ވިޔަފާރި

ކުރުނބާ: އެންމެ މަގުބޫލު އޯލް އިންކްލޫސިވް ރިސޯޓް

Jan 22, 2015

ޓްރިޕް އެޑްވައިޒާ އިން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު "އޯލް އިން ކްލޫސިވް" ރިސޯޓުގެ ތިންވަނަ މަގާމު ރާއްޖޭގެ ކުރުނބާ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

މަޝްހޫރު ބުކިން ވެބްސައިޓް ޓްރިޕް އެޑްވައިޒާ މެދުވެރިކޮށް ދަތުރު ކުރުމަށް ބުކިން ހައްދާ އެތައް މިލިއަން މީހުންގެ މެދުގައި އެންމެ އެންމެ މަގުބޫލު އޯލް އިންކްލޫސިވް ރިސޯޓަކަށް ހޮވުނީ ޕެރޫގެ، ރޯޔަލް ކަންޓާޔޯ ސަންޓާނާ ރިސޯޓެވެ. އަދި ދެވަނަ އަށް ހޮވުނީ މެކްސިކޯގެ އަލްބެރޯސްޓާ ގްރޭޑް ހޮޓަލެވެ. އަދި ތިންވަނަ ލިބުނީ ރާއްޖޭގެ ކުރުނބާ މޯލްޑިވްސް ރިސޯޓަށެވެ.

ޓްރިޕް އެޑްވައިޒާ އިން މި އެވޯޑު ދިނުމުގައި ރިސޯޓުން ދެވޭ ހިދުމަތްތަކުގެ ފެންވަރަށް ބަލާފައިވެ އެވެ.

ޓްރިޕް އެޑްވައިޒާއިން ހޮވާ އެންމެ މަގުބޫލު އޯލް އިންކްލޫސިން ރިސޯޓުގެ ތިންވަނަ ކުރުނބާ މޯލްޑިވްސްއަށް ލިބުނުއިރު، ޓްރިޕް އެޑްވައިޒާގެ އެންމެ މަގުބޫލު ރިސޯޓަކަށް ވެސް ހޮވިފައިވަނީ ރާއްޖޭގެ ގިލި ލަންކަންފުއްޓެވެ. އަދި ގިލި ލަންކަންފުށީގެ އިތުރުން ރާއްޖޭގެ ދެ ރިސޯޓް ކަމަށްވާ ކޮންސްޓެންޓް މޫފުއްޓާއި މަޝްހޫރު ކޮކޯ ބްރޭންޑުން އުފައްދާ ކޮކޯ އައިލެންޑް ރިސޯޓު ވެސް ހޮވިފައިވެ އެވެ.

ކުރުނބާ މޯލްޑިވްސްއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓެވެ. މީގެ 43 އަހަރު ކުރިން 1972 ވަނަ އަހަރު ރާއްޖޭގައި ހުޅުވި މި ރިސޯޓަށް މީގެކުރިން ވެސް ގިނަ އެވޯޑުތަކެއް ލިބިފައިވެ އެވެ.