ސިނަމާލެ ބްރިޖުގައި ދަތުރުކުރާ މީހުން ސަމާލުވުމަށް ފުލުހުންގެ އިދާރާ އިން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ މިކަމަށް އިލްތިމާސްކޮށްފައި މިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ގަދަ ވަޔާއެކު ވިއްސާރަ ކުރަމުންދާތީ ބްރިޖު ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ.
ބްރިޖުން ދަތުރުކުރާ މީހުން ސަމާލުވުމުގެ ގޮތުން އިސްކަންދޭން ޖެހޭ ބައެއް ކަންކަން ވެސް ފުލުހުން ބުނެދީފައިވެ އެެވެ. އެގޮތުން ބުރުގާ އަޅާ މީހުން ވަޔާ އެކު ބުރުގާ މޫނު މައްޗަށް ނުދާނެހެން ބެހެއްޓުމާއި، ވިއްސާރަ ކޯޓު ބޭނުންކުރާ މީހުން ވަޔާ އެކު ހަލާކުވެގެން ގޮސް އެހެން މީހުންގެ މޫނު މަތީގައި ނޭޅޭފަދަ ރަނގަޅު ފެންވަރުގެ ކޯޓެއް ބޭނުންކުރުމަށާއި އަދި ވައިގަދަވާ ގަޑިތަކުގައި އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ހިފެހެއްޓުމަށް ވެސް އެދިފައިވެ އެވެ.
މެޓް އޮފީހުން މިއަދު ނެރެފައިވާ އެންމެ ފަހުގެ އެލާޓްގައި ވަނީ މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ބުނެފަ އެވެ. ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރާއިރު މޫސުން އެންމެ ގޯސްވާ ވަގުތު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
މެޓް އޮފީހުން ބުނީ ރާއްޖެ އަށް މިހާރު މޫސުން ގޯސްވެފައިވަނީ ރާއްޖެ ސަރަހައްދުގެ ތޫފާނެއް އުޅޭތީ ނޫން ކަމަށާއި މިއީ މޫސުމީ ވިއްސާރަ ކަމަށެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ސިފައިންގެއިން ވެސް އިލްތިމާސްކޮށްފައިވެ އެވެ.