ގަން އިންޓަނޭޝަނަލް އެއާޕޯޓް

ދެކުނުގެ އަތޮޅުތަކަށް ވައިގެ ދަތުރުތައް ފުޅާކުރަނީ

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) މެދުވެރިކޮށް ދެކުނު ހަތަރު އަތޮޅަށް ކުރާ ވައިގެ ދަތުުރުތައް ފުޅާކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ.

ޖީއައިއޭ ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު އަވަސް އަށް ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށާ ފްލައި ދުބާއީގެ ދަތުރުތައް ފެށުމުގެ ކުރިން ދެކުނުގެ އަތޮޅުތަކަށް ވައިގެ މަގުން ކުރާ ދަތުރުތައް ފުޅާކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ގައިސް ވިދާޅުވީ ފްލައި ދުބާއީގެ ދަތުރުތައް ފެށުމުން ދެކުނުގެ އަތޮޅުތަކުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެގެން ދާނެ ކަމަށެވެ. އޭގެ ފުރިހަމަ މަންފާ ލިބޭނީ ފަތުރުވެރިންނަށް ދަތުރުފަތުރު ކުރާނެ ގޮތެއް އަދި ޗުއްޓީ ހޭދަކުރާނެ ގޮތްތަކެއް ދެކުނުގެ އަތޮޅުތަކުގައި ހަމަޖެހިގެން ކަމުގައިވެސް ވިދާޅުވި އެވެ.

"އިތުރަށް އާރްޓީއެލްގެ ހިދުމަތްތައް ފެށީމަ ވަރަށް ބޮޑެތި ފަސޭހަ ތަކެއް ލިބިގެން ދާނެ. މީގެ އިތުރުން އަޅުގަނޑުމެން މިހާރު މިދަނީ މޯލްޑިވިއަން އަދި މަންތާ އެއާއާ ވާހަކަ ދައްކަމުން ދެކުނުގެ އަތޮޅުތަކަށް ކުރާ ދަތުރުތައް ގިނަ ކުރުމަށް،" ގައިސް ވިދާޅުވި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކޮށްފައިވާ މޯލްޑިވިއަންގެ ސީޕްލޭން ޓާމިނަލްވެސް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް ސީޕްލޭންގެ ހިދުމަތް ރާއްޖޭގެ ދެކުނުގައި ފަށާނެ ކަމުގައިވެސް ގައިސް ވިދާޅުވި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތް ޖެނީފާ ވިދާޅުވީ ފްލައި ދުބާއީން ފައްޓަން އުޅޭ ދަތުރުތަކާ ގުޅިގެން މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތައް ވެސް އައްޑޫއަށް އިތުރުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އައްޑޫ އަށް އަދި ދެކުނުގެ އަތޮޅުތަކަށް ދަތުރުތައް އިތުރުކުރާނީ ފްލައި ދުބާއީން ފަތުރުވެރިން އަންނަ ނިސްބަތަށް ބެލުމަށްފަހުގައި ކަމަށްވެސް ޖެނީފާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދަތުރުކުރަން ޖެހޭ ހާލަތުގައި ކުރާނަން. ދަތުރުކުރާ މީހުންނާއި ޑިމާންޑަށް ބަލާނެ،" ޖެނިފާ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުންކުރުމަށް އައިލެންޑް އޭވިއޭޝަނުން 23 ބޯޓެއް ގެންގުޅެ އެވެ. މީގެތެރެއިން 11 ބޯޓަކީ ސީޕްލޭން އެވެ.