ދައުލަތުގެ ބަޖެޓުގެ ގޮތުގައި އަންނަ އަހަރު ހުށަހަޅާނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަމީރު މިމައުލޫމާތު ހިއްސާކުރީ ދައުލަތުގެ މާލީ ހާލަތާ ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އަމީރު ވިދާޅުވީ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާތީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ދައުލަތުގެ މެދުރާސްތާގެ އާމްދަނީ 2019 ވަނަ އަހަރު ހުރި މިންވަރަށް މިއަހަރު ރުޖޫއަވާނެ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ލިބޭ އާމްދަނީ 24.9 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އަމީރު ވިދާޅުވި އެވެ.
"2023 ވަނަ އަހަރު ޖުމުލަ އާމްދަނީ ގާތްގަނޑަކަށް 30.7 ބިލިއަން ރުފިޔާގަ ހުންނާނެ. މިއީ އަޅުގަނޑުމެން ފިސްކަލް ޕޮލިސީގައިވެސް ހިމަނާފަ ހުންނާނެ އަދަދުތައް." އަމީރު ވިދާޅުވި އެވެ.
ފިއުލް ސަބްސިޑީއަށް އައި ބަދަލާއެކު މިއަހަރު ނިމޭއިރު ރާއްޖޭގެ ހަރަދުތައް 43 ބިލިއަނަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ތެލުގެ އަގު އުފުލުމުން ފިއުލް ސަބްސިޑީއަށް އަންދާޒާ ކުރި މިންވަރު ހަގުނަ އިތުރުވެފައިވާ ކަމަށްވެސް އަމީރު ވިދާޅުވި އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 37 ބިލިއަން ރުފިޔާ އެވެ. ދައުލަތަށް މިއަހަރު އާމްދަނީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 34.1 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓަކީ 9.8 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ލަފާކުރި އަދަދަށް މިއަަހަރު އާމްދަނީ ނުލިބޭނެ ކަމަށް މިހާރު ޔަގީންކުރެވޭތީ ދައުލަތުގެ ޖުމްލަ ދަރަނި ބަޖެޓު ފޮތުގައި އޮތް އަދަދަށް ވުރެ ބޮޑު ވާނެ އެވެ.
މިއަހަރު ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތުގެ ޓެކްސް އިދާރާ -- މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 16.6 ބިލިއަން ރުފިޔާ އެވެ.