އަންނަ މަހު އިންޑިޔާގައި ފަށާ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރަން ބޭނުންވާ ފައިސާ ނުލިބިގެން، އިންޑިޔާގެ ކުޅުންތެރިއަކު އޭނާގެ ކިޑްނީ ވިއްކާލަން އިއުލާނުކޮށްފި އެވެ.
ލަންކާގައި 2010 ވަނަ އަހަރު ބޭއްވި ގޭމްސްގެ ސްކުއޭޝް ޗެމްޕިއަންކަން ހޯދި ރަވީ ޑިޒިޓް ބުނީ މުބާރާތުގައި ވާދަކުރަން ބޭނުންވާ ފައިސާ ނުލިބިގެން އޭނާގެ ކިޑްނީ ވިއްކާލަން ފޭސްބުކާއި ޓުވިޓާ މެދުވެރިކޮށް އިއުލާނުކުރީ އެނޫން ގޮތެއް ނެތިގެން ކަމަށެވެ.
އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގެ ދަމްޕޫރަށް އުފަން 23 އަހަރުގެ ކުޅުންތެރިޔާ ބުނީ މުބާރާތުގައި ބައިވެރިވާން ސްޕޮންސާ ލިބޭތޯ ވެސް ވަރަށް މަސައްކަތް ކުރި ކަމަށެވެ.
"އަހަރެން ބޭނުންވޭ އެއްލައްކަ ރުޕީސް ސައުތު އޭޝިއަން ގޭމްސް އަށް. އެއްވެސް ސްޕޮންސާއެއް ނުލިބުނު. އެހެންވެ އަހަރެން ނިންމީ އަހަރެންގެ ކިޑްނީ އަށް ލައްކަ ރުޕީސް އަށް ވިއްކާލަން. (އެފައިސާއިން) އަހަންނަށް މުބާރާތުގައި ވާދަކޮށްފައި މުޅި އަހަރުގެ ބަކީބައިގައި އުޅެވޭނެ،" ޗެންނާއީގައި މުބާރާތަށް ފަރިތަކުރުންތައް ކުރިއަށް ގެންދާ ކުޅުންތެރިޔާ އިންޑިއާގެ ހިންދުސްތާން ޓައިމްސް އަށް ބުނެފައިވެ އެވެ.
ޑިޒިޓް އަކީ ފާއިތުވެދިޔަ 10 އަހަރު ސްކުއޭޝް ކުޅުނު ކުޅުންތެރިއެކެވެ. އަދި އޭނާ އަކީ ސަރަހައްދީ އެންމެ ބޮޑު ކުޅިވަރު މުބާރާތަށް އިންޑިޔާގެ ގުވަހަތީން ނަގާފައިވާ ހަތަރު ކުޅުންތެރިންގެ ތެރެއިން އެކެކެވެ. ނަމަވެސް އޭނާ ބުނީ މި ކުޅިވަރު ކުޅެން ބޭނުންވާ ސާމާނު ހޯދުމަށް އޭނާ ބަރޯސާކޮށްގެން ހުރީ މުބާރާތުން ވަނައެއް ހޯދައިފިނަމަ ލިބޭނެ އިނާމް ފައިސާ އަށެވެ.
މުބާރާތުގައި ވާދަކުރަން ދަތިތަކެއް ހުރިކަން ޑިޒިޓް ވަނީ މީގެ ކުރިން ވެސް ފޭސްބުކް މެދުވެރިކޮށް ބުނެފަ އެވެ. ނަމަވެސް ފަހުން އޭނާ އެ ޕޯސްޓް ޑިލީޓްކޮށްލި އެވެ. އޭގައިވަނީ މިހެންނެވެ.
"އެތައް ބައިވަރު މެޑަލްތަކެއް ހޯދިނަމަވެސް އަދި އިންޑިޔާ އެތައް ފަހަރަކު ތަމްސީލު ކުރި ނަމަވެސް އަހަންނަށް ނުލިބޭ ސްކުއޭޝްއިން ގައުމީ އަދި ބައިނަލް އަގްވާމީ ފެންވަރުގައި (ވާދަކުރުމުގެ) ފުރުސަތު. އަހަންނަށް އެހީތެރިވަނީ ދަމްޕޫރުގެ ހަކުރު ފެކްޓަރީއަކުން. އެކަމަކު ކިހާ ދުވަހެއް ވަންދެން އެމީހުންނަށް އެހީތެރިވެދީފާނެބާ؟ އަހަންނަށް ލިބިފައިނެތް އެކަށީގެންވާ ފައިސާއެއް ގޭމްސްގައި ބައިވެރިވުމަށް. އަހަރެން ވަރަށް ބޮޑަށް މާޔޫސްވެއްޖެ،" ޑިޒިޓް ޑިލީޓްކުރި ޕޯސްޓުގައިވެ އެވެ.
އޭޝިއަން ޖޫނިއާ ޗެމްޕިއަންޝޕުގައި ވާދަކޮށް ގޯލްޑް މެޑަލް ހޯދި ޑިޒިޓް އަށް އެހީވާ ހަކުރު ފެކްޓަރީ އަކީ އޭނާގެ ބައްޕަ ވަޒީފާ އަދާކުރާ ތަނެވެ. ޑިޒިޓްގެ ބައްޕަ އަކީ އެތަނުގެ ފަސް ވަނަ ދަރަޖައިގެ މުވައްޒިފެކެވެ.
"ފިރިމީހާ އަށް ލިބޭ އާމްދަނީން އެކަމަށް އެހީވުމަކީ ވަރަށް ދަތިކަމެއް. ރަވީ ޑިޒިޓްގެ ކެރިއަރަށް ފެކްޓަރީން ވަރަށް ރަނގަޅު އެއްބާރުލުމެއްލިބޭ. އެކަމަކު އަހަރުމެން މިތިބީ އޭނާގެ ކެރިއަރަށް އިތުރު އެހީއަކަށް ނިހާތަށް ބޭނުންވެފައި،" ޑިޒިޓްގެ މަންމަ ސަރަވޭޝް ބުންޏެވެ.
ޑިޒިޓް އޭނާގެ ކިޑްނީ ވިއްކާލާކަން އިއުލާނުކުރުމާއެކު މި މައްސަލަ މިހާރު ވަނީ ގުވަހަތީގެ ސިޔާސީ މައްސަލައަކަށް ވެސް ވެފަ އެވެ. ސަރުކާރުގެ ބައެއް މިނިސްޓަރުން މިހާރު ވަނީ ކުޅުންތެރިޔާ އަށް އެހީތެރިވާން އަމިއްލަށް ހުށަހަޅައިފަ އެވެ. ރަވީ ޑިޒިޓް: އޭނާ ވަނީ ފައިސާ ހޯދުމަށް ކިޑްނީ ވިއްކާލަން އިއުލާނުކޮށްފައި