރިލާ އެކަނި ނުހުޅުވާ ހުރީ. އެހެންވީމާ ފަތުރުވެރިން އައްޑޫ އަށް އައިސް ފަތުރުވެރިން ތިބުމަށް ދަތިތަކެއް މިވަގުތަކު ނުހުންނާނެ،" ގައިސް ވިދާޅުވި އެވެ.
ދުބާއީއާއި އައްޑޫއާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ މަޝްވަރާތައް ކުރާތާ ދެ އަހަރު ވެއްޖެ ކަމުގައި ގައިސް ވިދާޅުވި އެވެ. އަދި މިދިޔަ އޮގަސްޓް މަހު މި މަޝްވަރާތަކަށް ރަނގަޅު ކުރިއެރުމެއް ލިބި ދަތުރުތައް ފެށުން އަވަސްވީ ދައުލަތުގެ އިދާރާތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމުގައިވެސް ވިދާޅުވި އެވެ.