ގަލޮޅު އަވަށުގައި ކުރީގެ ސިޓީ ޕާކް ހުރި ސަރަހައްދުގައި ތަރައްގީކުރަން ހަމަޖެހިފައިވާ ޕާކު ހަދާނެ ގޮތުގެ ހިޔާލު ރައްޔިތުންގެ ފަރަތުން ހޯދުމަށް މާލެސިޓީގެ މޭޔަރު ޑރ. މުހައަމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ.
ގަލޮޅު ސިޓީ ޕާކް ސަރަހައްދުގައި އޮތް މި ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ މިހާރުވެސް ޕާކުގެ ޑިޒައިން ކުރަހާފައިވަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު ކަމަށެވެ. އަދި ރޭ ބޭއްވުނު ބައްދަލުވުމުގައި ބައިވެރި ނުވެވުނު ރައްޔިތުންގެ ތެރެއިން މިކަމަށް ހިޔާލު ހުށަހަޅަން ބޭނުންވާ ރައްޔިތުންނަށް މާލެސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ތިންދުވަސް ވަންދެން ލިބޭނެ ކަމުގައި ވިދާޅުވި އެވެ.
ތަނުގައި ހުރި ބޮޑެތި ގަސްތައް ނުނަގާ އަދި އެކި ބޭނުންތައް ކުރެވޭ ގޮތަށް ތަރައްގީ ކުރެވޭ މިޕާކަކީ ޒަމާނީ، ރީތި، ބޭނުންތެރި ތަނަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން މޭޔަރު ދެއްވި އެވެ.
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ކުޑަކުދިން، އާއިލާތައް، ކުޅިވަރު ކުޅެވޭނެ ގޮތް، ހިމެނޭ ގޮތަށް ޕާކު ބައްޓަން ކޮށްފައި މިވަނީ،" މޭޔަރު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވަނީ ޕާކް ތަރައްގީކުރަން ނިންމާފައިވާ ގޮތުގެ ތްރީޑީ ކުރެހުންތަކާއި ވީޑިއޯއެއްވެސް ދައްކާލާފަ އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި މިހާރު އޮތް ކޮންސެޕްޓްގައި ޕާކް ހެދުމަށް ގާތްގަޑަކަށް ހަ މިލިއަނާއި އަށް މިލިއަނާއި ދެމެދުގެ ހަރަދެއް ހިނގާނެ ކަމަށް ލަފާކުރެވެ އެވެ. އެއީ ކުރިން ހުރި ތަން ތަޅައި ސާފުކުރުމާއި، ކުޅިވަރު ސަރަހައްދާއި ކޮމާޝަލް އޭރިއާ ވެސް ތަރައްގީކޮށް، މުޅި ޕާކް ހިތްފަސޭހަ މަންޒިލަކަށް ހެދުމަށް ބޭނުންވާ ހުރިހާ ބަދަލެއް ގެނައުމަށް ހިނގާނެ ހަރަދު ކަމުގައިވެސް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ކައުންސިލްގައި ބަޖެޓް ނެތުމުން ޕާކް ހަދަން ނިންމާފައިވަނީ އާންމުކޮށް ހުޅުވާލައިގެން ބަޔަކާ ހަވާލުކޮށްގެން ކަމަށެވެ. އެގޮތަށް ޕާކް ހަދައިދޭ ފަރާތަށް ޕާކުގެ ކޮމާޝަލް އޭރިއާ ބޭނުންކޮށްގެން އާމްދަނީ ލިބޭނެ ގޮތް ހަދައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މިކަމަށްވެސް މިނޫން ރަނގަޅު ހިޔާލެއް ރައްޔިތުންގެ އޮތްނަމަ އެހިޔާލު ހުށަހެޅުމަށް އަޅުގަނޑު އެދެން،" މޭޔަރު ވިދާޅުވި އެވެ.
މިޕާކަކީ މީގެ ކުރިންވެސް ދެ ސަރުކާރެއްގައި ތަރައްގީކޮށްފައިވާ ތަނެކެވެ. ނަމަވެސް ޕާކް ރަނގަޅަށް ބަލަހައްޓާފައި ނުވާތީ ކޮންމެ ފަހަރަކުވެސް ވީރާނާ ވެގެން ދަނީ އެވެ.