ދިގުރަށް

ދިގުރަށުގައި އެއްލާލާފައި އޮތް ކުއްޖާގެ ޑީއެންއޭ ރިޕޯޓް ހުށަހަޅަން ފަހު ފުރުސަތު ދީފި

އދ. ދިގުރަށުގައި ވިހެއުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ޑީއެންއޭ ރިޕޯޓް ހުށަހަޅަން ކްރިމިނަލް ކޯޓުން ފަހު ފުރުސަތު ދީފި އެވެ.

ދިގުރަށުގައި ވިހެއުމަށްފަހު ތުއްތު ކުއްޖާ އެ ރަށު ކުނިގޮނޑު ސަރަހައްދަށް އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ޑިސެމްބަރު ތިންވަނަ ދުވަހުގެ ހެނދުނު 9:00 ހާއިރު އެވެ.

ތުއްތު ކުއްޖާގެ މަންމަ އަކީ ދިގުރަށުގައި ހުރި ގެސްޓްހައުސްއެއްގައި މަސައްކަތް ކުރި ސްރީލަންކާ މީހެއް ކަަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސް އެވެ. ކުއްޖާ ފެނުނު ދުވަހު މިއަންހެން މީހާ ފުރައިގެން ދާން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހައްޔަރުކޮށްފަ އެވެ.

މިމައްސަލައިގައި ދައުލަތުން ވަނީ ހިރަންޏާގެ މައްޗަށް އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ކުރުމުގެ ދައުވާ އުފުލާފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ކޯޓުން ސުވާލުކުރުމުން ދައުލަތުން ބުނީ ކުއްޖާގެ ޑީއެންއޭ ރިޕޯޓް ހޯދަން ފުލުހުންނަށް ހުށަހަޅާފައިވީ ނަމަވެސް އެ ރިޕޯޓް ލިބިފައި ނެތް ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވިދާޅުވީ ހާދިސާ ހިނގިތާ ހަމަސް ވެގެން ދިޔައިރު ތުހުމަތު ކުރެވޭ މީހާވެސް ހުރީ ބަންދުގައި ކަމަށްވާތީ މިމައްސަލަ ކުރިއަށް ގެންދިއުމާ މެދު ކޯޓުން ގޮތެއް ނިންމަން ބޭނުންވާ ކަމަށެވެ.

ކޯޓަށް ގޮތެއް ނިންމޭނީ ޑީއެންއޭ ރިޕޯޓް ލިބިގެން ކަމަށްވާތީ މިމަސް ނިމުމުގެ ކުރިން އެ ރިޕޯޓް ހުށަހެޅުމަށް ގާޒީ މިއަދު ވަނީ ދައުލަތަށް ފަހު ފުރުސަތު ދީފަ އެވެ.

ފުލުހުން މީގެކުރިން ވަނީ ތުއްތު ކުއްޖާގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވައިގެން ޕޯސްޓްމޯޓަމްވެސް ހަދާފަ އެވެ. އަދި ކުއްޖާގެ ހަށިގަނޑު މިހާރު ވަނީ ވަޅުލާފަ އެވެ.