ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުން އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިއަށް އުދަ އަރާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިކަމަށް އިލްތިމާސްކުރީ ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުން އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިއަށް އުދަޔާއެކު ގަލާއި ވެލި އަރަމުންދާތީ އެވެ.
އުދަ އަރާތީ ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ވަނީ ލަފާކޮށްފަ އެވެ.
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރި ނަމަވެސް ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އެވެ. އުތުރާއި މެދުރާއްޖެ ތެރެއަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ރާޅުގެ އުސްމިނުގައި ދެ ފޫޓާއި ހަތަރު ފޫޓު ހުންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ދެކުނުގެ ކަނޑުތައް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި ހުންނާނީ އެއް ފޫޓާއި ތިން ފޫޓު ކަމަށް މެޓް އޮފީހުން ބުނެ އެވެ.