ޏ. ފުވައްމުލަކު، ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ އަލީ ޝާހިލް ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުނެފި އެވެ.
ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައި އޮއްވާ ފެނުނީ މިއަހަރުގެ އޮގަސްޓް މަހު އެވެ. މައްސަލައިގައި ތުހުމަތު ކުރެވޭ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިން ނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އޮފިސަރު ވިދާޅުވީ ޝާހިލްގެ ފަރާތުން ތަހުގީގުގައި ވާހަކަ ދައްކާ ކަމަށާއި ނަމަވެސް މައްސަލަ އާއި ސީދާ ގުޅުންހުރި އެއްވެސް ވާހަކައެއްގައި ޝާހިލްގެ ފަރާތުން މާބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށެވެ.
އިނީޝިއަލް ސްޓޭޖުގައި ޝާހިލް އޭނާގެ ފޯނުގެ ޕާސްވޯޑު ނުދޭ ކަމަަށާއި ފޯނުގެ ޕާސްވޯޑު ދިނުމަށް ކޯޓު އަމުރު ނެރުމުންވެސް ޝާހިލް ޕާސްވޯޑު ނުދިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޝާހިލް ފަހުން ޕާސްވޯޑެއް ދިން ކަމަށާއި އޭރު ޕާސްވޯޑް ބައިޕާސްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ޝާހިލް ދިން ޕާސްވޯޑު ބޭނުންނުކުރާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުލުހުންނަށް ޝާހިލްގެ ފޯނު ހުޅުވުނުއިރު ޝާހިލް ދިން ޕާސްވޯޑަކީ ފޯނުގެ ޕާސްވޯޑުކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ. ފޯނު ހުޅުވިފައިވާއިރު އިތުރު ހެކި ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން މިއަދު ބުނީ ޝިއާއުގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ މީހާއަށް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ދައުވާ ކުރަން ފޮނުވޭނެ ކަމަށެވެ. ޝިއާއުގެ މަރުގެ މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށާއި މި މައްސަލައިގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ފާހަގަ ނުކުރެވޭ ކަމަށެވެ.
ޝިއާއު މަރުވި ފަހުންވެސް ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.