ދުނިޔެ

ޓައިވާން މައްސަލަ ހައްލުކުރަން އެދެވެނީ އޮތް އެންމެ ސުލްހަވެރި ގޮތެއް: ޗައިނާ

ޓައިވާން މައްސަލަ ހައްލުކުރަން އެދެވެނީ އޮތް އެންމެ ސުލްހަވެރި ގޮތެއް ކަމަށް ޗައިނާއިން ބުނެފި އެވެ.

ޓައިވާންގެ އާންމު ރައްޔިތުންނަށް ދަތިވެ އަނިޔާވެދާނެ އެއްވެސް ކަމެއް ކުރުމުގެ ވިސްނުމެއް ނެތް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ކޮމިއުނިސްޓް ޕާޓީގެ ތަރުޖަމާން ސުން ޔެލީ ވިދާޅުވި ގޮތުގައި ގޮތެއް ނެތް ހާލަތެއްގައި ވެސް ބާރުގެ ބޭނުންކުރާނީ ޓައިވާންގައި ވަކިވެގަތުމަށް ވަކާލާތުކޮށް މަސްލަހަތު ގެއްލުވާލާ ބަޔަކާ ދެކޮޅަށެވެ.

އަަދި އެހެން އެއްވެސް ދިމާއަކުން -- ބޭރު ގައުމަކުން ޓައިވާންގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ނަމަ އެބަޔަކާ ދެކޮޅަށް ބާރުގެ ބޭނުންކުރުމަކީ ޗައިނާއަށް އޮތް ހައްގެއް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ޓައިވާންއާ މެދު ޗައިނާ މާބޮޑު ވިސްނުމަކަށް ނުގޮސް އަދި އޮތީ ބޯމަތިވެފައި އޮތް ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް ނިމެންދެން ކަމަށް ބެލެވެ އެވެ.

ކޮމިިއުނިސްޓް ޕާޓީއަށް މިވަތު އޮތް އެންމެ މުހިންމު ކަމަކީ ޗައިނާގެ ރައިސް ޝީ ޖިންޕިން ތިންވަނަ ދައުރަކަށް -- ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހޮވުމެވެ.

ޗައިނާ ގަބޫލުކުރާ ގޮތުގައި ޓައިވާން އަކީ ވަކިން އޮންނަ ޗައިނާގެ ސަރަހައްދެކެވެ. އެއީ މިނިވަން ދައުލަތެއް ނޫނެވެ.

އެހެން ނަމަވެސް، އެމެރިކާ އާއި ޔޫރަޕްގެ ނުފޫޒު އޮތީ ޓައިވާންއަށް މިނިވަން ދައުލަތެއް ހޯދައި ދިނުމަށެވެ.

އަސްކަރީ ގޮތުން ޓައިވާން ބާރުގަދަކުރުވައި ސީދާ ޗައިނާއާ ކުރިމަތިލެވޭ ވަރު ކުރުމަކީ އެމެރިކާގެ ވިސްނުމެކެވެ. އެމެރިކާ ގަބޫލުކުރާ ގޮތުގައި ޓައިވާން މެދުވެރިކޮށް ނަމަވެސް ޗައިނާ ސައިޒުކޮށް ނޫން ގޮތަކަށް އެމެރިކާއަށް ނޭވާލެވޭކަށް ނެތެވެ.

ކޮންގްރެސް ޕާޓިގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ޗައިނާގެ ވިސްނުން އަދި ވެސް އޮތީ ޗައިނާގެ މައި ސަރުކާރާ ޓައިވާން ގުޅުވާލުމަށެވެ. މިކަމުގައި ޗައިނާ ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށްވެސް އޮތީ ބުނެފަ އެވެ.

ޗައިނާގެ މިނިވަންކަން ދެމެހެއްޓުމަށް ބާރުގެ ބޭނުންކުރަން ޖެހުނަސް އެއީ އެކަމުގައި އޮތް އެންމެ ލާހިކު މިންވަރަށް ވާނެ ކަމަށް ވެސް ޗައިނާ ބުނެ އެވެ.