މާލޭ ސިޓީ ކައުންސިލް

ގަލޮޅުގައި ޒަމާނީ ޕާކެއް ތަރައްގީކުރަނީ

މާލޭގެ ގަލޮޅުގެ އަވަށުގައި ހުރި ސިޓީ ޕާކު ހުރި ބިމުގައި އަލުން ޕާކެއް ތަރައްގީ ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ޕާކް ޑިޒައިން ކޮށްފައިވަނީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް ތަރައްގީކުރާށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މި ޕާކުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން "ޓްރީ ހައުސް" ތީމަށް ހަދާ ތަނުގައި އެންމެ ތުއްތު ކުދިންނަށް ހާއްސަ ބަޔަކާއި ކުޑަކުދިންނަށް ހާއްސަ ބައެއް ހިމެނޭނެ ކަމަށެވެ.

މީގެއިތުރުން މިޕާކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ކަސްރަތުކޮށް އުދޯލިހެއްލޭ ގޮތަށް ބައެއް ވަސީލަތްތައް ގާއިމުކުރުމަށްވެސް ނިންމާފައިވެ އެވެ.

އަލުން ތަރައްގީކުރާ މި ޕާކުގައި ދެ ބުރިއަށް އިމާރާތެއް ހަދައި ބެޑްމިންޓަން ކޯޓަކާއި ބާސްކެޓްބޯލް ކުޅޭނެ ކޯޓެއް ވެސް އެ އިމާރާތުގައި ހެދުމަށް ނިންމާފައިވެ އެވެ. އަދި އެތަނުގެ ތިރީގައި 102 ސައިކަލް ޕާކު ކުރެވޭ ޖާގައިގެ ޕާކިންޒޯނެއް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ.

ޕާކިން ޒޯނާ އިންވެގެން ކޮމާޝަލް ޖާގައިގެ ގޮތުގައި ދެ ސްލޮޓް ހާއްސަ ކުރުމަށްވެސް ނިންމާފައިވެ އެވެ.

މިސަރަހައްދަކީ މީގެ ކުރިން ވެސް ދެ ސަރުކާރެއްގައި ޕާކެއް ހަދާފައިވާ ސަރަހައްދެކެވެ. ނަމަވެސް ޕާކް ރަނގަޅަށް ބަލަހައްޓާފައި ނުވާތީ ކޮންމެ ފަހަރަކުވެސް ވީރާނާވެގެން ދަނީ އެވެ.