ވާހަކަ

އިޙްސާސްވޭ

( 12 އޮކްޓޯބަރ 2022 އާ ގުޅޭ )

މަލަކް ސިޓީއުރައިގެ ހިފުމާއެކު އޭނާ ހިނގައިގަތީއެވެ. ސައިކަލުން ފައިބައިގެން އެޕާޓްމެންޓް ހުރި އިމާރާތުގެ ތެރެއަށް މަލަކް އައިސް ވަނެވެ. ލިފްޓަށް އަރައި އޭގެ ދޮރު ލެއްޕުމުން މަލަކް އަތުގައި އޮތް ސިޓީއުރައަށް ބަލާލިއެވެ. ބަންދުކޮށްފައި އޮތް ސިޓީއުރައިގެ ތެރޭ އޮތީ ހަރުކޮށް އޮތް ކުޑަ އެއްޗެއްކަން އެނގުނެވެ. އޭނާ އެ ސިޓީއުރައިގެ ކޮޅުން އިރާލިއެވެ. ލޮލާ ކައިރިކޮށް އެތެރެ ބަލާލިއިރު އޮތީ ޕެންޑްރައިވެކެވެ.

ކާކު ފޮނުވި އެއްޗެއް ބާއޭ މަލަކް ހިތަށް އެރިއެވެ. އޭނާ އައިސް އެޕާޓްމެންޓަށް ވަނެވެ. ގޭތެރޭގައި ހިފާލައިފަ ހުރި ބަނބުކެޔޮ ބޮނޑިބަތުގެ ވަހުން މަލަކް ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނު ކަހަލައެވެ. ކޮލެޖަށް ގެންދާ ފޮތްދަބަހުގެ ތެރެއަށް ސިޓީއުރަ ކޮށްޕާލިއެވެ. ބަދިގެއަށް ވަންއިރު އާމާލް އުޅެއެވެ. ހިހޫކުރަން ތަށިތަކަށް ބޮނޑިބަތް އަޅައި ކާމޭޒުމަތީ އަތުރާފައި ހުއްޓެވެ. ކާމޭޒުގެ ގޮނޑިއަކަށް ފޮތްދަބަސް ދޫކޮށްލުމާއެކު މަލަކް ގޮވާލީ މަންމައަށެވެ.

"ނޫން. މަޑުކުރޭ މައިރް އަންނަންދެން. ހުރިހާ ކުދިން އެކީކާނީ." މަލަކް ގޮވާލި ރާގުން އާމާލްއަށް އެނގުނީއެވެ. އެކުއްޖާއަށް ތަށިތައް ފެނުމުން އެ ހުރީ ކުޅުދިޔާވެފައިކަމެވެ.

"ދެން މަންމާ." އާދޭހާއެކު މަލަކް ގޮވާލިއެވެ.

"އިހަށް ދޭ ފެންވަރައިގެން ނަމާދަށް އަރަން. މަންމަމެވެސް އަދި މެންދުރުނުކޮށް މިއުޅެވެނީ... އިރުކޮޅަކުން މައިރް އާންނާނެ." އަތްފުހެލި ޓިޝޫކޮޅު ކުނިވަށްޓަށް އެއްލާލާފައި އާމާލް އެނބުރި މަލަކްއާ ކުރިމަތިލިއެވެ. އަދި ދަރިފުޅުގެ ކޮނޑުގައި ހިފައި އަނބުރާލީ ކޮޓަރިތަކާ ދިމާއަށެވެ. ކުސްތަޅާލާފައި ފޮތް ދަބަސް ހިފައިގެން މަލަކް ދިޔައެވެ.

އެނދުގައި އަރިއަކަށް ބާލީހުގައި ބައްދާލައިގެން މާޔަލް އޮތެވެ. ފުން ވިސްނުމެއްގައެވެ. އޭނާ އައިރިކްގެ މަތިން ހަނދާންނައްތާލަން ބޭނުންވީއެއްނޫނެވެ. މިހާރު އޭނާއަށް ހުރިހާކަމެއް ވެސް ސާފުވެއްޖެއެވެ. އެކްސިޑެންޓްވީ ރޭ އޭނާއަށް އައިރިކް ފެނުނީއެވެ. މަރަށް ތެޅެމުންދިޔައިރު މާޔަލް ބޭނުންވީ އެރޭ އޭނާއަށް ފެނުނީ އައިރިކްނޫން ކަމަށް ހަދާށެވެ. އެކަމަކު އޭނާގެ ސިކުނޑި ޚިޔާރު ކުރީ އައިރިކްގެ ހުރިހާ ހަނދާނެއް ފުހެލާށެވެ. އެރޭގެ އެކްސިޑެންޓް ނުވާކަމަށް ހަދަމުންނެވެ. އެ ހުރިހާ ވޭނާއި ރިހުން އޭނާގެ ސިކުނޑި އެއްފަރާތްކޮށްލައި މާޔަލްއަށް ވެސް ނޭނގި ފަރުދާއެއް ދަމާލީއެވެ.

"އެކްސިޑެންވީ ރޭ އަހަރެންނާއެކީ ކާރުގައި ހުރި އެއްޗިއްސަށްވީ ކިހިނެއްބާ؟. މަންމަ އަތުގަ ހުރެދާނެތަ؟. ހުރިހާ އެއްޗެއް ގެއްލުނީތަ؟. އަހަރެންގެ އަތް ދަބަސް... އަހަރެން އެ ނޯޓުފޮތް ހޯދިޔަސް ނުފެންނާނެއެއްނު. އަތްދަބަސް ތެރޭ އެވެސް އޮންނާނީ." މާޔަލް ހަނދާންވިއެވެ. އެކަމަކު އެއިން އެއްވެސް އެއްޗެއް ލިބިފައިވާކަމެއް މާޔަލް ނުދެނަހުއްޓެވެ. މަންމަމެން ވެސް އެފަދަ ވާހަކައެއް އޭނާ ކައިރީ ބުނެފައެއް ނެތެވެ. އޭނާގެ ހަނދާންތައް އެނބުރި އަތުވެއްޖެކަން އެނގުމުން ވެސް އެ ޢާއިލާއިން އެ ވާހަކަ ދައްކަން ބޭނުންނުވާ ކަހަލައެވެ. އަދިވެސް އެންމެން މާޔަލްއާ މެދު ކަންބޮޑުވަނީކަން ޚުދު އޭނާއަށް އެނގެއެވެ.

މައިރާ ގެނެސް މަންމަ ކައިރިއަށް ލާފައި ރަޒާ އެނބުރި އޮފީހަށް ދިޔައީއެވެ. ހިމޭންވެފައި އޮތް ގޭތެރެއިން މައިރާ ފުރަތަމަ ވެސް ޓަކި ޖަހާލީ މާޔަލްގެ ކޮޓަރީގައެވެ. ދޮރު ހުރީ ހުޅުވާފަކަން އެނގުމުން އޭނާ އެތެރެއަށް ވަނެވެ.

"ނިދަނީތަ؟." އެނދުގައި މާޔަލް އޮތުމުން މައިރާ އަހާލިއެވެ. އޭނާ ވެސް އައިސް އިށީނީ އެނދުގައެވެ. މާޔަލް ތެދުވެ ދެފައިވަށްކޮށްލައިގެން މައިރާއާ ކުރިމަތިވާނެހެން އިށީނެވެ. ބައްދާލައިގެން އޮތް ބާލީސް ގެނެސް މާޔަލްގެ އުނގުގައި ބާއްވާލިއެވެ.

"ދޮންތި ރީތިވެލައިފި." ލުއި ހިނިތުންވުމަކާއެކު މާޔަލް ބުންޏެވެ.

"ބުރުގާ އެޅީމަ." މައިރާ ބުންޏެވެ.

"ފަތިހުން ފެށިގެން ބަދިގެއިން މިއަދު މަންމަ ނުނިކުމޭ." ސަމާސާގެ ރާގެއްގައި މާޔަލް ބުންޏެވެ.

"ގެއަށް ވަންތަނާ ވަސްދުވައިފި. ކޮބާތަ އެންމެން؟. އެކަކުވެސް ފެންނާކަށް ނެތް." މައިރާ ބުންޏެވެ.

"މަލްކޮ މިހާރު އަތުވެދާނެ. މަންމަ ފެންނަން ނެތިއްޔާ އެދިޔައީ ފެންވަރާ ނަމާދުކުރަން." މާޔަލް ބުންޏެވެ.

އެޕާޓްމެންޓްގެ ބެލް އަޅާއަޑު ދެބެންގެ ކަންފަތުގައި ޖެހުނެވެ. މާޔަލް އެނދުން ފައިބަން އުޅުމުން މައިރާ ބަލާލާފައި އަންނާނަމޭ ބުނެ ހިނގައިގަތެވެ. އޭނާ ކޮޓަރިން ނުކުތްއިރު ދޮރާ ދިމާއަށް މަލަކް ހުރެ ދެއެވެ. އެހެންވެ ކާކުތޯ އައީ ބަލަން ނުގޮސް މައިރާ މަޑުކޮށްލީއެވެ. ކާކުކަމެއް އައީ ނުފެންނަނީސް މައިރާއަށް ފިރިހެނަކު ސަލާމް ގޮވާލި އަޑު އިވުނެވެ. މަލަކް އިޚްތިރާމާއެކު ވާހަކަދެއްކިކަން ވެސް ފާހަގަވިއެވެ. މައިރާ ޝައުގުވެރިވީވަރުން ކާކުތޯ ބަލަން އައެވެ. އޭރު މަލަކްގެ އެދުމަށް ގޭތެރެއަށް ވަދެ ސިޓިންރޫމު ސޯފާގައި އިށީންނާތީ ފެނުނީ އައިރިކްއެވެ.

"ދޮންތި އެބައުޅެންތަ. ކުޑޫގެ ބޮސް އައީ... ކޮބާ ކުޑޫ." އެނބުރިލި އިރު މައިރާ ހުރިތަން ފެނި މަލަކް ވާހަކަދެއްކިއެވެ.

"ރިކް." މައިރާ ގޮވާލިއެވެ. އެއާއެކު އައިރިކް ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

"މަލް ދޭބަލަ ކުޑޫއަށް ގޮވާލަން." މާޔަލްއަށް ގޮވަން މަލަކް ފޮނުވާލާފައި މައިރާ އިށީނީ ސޯފާގައެވެ.

"މާއްކޮ އޮފީހަށް ނުނިކުންނާތީ ހާލުބަލަންތަ ތިއައީ؟." މައިރާ އަހާލިއެވެ.

"ހޫމް... ކިހިނެއް މާޔާ މިހާރު." އައިރިކް ބުންޏެވެ.

"މާޔާއޭ... ކީއްވެތަ މާޔާ ކިޔަނީ؟." އައިރިކްއާ ދިމާވީއްސުރެ މައިރާއަށް ފާހަގަވެ އަހާލަން ގަސްދުކޮށްގެން ހުރި ސުވާލު ދުލުން ބޭރުކޮށްލިއެވެ. ޖަވާބެއް އިވުމުގެ ކުރީން ފުރަތަމަ އައިރިކްގެ ފަރާތުން އިވުނީ ލުއި ހީނލުމެއްގެ އަޑެވެ.

"އަހަންނަށް އެއީ މާޔާ." މާނަވީ ހިނިތުންވުމަކާއެކު މައިރާއަށް ބަލަން އިނދެ އައިރިކް ބުންޏެވެ.

"ރިކް." ހައިރާންކަމުގެ ބެލުމަކުން ބަލަން ހުރި މާޔަލް ގޮވާލިއެވެ.

"ހާއި... ކިހިނެއް މިހާރު." މާޔަލްއަށް ލިބިފައިވާ ހައިރާންކަން ފާހަގަނުވާކަމަށް ހަދަމުން އައިރިކް ވާހަކަދެއްކިއެވެ.

މާޔަލްއަށް ލޯ ބޮޑުކޮށްލެވުނެވެ. އައިރިކްއަށް އޭނާގެ ހާލު ނޭނގިއެއް ނޯންނާނެއެވެ. ދެ މީހުން މިއަދު ހެނދު ވެސް ފޯނުން ވާހަކަދެއްކި ވިއްޔާއެވެ. އައިރިކް ހިނިތުންވެލި ގޮތުން މާޔަލްއަށް އެ ހިނިތުންވުން ދޭހަވެއްޖެއެވެ. މަޑުމަޑުން ބޯހޫރާލެވުނުއިރު މާޔަލްގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާއާ ބައްދަލުކުރާނޭ ބަހަނާއެއް އައިރިކް ހޯދީކަން މާޔަލްއަށް އެނގުނެވެ. އެގެއަށް އައިސް އެއިނީ އެހެންވެއެވެ. މާޔަލް އައިސް މައިރާގެ ގާތުގައި އިށީނެވެ. ދުރުގައި ބަލަން ހުރި މަލަކް ވެސް ހަލުވިފިޔަވަޅުގައި އައިސް ދައްތަމެންނާ ބައިވެރިވެއްޖެއެވެ.

"ކޮންއިރަކުން އެނބުރި އަންނާނީ. މާޔާ ނެތީމަ ވަރަށް އުނދަގޫވޭ." މާޔަލްއާ ނަޒަރު ސީދާކޮށްލައިގެން އިނދެ އައިރިކް ވާހަކަދެއްކިއެވެ.

"ވަގުތީ ސްޓާފެއްގެ ގޮތުގައި އަޅުގަނޑު ހުރީ. ތްރީމަންތްސްއަށް އެއްބަސްވުން ހެދީ. އައިތަން ސަރއަށް އެނގިލައްވާނެ." ހިނިގަނޑު ހިފަހައްޓަން މަސައްކަތް ކުރަމުން މާޔަލް ވެސް އައިރިކް އެ ކުޅެމުންދާ ޑްރާމާގައި ބައިވެރިވެއްޖެއެވެ. ގާތުގައި ތިބި މަލަކްއާއި މައިރާއަށް އެ ދެ ޒުވާނުންގެ ދެމެދުގައި ބަދަލުކުރާ ބެލުންތަކާއި އެ ދެ ހިތުގައިވާ ޝުޢޫރުތަކުގެ ހިލަމެއް ނުވެއެވެ.

"ދެޓްސް ސޭޑް. ދޫކޮށްލާކަށް ބޭނުމެއްނުވޭ. އަހަރެން މާޔާއަށް ބޭނުންވޭ. އިތުރު އޮފާއެއް އެބައޮތް." އައިރިކްގެ ވާހަކަތައް އިވިފައި މާޔަލް ތިރީތުންފަތުގައި ދަތްއަޅާލީ ނުހަނު ބާރަށެވެ. އެހެންނޫނީ އޭނާގެ ހިނިގަނޑު ފަޅައިގެން ހިނގިއިދާނެއެވެ. އައިރިކް އޭނާއަށް ބޭނުންވެޔޭ އެ ބުނަނީ ކޮންމާނައެއްގައިކަން ހަމަ ރަނގަޅަށް މާޔަލްއަށް އެނގެއެވެ. އޭނާ މާޔަލް ގެންދަން ބޭނުންވެގެން އެ އުޅެނީ އޮފީހުގެ މަސައްކަތްތައް ނުކުރެވިގެންނެއް ނޫނެވެ.

"ލެސް ދެން ޓޫ ވީކްސް ކޮންޓްރެކްޓް ހަމަވާން އޮތީ. އައި އޭމް ނޮޓް ފީލިން ވެލް. ކުއިޓް ކުރަން ބޭނުމީ." އިރުކޮޅަކު އެއްޗެއް ނުބުނެ އައިރިކްއަށް ބަލަން އިނުމަށްފަހު މާޔަލް ވާހަކަދެއްކިއެވެ. އެހިނދު އައިރިކް އެއްބުމަ ހިއްލާލިތަން ފެނުނެވެ.

"ދޮންތިއަށް ވެސް ފެންނަނީ ތިގޮތް. މާއްކޮ ވަޒިފާއަކަށް އިހަށް ނުނިކުމެ ރެސްޓްކުރަންވީ." މައިރާގެ ޚިޔާލު ފާޅުކޮށްލިއެވެ.

އާމާލް ނުކުމެގެން އައެވެ. އައިރިކް ފެނުމުން އޭނާއަށް ވެސް ލިބުނީ ހައިރާންކަމެވެ. އޭނާގެ ތިން އަންހެން ދަރީން އައިރިކްއާ ވާހަކަދައްކަން ތިބިތަން ފެނި އެމީހުންގެ ވާހަކަ އަޑު އަހަން އޭނާ ވެސް އަތުވެއްޖެއެވެ. އާމާލް ފެނުމާއެކު އައިރިކް އިޙްތިރާމާއެކު ސަލާމް ގޮވާލިއެވެ. ކުރީން އައިރިކް ހަމަޖެހިފައި އިނަސް އާމާލް އައުމުން އޭނާ ހިތްއަވަސްވެއްޖެއެވެ. މާޔަލްގެ މަންމަކަން އެނގޭތީއެވެ.

"މައްޔު، ދަރިފުޅު އެއްވެސް އެއްޗެއް ވެސް ނުދެންތަ އައިރިކްއަށް." އާމާލްއަށް ފާހަގަވެގެން އަހާލިއެވެ.

"ރިކް ކާންވީނު." މަންމަގެ އަޑަށް މާޔަލްއަށް ބުނެލެވުނެވެ. އެއާއެކު އޭނާއަށް ބަލާލެވުނީ އެންމެންގެ މޫނަށެވެ. ކުއްލިއަކަށް އޭނާއަށް ބުނެލެވުނީ ނިކަން ގާތްކޮށްކަން މާޔަލްއަށް ވިސްނުނީއެވެ. ނަސީބަކުން ޢާއިލާގެ އެއްވެސް މެންބަރަކަށް އެކަން ފާހަގައެއް ނުވިއެވެ.

މާޔަލްމެން ގެއަށް އައިރިކްއައި ފުރަތަމަ ދުވަހެވެ. އޭނާގެ ނަޒަރު އެ ގޭތެރެއާއި އެ ގޭގައި އުޅޭ މެންބަރުން ދަސްކުރާ ކަހަލައެވެ. ކޮންމެ މީހެއްގެ ހަރަކާތްތަކާއި އޭނާ ވާހަކަދައްކާ ގޮތަށް އައިރިކް ސަމާލުވެ ބަލައެވެ. އެހެންވިޔަސް އޭނާގެ ލޮލުން މާޔަލް ކައްސާނުލައެވެ. އާމާލް ކެއްކި ބޮނޑިބަތް ފުރަތަމަ ރޯދި ކުރެއްވީ ގެއަށް މެހެމާނަށެވެ. އައިރިކްގެ ކުރިމަތީ ކޮފީމޭޒުގައި އާމާލް ބެހެއްޓި ބޮނޑިބަތް ތަށިފެނުމުން އޭނާއަށް ބަލާލެވުނީ މާޔަލްއަށެވެ. އޭ ނޫންގޮތަކަށް ބޯހޫރުވާލައި މޫނަށް ޖެއްސި ވައްތަރު މާޔަލްގެ އިތުރުން މައިރާއާއި މަލަކްއަށް ވެސް ފެނުނެވެ. މަލަކް އިނދެފައި ނިކަން ބާރަށް ހޭންފެށިއެވެ. މައިރާ ހޭންނުހޭން އިންހެން ހިނިތުންވެލައިގެން އިނެވެ. މާޔަލް ތެދުވެ ބޮނޑިބަތްތަށި ހިފައިގެން ބަދިގެއަށް ދިޔައެވެ. އެތަނުގައި އުޅުނު އާމާލް ކައިރީ އައިރިކް ބަނބުކެޔޮލުގައި ހަދާފައި ހުންނަ އެއްވެސް އެއްޗެއް ނުކާނޭ ބުނެލިއެވެ. އަދި ޖޫސްތަށްޓެއް ހިފައިގެން ހިފައިގެން މާޔަލް އެނބުރި އައެވެ.

ކޮޓަރިއަށް އައިރިކް ގޮވައިގެން ވަނުން ރަނގަޅެއް ނުވާނޭކަން މާޔަލްއަށް ވިސްނެއެވެ. އެހެންވެ އައިރިކްއާ ވާހަކަދައްކާލަން ކަމަށް އޭނާ ގޮވައިގެން މާޔަލް ނުކުތީ ޓެރެސްއަށެވެ. ގޭތެރޭގައި އުޅޭ މީހުންނަށް ނުފެންނާނޭހެން އެއްފަރާތްވެލުމާއެކު މާޔަލްގެ އަތުގައި ހިފައި އައިރިކް ދަމާލިއެވެ. އޭނާގެ އަތުގެ ތެރެއަށް މާޔަލް ގެނެސް ބައްދާލިއެވެ.

"އައި މިސްޑް ޔޫ." އައިރިކް ބުނެލިއެވެ.

"އައި ލަވް ޔޫ ޓޫ." ހިނިތުންވެލައިގެން ހުރެ މާޔަލް ބުނެލިއެވެ.

"އަހަންނާ މެރީ ކުރަންވީނު. ދެން މަޑެއްނުކުރެވޭނެ. އަހަރެންގެ ކައިރިއަށް މާޔާ ގެންނަން ބޭނުމީ." އައިރިކް ބުންޏެވެ.

"ރިކް... އަހަރެން ވެސް ބޭނުމޭ. އެކަމަކު އޭގެ ކުރީން އެބަޖެހޭ ފެމެލީއަށް ކިޔައިދޭން. ކިހިނެއްކަން ވެގެން މިއުޅެނީ އެނގޭނީ އޭރުން. އެންމެ ވިސްނެނީ މަންމަމެން ރިއެކްޓް ކުރާނޭ ގޮތެއް ނޭނގޭތީ." އައިރިކްގެ މޭގައި މާޔަލް މޫނު ޖައްސާލިއެވެ. އެތެރެއަށް ދިގު ނޭވާއެއް ދަމާލީ އެ ހަށިގަނޑުން ދުވާ ފިރިހެންވަންތަ ވަހުން އޭނާގެ ހިއްސުތަކަށް ހަމަޖެހުމެއް ހޯދައިދިނުމުގެ ގަސްދުގައެވެ.

"އައި ޑޯންޓް ނޯ ދެމް. އެހެންވިޔަސް އެމީހުން މާޔާދެކެ ލޯބިވާކަން ބުނަން އެނގޭ. މާޔާގެ ފެމެލީއަށް މުހިންމުވާނީ މާޔާގެ ހެޕިނެސްކަން ޔަގީން." އައިރިކްގެ އަޑުގައިވީ ޔަގީންކަމެވެ.

"އެމީހުން ރިކްދެކެ ލޯބިވާން އަހަރެން ބޭނުމީ." މާޔަލްގެ ހިތުގެ އެދުން ހާމަކޮށްލިއެވެ. އޭނާ އައިރިކްއާ ދުރަށް ޖެހިލައި އެ މޫނަށް ބަލަންފެށިއެވެ. މާޔަލްއާ ނަޒަރު ސީދާކޮށްލައިގެން ހުރެ އޭނާގެ ކޯތާފަތުގެ ދެފަރާތުން އައިރިކް ދެއަތުން ހިފާލައި ހިނިތުންވެލިއެވެ. އަދި މަޑުމަޑުން ދެ އަތުގެ ތެރޭ މާޔަލްގެ ކޯ ފިއްތާލުމުން އޫވެގެން ދިޔަ އޭނާގެ ދެ ތުންފަތުގައި އަވަސް ބީހުލުމެއް ފަދައިން ބޮސްދިނެވެ.

"އަހަރެން މާޔާދެކެ ލޯބިވާވަރު އެނގުނީމަ ދޭ ވިލް އެކްސެޕްޓް މީ. ޑޯންޓް ވޮރީ." އައިރިކް ބުންޏެވެ. މާޔަލްއަށް ހީނލެވުނެވެ. އައިރިކްއާއެކު އަބަދުވެސް ބަޔާންކުރާން ނޭނގޭ ހިތްހަމަޖެހުމަށް ހިތަށް ވެރިވެގެންދާކަން މާޔަލްއަށް އިޙްސާސް ކުރެވެއެވެ. މުޅި ދުނިޔެއިން އޭނާއަށް ޓަކައި ޚިޔާރުކުރެވިފައިވާ ބައިވެރިޔާއަކީ އައިރިކްއޭ މާޔަލްއަށް ހީކުރެވެނީ އެހެންވެއެވެ.

"ޔޫ ޝުޑް ގޯ ނައު. އަހަރެން ގުޅާނަން. ޕްލީޒް... ކުއްލިއަކަށް ދެން ނާއްނައްޗޭ. ކިރިޔާ މިއަދު ހިތް ނުހުއްޓުނީ. އަހަރެން ރިކް ގެންނާނަމޭ، އެންމެނަށް އިންޓްރޮޑިއުސްކޮށްދޭން. އޭރުން ތީ އަހަރެންގެ ބޮސްއެއްނޫން. މެރީކުރަން ބޭނުންވާ ލޯބިވެރިޔާ." ރަކި ހިންޏަކާއެކު މާޔަލް ބުނެލިއެވެ. އައިރިކް ވެސް ހީނލީއެވެ. އޭނާ ވެސް އެދެނީ މާޔަލްގެ ލޯބިވެރިޔާގެ ގޮތުގައި އެ ޢާއިލާގެ ކުރިމައްޗަށް އަންނާށެވެ.

"މައްޔު ޖޮބަށް ދާންތަ ތިވިސްނަނީ؟." އައިރިކް ފޮނުވާލާފައި ބަދިގެއަށް އައިސް މާޔަލް ވަންތަން ފެނުމާއެކު އާމާލް ސުވާލުކުރިއެވެ.

"ދެން ނުދާނަން. ކޮންއިރަކުން ކަނީ މަންމާ." އައިރިކްއާއި ވަޒީފާއާ ބެހޭ ގޮތުން ވާހަކަދައްކަން މިވަގުތު ބޭނުންނުވާތީވެ މާޔަލް ސަމާލުކަން އަނބުރާލީއެވެ. އޭރު މަލަކް އާއި މައިރާ ތިބީ ކާމޭޒުދޮށުގައެވެ.

* * * * *

މައިރާ ގޮވައިގެން ރަޒާ އެނބުރި ގެއަށް އައީ އިޝާ ނަމާދުގެ ފަހުންނެވެ. ރަޒާގެ ޢާއިލާއަށް ދޭން އާމާލް ބޮނޑިބަތް ފޮނުވީތީ އެމީހުން ގެއަށް އައީ އެ ހިފައިގެންނެވެ. ސިޓިންރޫމު ސޯފާގައި އިން ލިޔުޝާ ތެދުވެގެން އައީ މައިރާ ބަދިގެއާ ދިމާއަށް އައީމައެވެ.

"މިއަދު ފިހާރަ މާ ބިޒީވީތަ." ލިޔުޝާ އަހާލިއެވެ.

"ފިހާރައަކަށްނޫން ދިޔައީ. މަންމަ ކައިރިޔަށް ދިޔައީ. މިއަދު ގޭގަ ބޮނޑިބަތް ކައްކައިގެން އުޅޭތީ. މީ މަންމަ މިގޭ އެންމެންނަށް ފޮނުވާފައި. ދޮންބެދައްތަ ވެސް ނަގާ އިނގޭ. މަންމައާއި ތިއްތަ ކޮބާ." މައިރާ އަތުގައި އޮތް ކޮތަޅުން ބޮނޑިބަތް ތަށި ނަގާ ކާމޭޒުމަތީ ބެހެއްޓިއެވެ. އެންމެންނަށް ފެންނާނީ އޭރުންވީމައެވެ.

"މަންމަ ދެކޮލުގަ ފުއްޖަހައިގެން ކާރުގައި ނައްޓާލައިފި. ރަޒާމެން އަންނަންދެން މަޑުކުރާށޭ ބުނީމާ ވެސް އަޅައެއްނުލި. އަހަރެން އެއްޗެކޭ ބުނުމެކޭ ކަނޑުގައި އަޅާލެވޭ ރޮނގެކޭ އެއްވަރު. ގޭތެރެއިން ރާނީ ނުފެންނަކަން އެނގޭއިރު އަހާވެސް ނުލި އެކުއްޖާ ކޮބާތޯ. އިރުފާގެ ހާލު ވެސް ނޭނގެ ބަލާލިކަމެއް. މިއަދު އިރުފާ ކޮޓަރިއަކުން ނުނިކުމޭ. މާ ހާލު ދެރައީހެން ހީވަނީ... އެއްޗެއް ނުކެވޭތީ އުޅެނީ، އެހެންވެ ބަތްޕެންކޮޅެއް ތައްޔާރުކޮށްގެން ގެންދިޔައިން. ބަލިވީމަ ކަންނޭނގެ އޭނާގެ ވެސް އަނގަ މަޑުވެއްޖެ." ލިޔުޝާ ބުންޏެވެ.

މައިރާ ދާން ވެގެން އެނބުރިލިއެވެ. އޭނާ ގަސްދުކުރީ އިރުފާގެ ހާލު ބަލާލާފައި ކޮޓަރިއަށް ދާށެވެ. ނަމަވެސް ފިޔަވަޅެއް ނޭޅިގެން އުޅެނިކޮށް ލިޔުޝާ މަޑުކޮށްލަން އެދުނެވެ.

"ކުރީން ދުވަހުވެސް ރަޒާއަށް ރަހަ ނުދައްކާތީ މިއަދު ހުންނާނެ ދެ މީހުންނަށް ގެނެސްފަ." ބަދިގޭ ފާރުގައި ހަރުކޮށްފައި ހުރި ކަބަޑުސެޓު ކައިރިއަށް ލިޔުޝާ ދިޔައެވެ. އޭނާ ކަބަޑެއްގެ ތެރެއިން މަތިޖަހާފައި ހުރި ދެ ތަށި ނެގިއެވެ. އެ ގެނެސް މައިރާއަށް ދިއްކޮށްލިއެވެ.

"ދެމީހުންނަށް ދެ ކުލައިން މިހުރީ. ރަޒާއަށް ބްލޫކުލަ މައިރާއަށް ޔެލޯ. ކޮންމެވެސް ރަޒާއަށް ރަހަދައްކައްޗޭ މިރޭ." ލިޔުޝާ ބުނެލިއެވެ. މައިރާގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. އޭނާ އެ ދެ ތަށި ލިޔުޝާގެ އަތުން ނަގައި ކާމޭޒުމަތީ ބެހެއްޓިއެވެ.

"އިހަށް މިދަނީ ތިއްތަގެ ހާލު ބަލާލަން." މައިރާ ބުންޏެވެ. ލިޔުޝާ ވަކިއެއްޗެއް ނުބުނެ ހުރީއެވެ.

މައިރާ އައިސް އިރުފާގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެތެރެއަށް އޭނާ ވަންއިރު ފާޚާނާ ހުޅުވާފައި ހުރިތަން ފެނުނެވެ. ހަމައެހިނދު އިރުފާ އޯކަށް ދެމޭ އަޑު އިވުނެވެ. މައިރާ ހަލުވިފިޔަވަޅުގައި އައިސް ފާޚާނާއަށް ވަނެވެ. ފާޚާނާ ތަށިކައިރިއަށް ގުދުވެގެން އޮތް އިރުފާއަށް ގޮވާލައި އޭނާއާ ގާތްވެލިއެވެ. އިރުފާގެ އިސްތަށިގަނޑު އެއްކޮށްލައި ހިފަހައްޓާލަ ދިނުމާއެކު ބުރަކަށީގައި މައިރާ ފިރުމާލިއެވެ.

"މައި..ރާ... ހޮސްޕިޓަލަށް ދާން... އަހަރެން ބަނޑުގަ... ބަނޑުގަ އެއްޗެއް ދުވަނީ..." ފެންކަޅިވެ އޯކަށްދެމުމުގެ ސަބަބުން ރަތްކަމެއްވެރިވެފައި ދެ ލޮލުން މައިރާއަށް ބަލަން ހުރެ އިރުފާ ވާހަކަދެއްކީ އުނދަގުލުންނެވެ.

(ނުނިމޭ)