ވިލާ ހައިސްކޫލް

ފީ ނުދައްކާ ވިލާގައި އޭލެވެލްއަށް މިހާރު ކިޔެވޭނެ

ޝަރުތު ހަމަވާނަމަ ވިލާ އިންޓާނޭޝަނަލް ހައި ސްކޫލުން (ވީއައިއެޗްއެސް) އެއްވެސް ފީ އެއް ނުދައްކައި އޭލެވެލް ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

"އަވަސް" އަސް މައުލޫމާތު ދެއްވަމުން ވީއައިއެޗްއެސްގެ އެސިސްޓެންޓް ޕްރިންސިފަލް އަހްމަދް ވަހީދު ވިދާޅުވީ އިސްލާމް އަދި ދިވެހި ހިމެނޭހެން އޯލެވެލްގައި 5 މާއްދާއިން ފާސްވެފައިވާނަމަ މިހާރު ވިލާ އިން ހިލޭ އޭލެވެލްއަށް ކިޔެވޭނެ ކަމަށެވެ.

ފީ ދެއްކުމަކާ ނުލައި އޭލެވެލްއަށް ކިޔެވޭނެ އިންތިޒާމު ވިލާ އިން އަލުން ހަަމަޖައްސާފައި މިވަނީ އެ ސްކޫލުގައި ގްރޭޑް 11،12 ގައި ކިޔަވާ ކުދިންނަށް ސަރުކާރުން ކޮންމެ މަހަކު ކުރިން ދެމުން ދިޔަ އަދަދު ބޮޑުކޮށްދޭން އެ ސްކޫލުން އެޑިޔުކޭޝަން މިނިސްޓްރީގައި އެދިފައި ވަނިކޮށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އޭލެވެލަށް ކަނޑައަޅާފައިވާ ޝަރުތުތަކަށް ފެތޭ ކުދިންގެ ތެރެއިން ވީއައިއެޗްއެސްގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ސަރުކާރުން ކޮންމެ މަހަކު 1،370ރ. ކުރިން ދެއެވެ.

ވިލާ ހައި ސްކޫލުން ކުރިން ބުނެފައިވާ ގޮތުން އޭލެވެލް ހަދާ ކުދިންގެ އަތުން އެންމެ ކުރިން ނަގަމުން އައީ ބޮލަކަށް 2،400 ރުފިޔާ އެވެ. ނަމަވެސް އެ އަދަދު ވިލާ އިން ފަހުން ވަނީ 3،600 ރުފިޔާ އަށް ބޮޑުކުރުމަށް ނިންމާފަ އެވެ. އެކަމަކު ކޮންމެ ކުއްޖެއްގެ އަތުން ނަގާ ފީއަށް ސަރުކާރުން ދޭ އަދަދު ބޮޑުކުރުމުން ބެލެނިވެރިން ދައްކަންޖެހޭ ފީ ކުޑަވާނެ ކަމަށްވެސް ވިލާ އިން ކުރިން ބުނެފައިވެ އެވެ.

ވަހީދު ވިދާޅުވީ ވީއައިއެޗްއެސްގައި ދަރިވަރުންނަށް އޭލަވަލް އަށް ކިޔެވޭ ގޮތް ހަމަޖެހިގެން ދިޔައީ ދަރިވަރުން އަތުން އެއްވެސް ފީ އެއް ނުނަގާ ސަރުކާރުން އެބައި ދައްކާ ގޮތަށް މި ހަފްތާގައި ހަމަޖެއްސުމާ ގުޅިގެންނެވެ.

ވީއައިއެޗްއެސްގައި އެއްވެސް ފީ އެއް ނުދައްކައި އޭލެވެލް ކިޔެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން ބުނި ނަމަވެސް މިކަމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.