ގިނަ ބަތަލާއިން ތަކަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތުތައް ކުރެވިފައިވާ ޑައިރެކްޓަރު ސާޖިދު ޚާން މިހާރު ހުރީ "ބިގް ބޮސް 16"ގެ ގޭގަ އެވެ. އެ ޝޯގެ އެއް ބައިވެރިއެއްގެ ގޮތުގަ އެވެ.
ސާޖިދު "ބިގް ބޮސް"ގައި ބައިވެރި ކުރުމުން އޭނާގެ ހަނގާތައް ތަޖުރިބާކޮށްފައިވާ ގިނަ އަދަދެއްގެ ބަތަލާއިން ގެންދަނީ އެ ގެއިން އޭނާ ބޭރުކުރުމަށް އެދި ޝޯގެ ހޯސްޓް ސަލްމާން ޚާނަށާއި ޝޯގެ ޕްރޮޑިއުސަރުންނަށް އިލްތިމާސް ކުރަމުންނެވެ.
ބިގް ބޮސްގެ ގޭގައި މިހާތަނަށް ވެސް ސާޖިދަށް ހުރެވުނީ ސަލްމާންގެ ނުފޫޒުންނެވެ. އެ ޝޯގައި ސާޖިދު ބައިވެރިކުރަން ސަލްމާން ކިބައިން އެދުނީ ސަޖިދުގެ ދައްތަ އަދި މަޝްހޫރު ކޯރިއޮގްރާފަރު-ޑައިރެކްޓަރު ފަރާ ޚާން އެވެ. ފަރާ އާއި ސަލްމާން އަކީ ކުޑައިރުއްސުރެ ވަރަށް ގާތް ދެ އެކުވެރިންނެވެ. އެހެންވެ ފަރާގެ އެދުމަށް ސަލްމާނަށް ނޫނެކޭ ބުނަން ނުކެރުނީ އެވެ.
ނަމަވެސް ސާޖިދު ޝޯއިން ބޭރުކުރަން ގޮވާ އަޑު ގަދަވެ އަދި ގިނަ އަދަދެއްގެ ބަތަލާއިން ފާޅުގައި ނުކުމެ އެމީހުންނަށް ސާޖިދު ކުރި ކަންތައްތަކާއި އެމީހުންނާ ދިމާލަށް ކިޔާފައި ހުރި އެއްޗެތިތައް ހާމަކުރަން ފެށުމުން ސާޖިދު ޝޯ އިން ވަކިކުރުން ނޫން ގޮތެއް މިހާރު ސަލްމާނަކަށް ވެސް ފެންނާކަށް ނެތެވެ. އަދި ކުރިޔަށް އޮތް ހަފުތާ ތެރޭ ސާޖިދު "ބިގް ބޮސް"ގެ ގެއިން ބޭރުކުރަން ޚުދް ސަލްމާން ވެސް މިހާރު ވަނީ އެއްބަސް ވެފަ އެވެ.
ސާޖިދުގެ ޖިންސީ ފުރައްސާރައާ ކުރިމަތިވެފައިވާ ބަތަލާއިން ވަރަށް ގިނަ އެވެ. ނަމަވެސް އެތަނުން އެއްވެސް މީހަކަށް ސާޖިދު ޖަލަށް ލެވޭ ވަރަށް ހެކި ދެއްކޭ ގޮތެއް ނުވެ އެވެ.
ނަމަވެސް ފާއިތުވީ ހަތަރު އަހަރު ދުވަސް ސާޖިދު ހޭދަކޮށްފައިވަނީ ގޭން ބޭރަށް ވެސް ނުކުންނަން ނުކެރި ގޭގަ އެވެ. އިންޑަސްޓްރީގެ އެއްވެސް މީހަކު އޭނާއާއެކު މަސައްކަތްކުރަން ބޭނުމެއް ނުވެ އެވެ. އަދި މި ތުހުމަތުތައް ކުރެވެން ފެށިއިރު އޭނާ ޑައިރެކްޓްކުރަމުން ދިޔަ ފިލްމު ވެސް އޭނާގެ އަތުން ވަނީ އަތުލާފަ އެވެ.