ރ. މީދޫ، ފެންފިޔާޒުގެ، މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލި ކުޑަކުއްޖާއަށް ކުށް ސާބިތުވެ 18 އަހަރާއި ނުވަ މަހަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކުށް ސާބިތުވި މީހާއަށް މިހާރު 18 އަހަރު ފުރިފައިވީ ނަމަވެސް ކުށް ކުރިއިރު އޭނާގެ އުމުރުން 18 އަހަރު ނުވާތީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އޭނާގެ މައުލޫމާތު އާންމުކޮށްފައި ނުވެ އެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް ކުރީ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގައިވާ ގޮތުން ކުޑަކުދިންގެ ގޮތުގައި ތިބެ ކުރާ ކުށަކަށް މަރުގެ އަދަބު ނުދެވޭނެ އެވެ.
އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ލިޓަސް ގަރާޖުގެ ތެރޭގަ އެވެ. އަނަސްގެ ހުރިހާ ވާރިސުންވެސް އެދިފައިވަނީ މަރަށް މަރު ހިފުމަށެވެ.
އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ކުޑަކުއްޖާގެ އިތުރުން ހަތް މީހަކަށް ދައުވާ އުފުލި އެވެ.