ވާހަކަ

އިޙްސާސްވޭ

( 13 އޮކްޓޯބަރ 2022 އާ ގުޅޭ )

"މައި..ރާ... ހޮސްޕިޓަލަށް ދާން... އަހަރެން ބަނޑުގަ... ބަނޑުގަ އެއްޗެއް ދުވަނީ..." ފެންކަޅިވެ އޯކަށްދެމުމުގެ ސަބަބުން ރަތްކަމެއްވެރިވެފައި ދެ ލޮލުން މައިރާއަށް ބަލަން ހުރެ އިރުފާ ވާހަކަދެއްކީ އުނދަގުލުންނެވެ.

އިރުފާގެ ވާހަކަ ހަމަޖެހޭ ވާހަކައަކަށް ނުވެއެވެ. އެހެންވިޔަސް އޭނާ ހުމާ ފިހެނީކަން މައިރާގެ ދެއަތަށް އިޙްސާސް ކުރެވެއެވެ. އިރުފާ ލައިގެން ހުރި ޓީޝާޓު ހިއްލާލުމުން މައިރާ ނިކަން އަވަހަށް ޓީޝާޓުގައި ހިފެހެއްޓިއެވެ. އޭނާއަށް ހީވީ ހުންގަދަވެގެން އިރުފާއަށް ކުރެވޭކަމެއް ނޭނގޭވަރުވެފައި ހުރީ ހެންނެވެ. ނަމަވެސް އިރުފާ ދައްކަމުން ދިޔައީ އޭނާގެ ބަނޑުގެ ވާހަކައެވެ. އޭނާގެ ހަށިގަނޑުގެ ތެރޭ ދިރޭ މަޚުލޫގެއް އުޅެނީކަމުގައެވެ. އިރުފާ އޭނާގެ ބަނޑު ދައްކަން މަސައްކަތް ކުރަނީއެވެ. އިރުފާގެ އޯކަށް ދެމުން ހުއްޓިއްޖެކަން އެނގޭތީ މައިރާ އޭނާގެ މޫނުގައި ފެންފޮދެއް ހާކާލަދިނެވެ. އިރުފާގެ ހޭވިފައިވާ އިސްތަށިގަނޑުގައި ނިތްކުރިމަތިން ވާހެން މައިރާގެ ތެމިފައިވާ ދެއަތްތިލަ ހިންގާލައި އޮމާންކޮށްލިއެވެ. އިރުފާ ގޮވައިގެން ފާޚާނާއިން ނުކުތް ގޮތަށް މައިރާ ސުވާލު ކުރީ ކުރިން ރޭ ޑަކްޓަރަށް ދެއްކި ލިޔުންތައްވީ ތަނަކާމެދުއެވެ. އުނދަގުލަގާއި ނުލާ މައިރާއަށް ބޭސް ކޮތަޅުތެރޭގައި އޮތް ބޭސް ސިޓީ ފެނުނެވެ. އިރުފާ ގާތު ހެދުން ބަދަލުކޮށްލައިގެން ނުކުންނަން ބުނެފައި މައިރާ އެކޮޓަރިން ނުކުންނަން ދޮރުހުޅުވާލިއެވެ. އެހިނދު އޭނާ ދިޔައީ ސިއްސައިގެންނެވެ. ދޮރުމަތީ ހުރީ ލިޔުޝާއެވެ.

"ކިހިނެއް އޭނަ؟." ލިޔުޝާ އަހާލީ ސިއްރުންނެވެ.

"ހުންގަދަވެގެން ހޮޑުލަނީ. ޑަކްޓަރަށްދާން މިއުޅެނީ." މައިރާ ބުނެލިއެވެ. އަދި އޭނާ ހަލުވި ފިޔަވަޅުގައި ކޮޓަރިއަށް ދާން ހިނގައިގަތެވެ.

ރަޒާއާއި މައިރާ މިރޭ ވެސް އުޅުނީ އިރުފާ ގޮވައިގެން ހޮސްޕިޓަލުގައެވެ. ހުންގަދަކަމުން އިރުފާ ފިޓުޖެހިދާނޭ ހީވެއެވެ. އަވަސްފަރުވާދޭ ބައިގަ އިރުފާ އެޑްމިޓްކުރީ އެހެންވެއެވެ. ޑަކްޓަރުން އޭނާއަށް ވަގުތުން ފަރުދާދެމުން ދިޔައެވެ. ޑަކްޓަރާއި ނަރުސް ކުދީން ގާތު އިރުފާ ބުނަނީ ބަނޑު ފަޅާލައިފަ ވިޔަސް އެތެރޭގައި އޮތް އެއްޗެއް ނެގުމަށެވެ. ކޮންމެ މީހަކަށް ވެސް އިރުފާ އެ ދައްކާ ވާހަކަތައް ހަމަޖެހޭ ވާހަކައަކަށް ނުވެއެވެ. އިންޖެކްޝަންގެ އެހީގައި އިރުފާއަށް ނިދިދާނޭކަން ބުނެ ނަރުސްކުއްޖާ ދާން ހިނގައިގަތެވެ. އޭނާ ވެސް މައިރާ ގާތު ބުނީ އިރުފާގެ ބުއްދިއަށް ގަދަ ހުމުގެ އަސަރު ކުރީކަމެވެ.

"މައި ގެއަށް ދާންވީނު." މައިރާއަށް ބަލަން އިރުކޮޅަކު ހުރެފައި ރަޒާ ބުންޏެވެ.

"ރަޒާއަށް ތިއްތައެއް ނުބެލޭނެއެއްނު." މައިރާ ބުންޏެވެ.

"އެކަމަކު މައި ވެސް ވަރުބަލިވާނެއެއްނު. އަނެއްކާ މިހާރު ކުރިއަށްވުރެ ބޮޑަށް ރެސްޓް ބޭނުންވާނެ. އެހާ ބަލައިގެން އުޅެންވާނީ." ރަޒާގެ ހަޤީޤީ ކަންބޮޑުވުން ފާޅުކުރިއެވެ. އޭނާގެ އަންހެނުން އިނީ ބަލިވެއެވެ. މީ އަދި ކުރީކޮޅެވެ. އަރާމެއްނެތި އުޅޭންވެއްޖެނަމަ ދެރަކަމެއް މެދުވެރިވެދާނޭތީ ރަޒާއަށް ވިސްނެނީއެވެ.

"ރަޒާ ކަންބޮޑުނުވޭ. އިރާދަކުރެއްވިއްޔާ ދެރަގަތެއްނުވާނެ. ތިއްތަ ކައިރީ މަޑުކުރާން ތިބީ އަހަރެމެން ދޯ. ލަމްކޮ ހުއްޓާ ދޮންބެދައްތަ އަންނާނީ ކިހިނެއް؟." މައިރާ ބުންޏެވެ. އަނބިމީހާ އެބުނީ ތެދުވާހަކައެއްކަން ރަޒާއަށް ވިސްނެއެވެ. އޭނާގެ ޢާއިލާއަކީ ކުޑަ ޢާއިލާއެއް ނޫނެވެ. މަންމައާއި ބައްޕަ ދުނިޔޭގައި އެބަތިއްބެއެވެ. އޭނާއާ އެއްބަނޑު އެއްބަފާ 4 ކުދީން އެބަތިއްބެވެ. އެކަމަކު ޢާއިލާގެ މެންބަރަކަށް ކަމެއް ޖެހޭ ވަގުތު އެހީވާނެ މީހަކު ނުހުރެއެވެ. އަނގައިން ބުނެ އުޅުނަސް އެންމެންގެ މެދުގައި ވަރުގަދަ ގުޅުމެއްނެތީއެވެ. ޢާއިލީ ލޯތްބެއް ނެތީއެވެ.

"އެބަ އަންނަން." ރަޒާ ބުންޏެވެ.

އަވަސްފަރުވާދޭ ބައިން ރަޒާ ނުކުތެވެ. މަންމައަށް އޭނާ ގުޅިއެވެ. އިރުފާ ދޫކޮށްލާނީ ކޮންއިރަކުންކަމެއް ނޭނގެއެވެ. ދައްތަ ދޫކޮށްލަންދެން މައިރާ ކޮޅަށް ބޭންދުމުގެ ވިސްނުމެއް ރަޒާގެ ނެތެވެ. އޭނާ ނޫނީ މައިރާއާ މެދު ވިސްނާނެ މީހަކު މިވަގުތު ނެތްކަން ރަޒާއަށް އެނގެއެވެ.

"ތިއްތަ ހޮސްޕިޓަލްގަ އެޑްމިޓްކޮށްފި. އަހަންނާއި މައިރާ މިތިބީ. އެކަމަކު މިރޭ ހަތަރުދަން މައިރާ ކިހިނެއް ބައިންދާނީ. އޭނާ އިނީ ބަލިވެ. ބަނޑުބޮޑު އަންހެނަކު އެހާ ގިނައިރު އެގޮތަށް އިނުން ރަނގަޅެއްނުވާނެކަން މަންމައަށް އެނގެއެއްނު." ރަޒާ ފޯނުން އިނާޔާއާ ވާހަކަދެއްކިއެވެ. އޭނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އިނާޔާ ދެއްކި ވާހަކައިންކަން ޔަގީނެވެ.

"ބަލަ މަންމަގެ ދަރިއެއްނޫންތަ އެއީ. ތިއްތަގެ ފިރިއެއް ވެސް ހުރީއެއްނޫން. އެހެންނޫންނަމަ ތިއްތަ ގާތުގައި ހުންނާނޭ މީހަކު ނުވެގެން އުޅޭކަށް ނުޖެހޭނެ. މަންމާ... ތިއްތަގެ ހާލު ރަނގަޅެއްނޫން." ރަޒާ ވާހަކަދެއްކި ރާގުން އޭނާ ހުރީ ހިތްހަމަނުޖެހިފައިކަން ދޭހަވެއެވެ. އޭނާ ފޯނުކޯލު ކަނޑާލީ ދަތްކުނޑިވިކާލައިގެން ހުރެއެވެ.

* * * * *

މޭޒުކައިރީ ލެޕްޓޮޕް ހުޅުވާލައިގެން ޕްރެޒެންޓޭޝަނެއް ހެދުމުގައި މަލަކް އިނެވެ. ހަފްތާއެއްގެ ތެރޭ ހުށަހަޅަން ޖެހިފައިވާ އޭނާގެ ޑިޒަޓޭޝަންގެ ބައެއްކަމުގައި އެ ޕްރެޒެންޓޭޝަންވެއެވެ. އޭނާގެ ކަނާއަތް ފަރާތުން މޭޒުމަތީގަ އާވި އަރައަރާ ހުރި ހޫނު ކޮފީތަށްޓެއް ހުއްޓެވެ. އޭގައި ތުން ވެސް ޖަހާލައިފައި ނެތެވެ. މުޅިގެ ވަނީ ހިމޭންކަމުގެ ފުން ނިންޖެއްގައެވެ. ބޮޑު މަސައްކަތެއް ނިންމަން އޮތިއްޔާ ދަންވަރުގެ އެވަގުތު މަލަކް ހޭލާ އުޅުމަކީ އާދައެކެވެ. މީހެއްގެ އުނދަގުލެއް ނުޖެހި މަސައްކަތަށް އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓާލައިގެން އިނދެވޭނެތީއެވެ. މިހާރު އޭނާ ކުރަމުން އެދަނީ ކޯސް ނިމުމުގެ ކުރީން ނިންމަން ޖެހޭ އެންމެ ފަހުގެ މަސައްކަތެވެ. ހޭލާ އިނދެގެން ނިންމާލެވޭނެކަމުގެ ޔަގީންކަން މަލަކްއަށް އޮތެވެ. ކޮލެޖުގެ ލައިބްރަރީއިން ޕޮޓޯކޮޕީ ނެގި ކަރުދާސްތައް މަތިން މަލަކް ހަނދާންވުމާއެކު އޭނާ ކިޔަވާ މޭޒުގެ ކައިރިން ތެދުވިއެވެ. ކޮލަޖަށް ގެންދިޔަ ދަބަސް ނަގައި އެނދުމައްޗަށް ބަންޑުން ޖަހާލައިފިއެވެ. އޭގެ ތެރެއިން ފައިބައިގަތް ދެ ފޮތާއި ކަރުދާސްތަކުގެ ތެރެއިން ރިހިކުލައިގެ ޕެންޑްރައިވް މަލަކްގެ ލޮލުގައި އަޅައިގަތެވެ. ޕޮޓޯކޮޕީ ނަގާފައިވާ ކަރުދާސްތަކާއެކު އެ ޕެންޑްރައިވް ހިފައިގެން އައިސް ކިޔަވާ މޭޒު ދޮށުގައި މަލަކް އިށީނދެއްޖެއެވެ. ކަނާއަތުގެ ދެ އިނގިލިން ޕެންޑްރައިވް ހިފަހައްޓާލައިގެން އެއަށް ބަލަން މަލަކް އިނެވެ. ލެޕްޓޮޕްއަށް ގުޅަން އޭނާގެ ހިތަށް އެރިއެވެ.

"ވައިރަސްއަކަށް ވެދާނެ. ހުރިހާ މަސައްކަތެއް ހުންނާނީ މީގަ. މި ހުރިހާ ދުވަހު ކުރި މަސައްކަތް ގެއްލިއްޖެއްޔާ ކިހިނެއް ހަދާނީ." ދެ ޚިޔާލެއްގައި މަލަކް އިނެވެ. ޕެންޑްރައިވްގެ ސަބަބުން ފޫނުބެއްދޭވަރު ގެއްލުމެއް ލިބިދާނޭ އޭނާގެ ޟަމީރު އިންޒާރު ދެމުން ދިޔައެވެ. އެއްފަރާތުގައި ޕެންޑްރައިވް ބާއްވާލީ އަމިއްލަ ޟަމީރުގެ އަޑު އަހަމުންނެވެ.

"އައި ހޭވް ޓު ފިނިޝް ދިސް" މަސައްކަތަށް ސަމާލުވާށޭ ސިކުނޑިއަށް ގޮވާލާ ފަދައިން މަލަކް ބުންޏެވެ.

މަސައްކަތް ނިންމާލާފައި މަލަކް ހިންދެމިލިއިރު ފަހެއް ޖަހަނީއެވެ. ހިތްހަމަޖެހުމުގެ ފުންނޭވާއެއް އޭނާ ދޫކޮށްލިއެވެ. މޭޒުމަތީގައި ހިކިފައި ހުރި ކޮފީ ހުސްކުރި ޖޯޑު ނަގައިގެން މަލަކް ނުކުތީ ކޮޓަރިން ބޭރަށެވެ. ބަދިގެއަށް އައިސް ސިންކުގެ ތެރެއަށް ޖޯޑު ލާފައި އެއަށް ފެންއެޅިއެވެ. ހޭލާ އިނުމުންނާއި މަސައްކަތުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ލޮނޑުކަން އިޙްސާސް ކުރެވެއެވެ. ހަމައެއާއެކު ހުރީ ބަނޑުހައި ވެސް ވެފައެވެ. ހެނދުނުގެ ސައި ތައްޔާރު ކުރާން މަންމަ ނުކުންނާނެކަން މަލަކްއަށް އެނގެއެވެ. އިރުއަރަން ގަޑިއެއްހާއިރުކަން އޮތީ އެނގޭތީ މަލަކް ތައްޔާރުކޮށްލީ ޕީނަޓްބަޓާ ޖެހި ޕާންފޮއްޗެކެވެ. އެއާއެކު އައިސްއަލަމާރީގަ ހުރި ޖޫސްޕެކެޓް ހިފައިގެން ކޮޓަރިއަށް އެނބުރި ވަދެއްޖެއެވެ.

ކިޔަވާ މޭޒުމަތިން ޕެންޑްރައިވް ފެނުމުން މިފަހަރު މަލަކް އެއީ ކޯއްޗެއްތޯ ބަލަން ބޭނުންވެއްޖެއެވެ. އޭނާ ކޮލެޖުގެ މަސައްކަތް ކުރަން ގެންގުޅޭ ލެޕްޓޮޕް ލައްޕާލިއެވެ. އަދި އައިޕެޑް ނަގައި އެއާ ޕެންޑްރައިވް ގުޅާލައިފިއެވެ. އޭގައި އިނީ އެންމެ ފައިލެކެވެ. މަލަކް ހައިރާންވީ އޭނާގެ ނަން އެ ފައިލުގައި ޖަހާފައިވާތީއެވެ. ވިޑިއޯ ފައިލެއްވީމަ މަލަކް އެއަށް ފިތާލުމާއެކު ޕްލޭވާން ފެށިއެވެ. ދެ ލޯ މުދުނަށް އަރައިގެން ދިއުމާއެކު މަލަކްގެ އަތުން އައިޕެޑް ދޫވިއެވެ. ކައްޓެއްހެން ގޮނޑިން އޭނާ ތެދުވިއެވެ. ލެޕްޓޮޕް މައްޗަށް ވެއްޓުނު އައިޕެޑުން އަދިވެސް ވީޑިއޯ ޕްލޭވަމުން ދިޔައެވެ. އޭގެ އިސްކުރީގައި މަލަކް ޖަހާލިއެވެ. އިނގިލިތައް ހަރަކާތް ކުރަން ފެށި ގޮތުން އެ ވީޑިއޯ ނިވާލަން މަލަކް މަސައްކަތް ކުރާ ކަހަލައެވެ. ނަމަވެސް ހާސްވެފައި ހުރިވަރުން އޭނާއަށް އެ ވިޑިއޯ ނިއްވާލަން ވަގުތު ނެގީއެވެ.

"ކާކު؟..." ނެގިނެގިފައި މޭތެރޭ ޖެހެމުންދިޔަ ހިތާ މަލަކްއަށް ސުވާލުކޮށްލެވުނެވެ.

ކުޑަވަގުތުކޮޅެއްގެ ތެރޭ މަލަކްއަށް އެ ފެނުނީ އެ ވިޑީއޯގެ މަދު ފްރޭމެކެވެ. އެހެންވިޔަސް އޭނާގެ ވަށައިގެންވީ ދުނިޔެ އެނބުރިގަނެއްޖެ ކަހަލައެވެ. ކޮޓަރިތެރޭ ދެކޮޅަށް އޭނާއަށް ހިނގެންފެށުނެވެ. އެއްފަހަރު ބޮލުގައި އަނެއްފަހަރު މޭގައި މަލަކް އަތްޖައްސާލައެވެ.

"ދައްޔާނު." މަޑުމަޑުން މަލަކްގެ ދުލުން އެ ނަން ކިޔާލިއެވެ.

އެ ވީޑިއޯގައި ފެންނަ މަންޒަރުގެ ހަޤީޤަތް އެނގޭނެ ދެ މީހުންނަކީ ޚުދު މަލަކްއާއި ދައްޔާނެވެ. އެ ފެންނަނީ ދައްޔާނުގެ ކޮޓަރިއެވެ. އެ ކޮޓަރީގައި އެ ދެމެދުގައި ހިނގި ހުރިހާކަމެއް އެވަނީ ވިޑީއޯ ކުރެވިފައެވެ. އެކަން ހިނގައިދިޔައިރަށްވުރެ މިހާރު ވީޑިއޯއަކުން އެ މަންޒަރުތައް ފެނުމުން މަލަކް އިންތިހާއަށް ލަދުގަނެއްޖެއެވެ. ދެރަވެ ބިރުވެސް ގަނެއްޖެއެވެ. ދައްޔާނުގެ ކޮޓަރީގައި ހިނގިކަމެއް ދައްޔާނުނޫން މީހަކަށް ރިކޯޑެއް ނުކުރެވޭނެކަން މަލަކްގެ ޟަމީރު ބުނެދިނެވެ. އެކަމާ އޭނާގެ ހިތް ވެސް އެއްބަސްވިއެވެ.

"އެކަމަކު... ކީއްވެ..." ހިތާއި ޟަމީރުގެ އެ ނިންމުމާ މަލަކްއަށް ސުވާލު ކުރެވުނެވެ. މިހާރު އޭނާއަކީ ދައްޔާނުގެ ލޯބިވެރިޔާއެވެ. ހުރިގާ ގޮތަކުން އޭނާގެ ހައްޤަކަށް މަލަކް ވެއްޖެއެވެ. މަލަކްގެ ހުރިހާ އެއްޗެއް ދައްޔާނަށް ދީފިއެވެ. އެވަރުން އޭނާ ލޯބިވާވަރު ދައްޔާނަށް ސާބިތުކޮށްދެވިއްޖެ ކަމުގައި މަލަކް ޤަބޫލުކުރެއެވެ. ހަމައެއާއެކު ކައިވެނީގެ ވާހަކަ ވެސް ދައްޔާނު ދައްކާފައިވަނިކޮށް މިފަދަ ހުތުރުކަމެއް ކުރަންވީ ކީއްވެ ހެއްޔެވެ.

ދެއަތް އުރާލައިގެން ހުއްޓުން އަރާފައި މަލަކް ހުއްޓެވެ. ވިސްނުން ހިންގި ވަރަކަށް އޭނާގެ ދެ ލޯ ފެންކަޅިވަމުން ދިޔައެވެ. އެފަދަ ވީޑިއޯއެއްގެ މަޤްޞަދަކީ ކޮބާކަން މަލަކްއަށް އެނގެއެވެ. މީހަކު އޭނާ ބޭޒާރުކޮށްލަން ގަސްދުކުރީއެވެ. މުޅި ދުނިޔެއަށް ފަޟީހަތް ކޮށްލަން ބޭނުންވަނީއެވެ. އެކަމަކު ކީއްވެކަމެއް ނުވިސްނެއެވެ. މަލަކްގެ ހިތަށް އެންމެ އުނދަގޫވަނީ ދައްޔާނު ކުރިކަމެއްކަން އޭނާގެ ހިތާއި ޟަމީރު ޔަގީންކުރާތީއެވެ. އޭނާ މަޑުމަޑުން އައިސް މޭޒުދޮށުގައި އިށީނެވެ. ދެ ލޯ ފުހެލާފައި އައިޕެޓް ނެގިއެވެ. އަލުން ވީޑިއޯ ޕްލޭކުރިއެވެ. ބަލަން އުނދަގޫވީ ނަމަވެސް މަލަކް ފަރުވާތެރިކަމާއެކު ކަމެއް ޔަގީންކުރާން ބޭނުންވެ އިނދެ ބަލަމުން ދިޔައެވެ. ދެ ލޯ ކަރުނުން ފުރޭއިރަށް ނިކަން އަވަހަށް ލޯ ކައިރި ފުހެލައެވެ.

"އައި އޭމް ހިޒް ޓާގެޓް." މަޑު އާހެއްފަދައިން މަލަކްއަށް ބުނެލެވުނެވެ.

ވީޑިއޯ ބަލަމުން ދިޔައިރު މަލަކްއަށް ފާހަގަވީ ދައްޔާނުގެ މޫނާއި ހަށިގަނޑުގެ ފިރިހެން ގުނަވަންވަނީ ފުސްކޮށްފައި ކަމެވެ. އެހެންވެ އެއީ ކާކުކަން ދެނެގަންނަން ފަސޭހައެއް ނުވާނެއެވެ. އެހެންވިޔަސް މަލަކްއަށް އެއީ ކާކުކަން އެނގޭނެ ނޫން ހެއްޔެވެ. ހަމައެއާއެކު އެފަދަ އެޑިޓެއް ކުރުމުގެ މާނައަކީ އެ މީހަކު ދިމާއެކުރީ މަލަކްއާ ކަމެވެ. ތިރީތުންފަތުގައި ދައިގަނެގެން މަލަކްއަށް އިނދެވުނީ ވިސްނާށެވެ. ބެދެން އުޅޭ މަޅީން ސަލާމަތްވާނެ މަގެއް ފެނޭތޯއެވެ.

* * * * *

ހެނދުނުގެ ވަގުތެވެ. އޮފީސް ހެދުން އަޅައިގެން ދައްޔާނު ކޮޓަރިން ނުކުތެވެ. ސިޑިން ފައިބައިގެން އައިސް ބަދިގެއަށް އޭނާ ބޯދިއްކޮށްލިއެވެ. ކާމޭޒުދޮށުގައި ބައްޕައާއި މަންމަ ތިއްބެވެ. އާދައިގެ މަތިން ގެއިން ނުކުތުމުގެ ކުރީން އޭނާ މަންމަ ގާތު ދަނީއޭ ބުންޏެވެ.

"މާނުބެ." ދައްޔާނު ނުކުތްއިރު ދޮރޯށި ކައިރީ ސިނގިރޭޓެއް ހިފަހައްޓާލައިގެން ހުރި މިއުވާނު ފެނުނެވެ.

"ޔާނުއާ ވާހަކަދައްކާލަންވެފަ އޮތީ. މިހާރު ގޭގަ މަޑުވާ އިރެއް ނާދޭ." މިއުވާނު ބުންޏެވެ.

"މިގަޑީގަ ވަގުތެއްނެތް. މިރޭ ކިހިނެއްވާނެ. މާނުބެ ގޭގަ އުޅެންޏާ އަހަރެން މަޑުކުރާނަން." ދައްޔާނު ބުންޏެވެ.

މިއުވާނު ބުނީ އިރުއޮއްސޭއިރު ދައްޔާނު ގޭގައި މަޑުކުރުމަށެވެ. އެ ގަޑިއަކީ މަލަކް ކައިރިއަށް ދައްޔާނު ދާ ގަޑިއަށް ވިޔަސް ބޭބެ ކިޔާ އެއްޗެއް އަޑުއަހަން ދައްޔާނު ގަސްދުކުރީ މަޑުކުރާށެވެ.

ސައިކަލުގައި ދެ ޒުވާނުން ނައްޓާލީ އެކީގައެވެ. ދެ މީހުން ވެސް ދާން ޖެހެނީ މާލެއަށެވެ. މަސައްކަތް ކުރަނީ ދެ ދާއިރާއެއްގައި ދެ އޮފީހެއްގައެވެ. ދެ ޒުވާނުންގެ މިސްރާބު ބަދަލުވީ މާލެއިންނެވެ.

* * * * *

ހެނދުނު ސައި ވެސް ނުބޮއެ މީހަކަށް ގޮވާލުމެއް ވެސް ނެތި މަލަކް ގެއިން ނުކުތެވެ. އޭނާ ކޮޓަރިން ވެސް ނުކުންނާކަށް ބޭނުމެއްނޫނެވެ. ނަމަވެސް އޭނާ ގޭގައި މިއަދު މަޑުކޮށްފިނަމަ އޭނާ މިހާދުވަހު ކުރި މަސައްކަތެކޭ ފޫނެއްފަޔަށް ފެންފުރުމެކޭ އެއްވަރުވާނެއެވެ. ޢާއިލާއާ ކުރިމަތިލާނޭ ހިތްވަރެއް މަލަކްގެ ނެތެވެ. ހަލުވިކޮށް އަވަހަށް ގެއިން ނުކުމެގެން ދިޔައީ އެހެންވެއެވެ. މަޒްހަރާއި އާމާލް އެކަކުއަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ.

"މިއަދު ބޮޑު ދުވަހަކީ ކަންނޭނގެ. ރޭގަ ހޭލާ އުޅުނުކަން އެނގޭ... މަލް ނޫނީ ސިންކަށް ތަށި އަޅާފަ ނުބަހައްޓާނެ." އާމާލް ބުންޏެވެ.

ބަހެއްނުކިޔާ މާޔަލް މޭޒުދޮށުގައި އިނީ އަމިއްލަ ޚިޔާލަށް ގެއްލިފައެވެ. ބައްޕައާއި މަންމައަށް ކިޔާދޭން ޖެހޭ ވާހަކަތަކަށް އެބަހުއްޓެވެ. އެހެންވިޔަސް އެމީހުން ކައިރީ އެ ވާހަކަތައް ފަށާނީ ކިހިނެއްކަމެއް އޭނާގެ ވިސްނުމަކަށް ނާދެއެވެ.

"ޑޭޑް..." މާޔަލް މަޑުމަޑުން ގޮވާލިއެވެ. މަޒްހަރުގެ ސަމާލުކަން ގާތުގައި އިން ދަރިފުޅަށް ދެމުން ހޫން ލައްވާލިއެވެ.

"އެކްސިޑެންވީ ރޭ މައްޔުގެ ބޭގްއާއި ފޯނާ އެއްޗި ކާރު ތެރެއިން ނުފެނޭތަ؟. އެ އެއްޗިއްސަ ހެދީ ކިހިނެއް؟. ޕޮލިސް ގެންދިޔައީތަ؟." މާޔަލް އަހާލިއެވެ. އެކްސިޑެންޓްގެ ވާހަކަ ބުނާއިރަށް މަޒްހަރުގެ މޫނުން ނުތަނަވަސްކަން ފާޅުވެލައިފިއެވެ.

"އެރޭ ފެނުނު އެއްޗެއްވިއްޔާ ފުލުހުން ގެނެސްދިން." މަޒްހަރު ބުންޏެވެ.

"ސޮރީ... މަންމަ އެ ދަބަސް އެއްލާލައިފިން. މައްޔުގެ ވޮލެޓު އެބައޮތް." މޭޒު ކައިރީ ހުއްޓުނު ގޮތަށް އާމާލް ބަލާލީ ކުށްވެރި ބެލުމަކުންނެވެ.

"ފޮތެއް ނެތްތަ؟. ފޯނު ވެސް ނުލިބޭތަ؟." މާޔަލް އަހާލިއެވެ.

"ފޮތެއް... އާން ހަނދާންވެއްޖެ. ނޯޓުފޮތެއް އޮތް. އެ އޮންނާނެ ވޮލެޓާއެކީ މަންމަގެ އަލަމާރީގަ. ދަބަހުގަ އެއްޗެއް އޮތިއްޔާ ނެގިން. ފޯނެއް ފެނުނުވާހަކަ ބުނި. ހަނދާނެއްނެތް އެއަށްވީގޮތެއް. އެކަމަކު ލިބުނުނަމަ އެވެސް އޮންނާނެ، އެއްލައެއް ނުލާނެކަން ޔަގީން. އޭރު ބޮޑު ހާސްކަމެއްގެ ތެރޭ އެންމެން ތިބީ. އެހެންވެ ލިބުނީ ކޮންއެއްޗެއްތޯ ބަލާކަށް ނޫޅެވުނު." އާމާލް ބުންޏެވެ.

ސައިބޮއެގެން މަންމައާއެކު އެ ކޮޓަރިއަށް މާޔަލް އައެވެ. އެބުނާ ފޮތާއި މާޔަލްގެ ވޮލެޓު އާމާލް ދިނެވެ. އެ ހިފައިގެން މާޔަލް ނުކުންނަން ހިނގައިގަތުމުން އާމާލް ދަރިފުޅުގެ އަތުގައި ހިފަހައްޓާލިއެވެ.

"އެރޭ ވީ ކިހިނެއްކަން މައްޔުއަށް އެނގޭތަ؟." އާމާލް އެ ސުވާލުކޮށްލީ ހާސްވެފައި ހުރެއެވެ.

"ނޭނގޭ... ކާރު ނުހުއްޓުނީ. ކަހާލައިގެން ދިޔައީ." މާޔަލް އެވަރަށް ބުނެފައި ހުއްޓާލިއެވެ. އޭނާ ފުންވިސްނުމަކަށް ދިޔަހެން ހީވެ ކޮނޑުގައި އާމާލް ފިރުމާލިއެވެ. އެކަމާ ނުވިސްނާށޭ އާމާލް ބުނެލީ އޯގާތެރިކަމާއެކުއެވެ.

ކޮޓަރިއަށް ވަދެވުމާއެކު މާޔަލް ފޯނު ހޯދިއެވެ. މައިރާއަށް އޭނާ ގުޅިއެވެ. މަންމަމެންނަށް ހުރިހާކަމެއް ކިޔާދިނުމުގެ ކުރީން އޭނާ ބޭނުމީ މައިރާގެ ޚިޔާލެއް ހޯދާށެވެ. މައިރާއަށް ހަޤީޤަތް ކިޔާދޭށެވެ. އައިރިކްއާއެކު އޮތް ގުޅުމެވެ. މައިރާ ފޯނު ނެގީ މާޔަލް ވަރަށް ގިނަފަހަރު ގުޅިފަހުންނެވެ. ނިދާފައިކަން މައިރާ އޮތީ އެނގުމުން ދައްތަ އުނދަގޫ ނުކުރަން ފަހުން ގުޅާނަމޭ ބުނެ މާޔަލް ކޯލު ކަނޑާލީއެވެ.

ހަވީރުގެ ވަގުތެވެ. މާޔަލް ހުރީ އިމާރާތުގެ ބޭރުގައި މަޑުކޮށްލައިގެންނެވެ. މައިރާ އަންނަންދެނެވެ. ހޮސްޕިޓަލުގައި ރަޒާގެ ދައްތައެއް ބާއްވައިގެން އުޅޭތީވެ ގެއަށް އާދެވެން ނެތްކަން މައިރާ ބުންޏެވެ. އެހެންވެ މާޔަލް ބޭނުންވީ މައިރާއާއެކު ހޮސްޕިޓަލަށް ދާށެވެ. ކޮންމެވެސް ގޮތަކުން ހުރިހާ ކަމެއް ކިޔާދޭން މާޔަލް ބޭނުންވާތީއެވެ. މެންދުރު އިވާންގެ މަންމަ އާމާލްއަށް ގުޅިކަން މާޔަލް ދެނެހުއްޓެވެ. ކައިވެނީގެ ވާހަކަ މަންމަދެއްކުމުން މާޔަލްއަށް އެކައްޗެއް ވެސް ނުބުނެވުނެވެ.

މަލަކް ދުވަމުން އަންނަތަން މާޔަލްއަށް ފެނުމާއެކު ކުރިއަށް ޖެހިލެވުނެވެ. ކޮއްކޮއަށް ގޮވާލި ނަމަވެސް އޭނާ ނުހުއްޓުނެވެ. އެތެރެއަށް ވަދެގެން ދިޔައީއެވެ. އެވަގުތު މަލަކްގެ ފަހަތުން އަންނަ ޒުވާނާ މާޔަލްއަށް ފެނުނެވެ. އެއާއެކު އޭނާ ހަނދާންވީ ތަންކޮޅެއް ކުރީން ދުވަހެއްގައި އެ އިމާރާތް ކައިރީ މަޑުކޮށްލައިގެން އެ ޒުވާނާ ހުރިކަމެވެ. އެ ދުވަހު އެއީ ކާކުކަން ބުނާން ނޭނގުނަސް މިއަދު އެއީ ކާކުކަން މާޔަލްއަށް އެނގިއްޖެއެވެ. މާޔަލް އޭނާއާ ދިމާއަށް ހިނގައިގަތުމާއެކު އޭނާ ފަސްއެނބުރި އައިކޮޅަށް ދާން ދިޔައެވެ.

"އެއީ އޭނަ..." މާޔަލްއަށް ހިންދިރުވާލެވުނެވެ.

(ނުނިމޭ)