ޓޫރިޒަމް

ދެކުނުގެ ޓޫރިޒަމް ވަކިން ޕްރޮމޯޓްކުރަން ތައްޔާރުވަނީ

އައްޑޫ ސިޓީއަށް ފްލައި ދުބާއީގެ ދަތުރުތައް ފެށުމާ އެކު ދެކުނުގެ ޓޫރިޒަމް، ވަކިން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ޓޫރިޒަމު މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ.

ފްލައި ދުބާއީގެ ދަތުރުތައް ދުބާއީން ސީދާ އައްޑޫއަށް ފެށުމަށް ތައްޔާރުވަމުންދަނީ އަންނަ އަހަރުގެ ފެބްރުއަރީ ހަތަތަރުވަނަ ދުވަހު އެވެ. މިދަތުރުތަކާ އެކު ދެކުނުގެ ފަތުރުވެރިކަމަށް ވަކިން ހާއްސަކޮށް އައްޑޫގެ ފަތުރުވެރިކަމުގެ ދާއިރާއަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ކަމުގެ ތަޖުރިބާކާރުން ވެސް ގަބޫލުކުރައްވަ އެވެ.

ފްލައި ދުބާއީގެ ދަތުރުތަކާ ގުޅިގެން އައްޑޫގެ ފަތުރުވެރިކަމަށް އަންނާނެ ބަދަލަކީ ކޮބައިތޯ އަވަސް އިން ސުވާލުކުުރުމުން މިނިސްޓަރު މައުސޫމު ވިދާޅުވީ އައްޑޫއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށެވެ. އަދި އެ އިތުުރުވުމާ އެކު އައްޑޫގެ ފަތުރުވެރިކަމަށާއި އިގްތިސާދުން ލިބޭ ފައިދާ ބޮޑުވާނެ ކަމަށެވެ.

"ފްލައި ދުބާއީގެ ދަތުރުތައް ފެށުމާއިއެކު ސަދަން ޑެސްޓިނޭޝަނެއްގެ ގޮތުގައި ވަކިން ސައުތު ޕްރޮމޯޓް ކުރެވިގެން ދާނެ. އެއިރުން މީހުންނަށް ފެނިގެންދާނެ ރާއްޖޭގެ ސައުތުގައިވެސް ވަކި ޑެސްޓިނޭޝަނެއް އެބައޮތްކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމު ވިދާޅުވީ ދެކުނުގެ ޓޫރިޒަމް ވަކިން ޕްރޮމޯޓް ކުރަން ފެށުމުން ބައިނަލްއަގްވާމީ ދަތުރުތައް ކުރާ އިތުރު އެއާލައިންތައް އައްޑޫ އަށް ދަތުރުތައް ފެށުމަށް ޝައުގުވެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އައްޑޫގައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް އިތުރު ތަންތަން ހަދަންޖެހޭ ކަމަށާއި ސަރުކާރުގެ ތެރެއިން އެކަމުގައި ކުރަންޖެހެ މަސައްކަތްތައް ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އައްޑޫގައި ގިނަ ޕްރޮޕަޓީތަކެއް ހުޅުވަންޖެހޭ. އެގޮތުން ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އައްޑޫގައި ވެސް އެކި މޮޑެލްތަކުގެ ގެސްޓްހައުސްތައް ވެސް ހިންގަން ބާރުއަޅަންޖެހޭ،" މައުސޫމު ވިދާޅުވި އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު ވެސް ވިދާޅުވީ ފްލައި ދުބާއީގެ ދަތުރުތައް ކޮންމެ ދުވަހަކު އައްޑޫއަށް ފެށުމުން ދެކުނުގެ ރަށްތަކުގެ ގެސްޓް ހައުސްތަކުގެ އިތުރުން ރިސޯޓް ތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އައްޑޫގައި މިވަގުތު ތިން ރިޒޯޓް އޮތް ނަމަވެސް ހިދުމަތްދެމުންދަނީ ދެ ރިޒޯޓުންނެވެ. އެއީ ހެރެތެރެ އާއި ސައުތުޕާމް ރިސޯޓެވެ. ކޮވިޑަށް ބަންދުކުރި ޝަންގްރިއްލާ ހުޅުވުމަށް ސަރުކާރުން ދަނީ އެ ރިސޯޓް ހިންގާ ފަރާތާ ވާހަކަދައްކަމުންނެވެ.