ދުނިޔޭގެ އެންމެ މަޝްހޫރު ކްރެޑިޓް ރޭޓިން ކުންފުނި -- ފިޗް ރޭޓިންގްސް އިން ރާއްޖެއަށް ދީފައިވާ "ބީ މައިނަސް" ރޭޓިން އެގޮތުގައި ދަމަހައްޓައިފި އެވެ.
ރާއްޖޭގެ ރޭޓިން މިވަގުތު ހިފެހެއްޓި ނަމަވެސް ކުރިއަށް ދުވަސްތަކުގައި ރާއްޖޭގެ އިގްތިސޯދު ދަށަށް ގޮސް ދަރަނީގެ ހާލަތު ގޯސްވާނެ ކަމަށް ލަފާކޮށްފައިވެ އެެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވާނެ ކަމަށް ފިޗް ރޭޓިންގްސް އިން ދެކޭ ސަބަބުތަކެއްވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މަތިވެ ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރަން ކުރާ ހަރަދު ބޮޑުވެ ރިޒާވް ދަށަށް ދިއުމާއި، ރިޒާވް ބޭންކް އޮފް އިންޑިއާ -- އާރްބީއައިއާ އެކު އެމްއެމްއޭ އިން ހަދާފައިވާ ކަރަންސީ ސްވޮޕް ދެއްކުމަށް ބޮޑު ހޭދައެއް ކުރަންޖެހުމާއި، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް އަޅާ ފިޔަވަޅުތަކުން ކުރާނެ އަސަރުތައް ފާހަގަކޮށްފައިވެ އެވެ.
ރާއްޖޭގެ ރިޒާވްގެ އަދަދު އެހާ ގޯސް ނޫން ކަމަށް ދިވެހި ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް ރާއްޖޭގެ ރަސްމީ ރިޒާވްގެ އަދަދު 540 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށް ފިޗުން ބުނެ އެވެ. މިދިޔަ އަހަރު ރިޒާވްގައި އެއް ބިލިއަން ޑޮލަރު ހުރި ކަމަށްވެސް ފިޗުން ފާހަގަކުރެ އެވެ.
ފިޗުން ބުނީ ދިވެހި ދައުލަތުން އަންނަ އަހަރުން 214 މިލިއަން ޑޮލަރު ލޯން ދެއްކުމަށް ހަރަދު ކުރާނެ ކަމަށެވެ. އަދި މީގެއިތުރުން ދިވެހި ދައުލަތުން ގެރެންޓީ ދީފައިވާ 151 މިލިއަން ޑޮލަރު ވެސް އަންނަ އަހަރު ދައްކަންޖެހޭ ކަމަށެވެ. މިއާ އެކު ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 96.2 ޕަސަންޓުން 101.8 ޕަސަންޓަށް މައްޗަށް ދާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ. އަދި ލޯން ނަގައިގެން ހިންގާ ބިޔަ މަޝްރޫއުތަކުގެ ސަބަބުން ބަޖެޓްގެ ދަރަނި 13.8 ޕަސެންޓުން 15.7 ޕަސެންޓަށް މިއަހަރު މައްޗަށް ޖެހިލާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ،
ފިޗުން ރާއްޖޭގެ ރޭޓިން ހިފެހެއްޓި މައިގަނޑު ސަބަބަކީ މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވުމާއި އަންނަ އަހަރުވެސް އެ އަދަދަށް ދަށަށް ނުގޮސް ހުންނާނެ ކަމަށް ލަފާކުރެވޭތީ އެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ މައިނަސްގައި ހުއްޓާ ފިޗުން ރާއްޖެގެ ރޭޓީން މިދިޔަ އަހަރު ސީސީސީ އަށް ވެސް ވައްޓާލި އެެވެ. ފިޗުގެ ރޭޓިންއަށް ބަލާއިރު ސީސީސީ އަކީ މާލީ ހާލަތު އެންމެ ގޯސްވެގެން ދަރަނި ނުދެއްކިދާނެ ކަމަށް ފެންނަ ގައުމުތަކަށް ދޭ ރޭޓިން އެކެވެ. ނަމަވެސް އަލުން ރާއްޖޭގެ ރޭޓިން ބީ މައިނަސް އަށް މައްޗަށް ޖެއްސީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
ދުނިޔޭގެ ގައުމުތަކުންނާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ގައުމުތަކަށް ލޯނު ދިނުމުގައި ފިޗުގެ ރޭޓިން ވަރަށް ބޮޑަށް ބަލަ އެވެ. އެހެންކަމުން ފިޗްގެ ރޭޓިންއަށް ގޯސް ބަދަލެއް އައުމަކީ ލޯނާއި ބޭރުގެ އެހީ ހޯދަން ދަތިވާނެ ކަމެކެވެ.