ނިއުރޭޑިއަންޓް

ސާބިއާގެ ކޯޗު ނުގެންނަން ނިންމައި ނިއުގެ ފަރިތަކުރުންތައް މިއަދު ފަށަނީ

ސާބިއާގެ ކޯޗު ނިކޮލާ ކަވަޒޮވިޗް ނުގެންނަން ނިންމައި ނިއުގެ ފަރިތަކުރުންތައް މިއަދު ފަށަން ނިންމައިފި އެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް މިއަދު ނިއު ފަރިތަކުރަން ފަށާނީ އެސިސްޓެންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު)ގެ ބެލުމުގެ ދަށުންނެވެ.

ޕްރެޒިޑެންޓްސް ކަޕަށް ފަހު ދިވެހި ލީގުގެ ފަހު ބުރަށް ޓީމާ ހަވާލުވި ކަވަޒޮވިޗް ނުގެންނަން ނިއުއިން ނިންމީ ކޯޗުގެ ބައެއް އަމިއްލަ ސަބަބުތައް ހުރިގޮތުން މިވަގުތު ގެނެވެން ނެތުމުންނެވެ. އޭނާ މިހާރު ވަނީ ލާއޯސްގެ ޓީމަކާ ހަވާލުވެފަ އެވެ.

މި އަހަރުގެ ސީޒަނަށް ފަރިތަކުރަންފަށާ ފުރަތަމަ ޓީމަކީ ވެސް ނިއު އެވެ. ނިއު އަކީ މި އަހަރު ރާއްޖެއިން އޭއެފްސީ ކަޕުގައި ކުޅޭނެ ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ.

ހުސްވި ހަތަރު އަހަރު ރާއްޖޭގެ އެންމެ ކާމިޔާބު ޓީމަށް ނިއު ހަދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ގިނަ ކުޅުންތެރިންތަކެއް މިހާރު ވަނީ އެހެން ކުލަބުތަކަށް ގޮސްފަ އެވެ. ޑިފެންޑަރު އަހުމަދު އަބުދުﷲ (ލިލީ) އާއި ފޯވަޑް އަލީ ފާސިރު (ސެންޓޭ) ޓީސީ އަށް ބަދަލުވިއިރު ޝާފިއު އަހުމަދު ދިޔައީ ވެލެންސިއާ އަށެވެ. ކެޕްޓަން އަސްއަދު އަލީ (އަޑުބަރޭ) ބަދަލުވީ މާޒިޔާ އަށެވެ.

މި ކުޅުންތެރިންގެ ބަދަލުގައި ނިއު އަށް ގެނައި ފާހަގަކޮށްލެވޭ ވިކްޓަރީގެ މިޑްފީލްޑަރު އަހުމަދު ނިޔާޒް އާއި އީގަލްސްގެ ޑިފެންޑަރު އަބުދުﷲ ހަނީފް (ބެންޖޯ) އާއި މާޒިޔާގެ ފަރުހާދު އިސްމާއީލް އާއި ސީޝެލްސްގައި ކުޅެމުން އައި އަބުދުﷲ ޔައުގޫބެވެ. މީގެ އިތުރުން ފުރަތަމަ ޑިވިޝަނުން މިދިޔަ ސީޒަނުގައި ފެނުނު ބައެއް ޒުވާން ކުޅުންތެރިން ވަނީ ނިއުއަށް ގެންގޮސްފަ އެވެ.