މޯލްޑިވްސް ޕޮލިސް ސާވިސް

މަރުވުމުގެ ކުރިން ހަމަލާދިން މީހުން ޒަޔާން ކިޔައިދިން: ޕޮލިސް

އައްޑޫ ސިޓީ ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާނަށް ހަމަލާދިން މީހުންގެ މައުލޫމާތު އޭނާ މަރުވުމުގެ ކުރިން ފުލުހުންނާ ހިއްސާކުރި ކަމަށް ފުލުހުން ބުނެފި އެވެ.

ޒަޔާންގެ މަރާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ ޒަޔާނަށް ހަމަލާދިން މައްސަލަ އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ތަނަށް ދިޔަ ކަމަށެވެ.

މަރާމާރީ ހިންގާ ތޫނު އެއްޗަކުން ހަމަލާ ދިނުމާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ޒަޔާން މަރުވީ މިއަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުގެ ރެ އެވެ.

ސާމިހް ވިދާޅުވި ގޮތުގައި އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އެރޭ މެންދަމު 3:10 ހާއިރު އެވެ. ފުލުހުން ސީނަށް ދިޔައީ 3:16 ހާއިރު އެވެ.

އޭރު ޒަޔާން ވާހަކަދައްކާކަން ފާހަގަކުރައްވާ ސާމިހު ވިދާޅުވީ ފުލުހުން އޭރު ޒަޔާންއާ ސުވާލުކުރުމުން ހަމަލާ ދިން މީހުންނާ ބެހޭ ގޮތުން މައުލޫމާތުތަކެއް ހިއްސާކޮށް ޒަޔާން ވާހަކަ ދެއްކި ކަމަށެވެ.

"ޒަޔާންއަށް ހަމަލާ ދިނީ ބަދަލުހިފުމުގެ ގޮތުން. ކަމަށް ބެލެވޭ،" ސާމިހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒަޔާނަށް ހަމަލާދިނުމުގެ ސަބަބުން ގިނަ އަދަދަކަށް ލޭ ފައިބާފައިވާ ކަމަށާއި އެމްބިއުލާންސްގައި ޒަޔާން ހޮސްޕިޓަލަށް ގެންދިޔައީ މާރާމާރީ ހިންގި ރޭ 3:40 ހާއިރު ކަމަށެވެ.

ޒަޔާނަށް ހަމަލާދިނީ ސިލްސިލާ މާރާމާރީތަކެއްގެ ތެރެއިން ކަމަށް ސާމިހް ވިދާޅުވި އެވެ. އަދި މިއީ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށާއި އަދި އިތުރު މަގުސަދެއްވެސް އޮތްކަން ފާހަގަކޮށް ވިދާޅުވީ އެ މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށެވެ.

އިންވެސްޓިގޭޝަން އޮފިސަރު އަދި ސީނިއާ ސާޖަންޓް ސައުދު އިބްރާހީމް މިއަުދ ވިދާޅުވީ މައްސަލައިގައި 18 އަހަރުން ދަށުގެ ހަތަރު ކުދިން ހިމެނޭ ގޮތަށް ޖުމްލަ 11 މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެތެެރޭގައި ހިިމެނެނީ 15 އަހަރުން ދަށުގެ ދެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ.

ޒަޔާންގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން

  • ސ. ފޭދޫ، ކާމަރަނގަގޭ، އަބްދުﷲ ނިޒާރު (28އ)
  • ސ. ފޭދޫ، ދިރިމާގޭ، އަބްދުﷲ ޝިއާއު ރަޝީދު (22އ)
  • ސ. ފޭދޫ، ފުފޫމާގޭ، އައިލިޝް އަލީ (19އ)
  • ސ. ފޭދޫ، ދިރިމާގޭ، އަހުމަދު ޝުއާއު (24އ)
  • ސ. ހިތަދޫ، ކަދުރުމާގޭ، ޔައިޝް އަންވަރު (19އ)
  • ސ. ފޭދޫ، ކަރަންފޫގޭ، އަހްމަދު އަބްދުﷲ (25އ)
  • ސ. ފޭދޫ، ސަންޝައިން، އަހުމަދު ނަބީލު (34އ)

ފުލުހުން ބުނި ގޮތުގައި ހައްޔަރުކޮށްފައި ތިބި މީހުންނަކީ ކުށުގެ ރެކޯޑް އޮތް ބައެކެވެ.

މި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 12 ތަނެއް ބަލައި ފާސްކޮށްފައިވެ އެވެ. އަދި ވެރިފަރާތުގެ ހުއްދައާއެކު 15 ތަނެއް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.

ބަލައި ފާސްކުރި ތަންތަނުން މާއްދީ ހެކި ހޯދާ ފޮރިންސިންކް ތަހުލީލު ކުރެވުނު ކަމަށާއި މައްސަލައާ ގުޅިގެން 20 ތަނަކުން 292 ގަޑިއިރުގެ ސީސީޓީވީ ފުޓޭޖު ދިރާސާކޮށް 85 މޯބައިލް ނަންބަރުގެ ކޯލް ޑީޓެއިލްސް ނަގައި ދިރާސާކުރި ކަމަށްވެސް ފުލުހުން ބުނެ އެވެ.

މައްސަލައިގައި 160 މީހަކާ ސުވާލުކޮށް 88 މީހެއްގެ ބަޔާން ތަހުގީގަށް ނަގާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.