މާލޭ ސިޓީ ކައުންސިލް

ޖަޒީރާ ޕާކްގެ މަސައްކަތްތަކެއް ކޮށްދޭނެ ބަޔަކު ހޯދަނީ

ލޮނުޒިޔާރަތްކޮޅުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ޕާކްގައި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ލޮނުޒިޔާރަތްކޮޅުގައި ހަދަމުންދާ ޕާކްގައި ޕޮންޑްބްރިޖް، ލައިފްގާޑް ހަޓް، ކެނޮޕީއެންޓްރެންސް އަދި ތިން ހަޓް ހަދަން ބޭނުންވާ ކަމަށެވެ.

އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި ބިޑް މާލޭ ސިޓީ ކައުންސިލް އިދާރާގެ މާފަންނު އޮފީހަށް ހުށައެޅުމަށް ވަނީ އެދިފައެވެ.

އެ މަސައްކަތް ކުރަން އެދޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ އަމިއްލަ ތަކެތީގައި ސިޓީ ކައުންސިލުން ބުނެއެވެ.

މައުލޫމާތު ސާފުކުރުން އޮންނާނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. ބިޑް ހުށަހެޅުން އޮންނާނީ މިމަހުގެ އައްވަނަ ދުވަހުއެވެ.

ސިޓީ ކައުންސިލުން ބުނީ މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެ ކަމަށެވެ.

ލޮނުޒިޔާރަތްކޮޅުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ޕާކްގައި އިމާރާތްތަކެއް ކުރަމުންދާ މައްސަލާގައި ކައުންސިލް މެންބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައެވެ. އެއީ މަސައްކަތް ކުރަމުންދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށްވެސް ބައެއް މެންބަރުން ވަނީ ތުހުމަތުކޮށްފައެވެ.