ދިގުރަށް

ދިގުރަށަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް

އދ. ދިގުރަށަށް ރޭ ދަންވަރުގެ ވަގުތެއްގައި އުދައަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ވިދާޅުވީ ރޭ ދަންވަރު ރަށުގެ އިރުމަތީ ފަރާތުން އެރި ރާޅުތަކުގެ އުސްމިނުގައި 13-15 ފޫޓް ހުންނާނެ ކަމަށެވެ. އަދި މިއީ ދިގުރަށަށް އުދައަރައި މިފަދަ ބޮޑެތި ގެއްލުންތަކެއް ލިބުނު ފުރަތަމަ ފަހަރު ކަމުގައިވެސް ވިދާޅުވި އެވެ.

ކައުންސިލްގެ ނައިބް ރައީސް އިބްރާހީމް އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރޭ ދަންވަރު އެ ރަށަށް އުދަ އަރަން ފެށިގެން ގޮތަށް އުދައެރުން ހުއްޓުނީ ފަތިސްވީ ފަހުންނެވެ. އުދައިގެ ސަބަބުން އާންމުން ދިރިއުޅޭ ގެތަކުގެ އިތުރުން ފިހާރަތަކަށް ފެން ވަދެ ގެއްލުން ތަކެއް ލިބުނު ކަންވެސް ފާހަގަކުރެއްވި އެވެ.

ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަން ކުރަމުންދާ ދިގު ރަށަށް އުދަ އެރުމުގެ ސަބަބުން ގެސްޓްހައުސްތަކަށް ފެން ވަދެ ހިފާ ގެންގުޅޭ ބައެއް ތަކެތި ހަލާކުވެފައިވާއިރު ކުނީގެ ސަބަބުން ގޮނޑުދޮށާއި މަގުތައް ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް އިބްރާހީމް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

"ރޭގައި މި އެރި އުދައިގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމަށް ކޮމިޓީއެއް އެކުލަވާލާ މަސައްކަތްކުރަން ފަށައިފިން. މި ލިބުނު ގެއްލުންތަކުގެ އަދަދާ ތަފްސީލު އަޅުގަނޑުމެންނަށް އެންމެ ލަސްވެގެން މާދަމާ ލިބޭނެ" އިބްރާހިމް ވިދާޅުވި އެވެ.

ކައުންސިލް ނައިބް ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ދިގުރަށު ބަނަދަރުގައި ޖަހާފައިވާ 8 ފޫޓުގެ ހިލައިގެ މަތިން ރާޅު އަރައި ބަނދަރުގައި އޮތް އޮޑި ދޯނި ފަހަރުތަކަށް ވެސް ގެއްލުންތައް ލިބިފައިވެ އެވެ. އަދި އުދަ އަރަމުން ދިޔަކަން އިނގުމާއިއެކީ ރައްކާތެރިވެ ތިބުމަށް ރަށު ރައްޔިތުންނަށް އަންގާފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ސުނާމީގައި މިރަށަށް ލިބުނު ގެއްލުންތަކަށް ވުރެ ވެސް ބޮޑެތި ފޫބައްދަން އުނދަގޫ ގެއްލުންތަކެއް ރޭގެ އުދައިގެ ސަބަބުން ލިބިފަ މިވަނީ. ރަށު ރައްޔިތުން އަދިވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި،" އިބްރާހިމް ވިދާޅުވި އެވެ.