ބޭރު ކުޅިވަރު

ރެލިގޭޝަނުގެ ބިރު އެބައޮތް: ހިޑިންކް

ޗެލްސީ އަށް ރެލިގޭޝަނުގެ ބިރު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ގުސް ހިޑިންކް ބުނެފި އެވެ.

ނަތީޖާތައް ގޯސްވުމުން ކުލަބުގެ އެންމެ ކާމިޔާބު ކޯޗު ހޯސޭ މޮރީނިއޯ މަގާމުން ވަކިކޮށް ހުސްވި މަހު ކޯޗު ކަމާ ހަވާލުވި ހިޑިންކް ބުނީ އެންމެ ފަހުގެ ޗެމްޕިއަން ޓީމަށް ކުރިއަށް އޮތީ ޕޮއިންޓްތަކެއް ހޯދަން މަޖުބޫރު ދެ މެޗު ކަމަށެވެ.

"ރެލިގޭޝަން ޒޯނުގައި އޮތް ޓީމުތަކަށްވުރެ ހަ ޕޮއިންޓް ކުރީގައި އަހަރުމެން މި އޮތީ. ކުރިއަށް އޮތް ދެ މެޗަކީ އެވަޓަން އާއި އާސެނަލް މެޗު. މިއީ ޕޮއިންޓްތަކެއް ހޯދަންޖެހޭ މެޗުތަކެއް. ޕްރެމިއާ ލީގުގައި އެހެން ޓީމުތައް ހަދާފާނެ ގޮތެއް ލަފާކުރަން ވެސް ދަތި. ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެފާނެ. އެހެންވީމަ އަހަރުމެން ވިސްނަންޖެހޭ. ހަގީގަތަކީ ރެލިގޭޝަނުގެ ބިރު އޮތްކަން،" ޓޭބަލުގެ 14 ވަނާގައި އޮތް ޓީމުގެ ކޯޗު ހިޑިންކް ބުންޏެވެ.

އޭނާ ބުނީ މި ސީޒަނުގައި ގަދަ ހަތަރަކަށް އަރަން ޗެލްސީ ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި ނަމަވެސް އެއީ ވުމަށްވުރެ ނުވުން ކައިރި ކަމެއް ކަމަށެވެ.

"އަހަރުމެން މި އޮތީ އެތައް ޕޮއިންޓެއް ފަހަތުގައި ހަތަރުވަނަ ޓީމު އޮތް ހިސާބަށް ބަލާއިރުވެސް. އެހެންވީމަ އަހަރުމެންނަށް އޮތީ ހިތްވަރުކޮށްފައި މަސައްކަތްކުރުން. ހަގީގަތަކީ ޗެލްސީ އަށް ގަދަ ހަތަރެއް ލިބުމުން ދުރުކަން،" 2009 ވަނަ އަހަރު ވެސް ވަގުތީ ގޮތުން ޓީމާ ހަވާލުވި ހިޑިންކް ބުންޏެވެ.