މޯލްޑިވްސް ކަސްޓަމްސް ސާވިސް

މިދިޔަ މަހު ހަތަރު ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި

މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށްވުރެ މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް މުދާ އިމްޕޯޓްކުރި މިންވަރު ވަނީ 27 އިންސައްތަ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓްކުރީ 3.5 ބިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވަނީ 25 އިންސައްތަ އިތުރުވެފަ އެވެ. މިދިޔަ މަހު ކަސްޓަމްސް އަށް ވަނީ 351 މިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 281 މިލިއަން ރުފިޔާ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރީ އޮމާނުންނެވެ. އޮމާނުން 794 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު އެއީ ސެޕްޓެމްބަރު މަހުގެ ޖުމުލަ އިމްޕޯޓުގެ 18 އިންސައްތަ އެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ އިންޑިއާއިންނެވެ. އެގައުމުން 627 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި އެވެ. ޗައިނާއިން ވަނީ 525 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށްވުރެ މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ އިމްޕޯޓް އިތުރުވި ނަމަވެސް ރާއްޖޭގެ އެކްސްޕޯޓް ވަނީ ދަށަށް ގޮސްފަ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއިން ވަނީ 166 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ ހަތަރު އިންސައްތަ ދަށްވުމެކެވެ. މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރީ ތައިލެންޑަށެވެ.