ލައިފްސްޓައިލް

މަންމަ ކޮނޑަށް ލައިގެން ފަރުބަދައިގެ އެންމެ އުހަށް

އިންޑިއާގެ ކެރެލާގެ ދެބެން އެމީހުންގެ ދުވަސްވެފައިވާ މަންމަގެ ހުވަފެނެއް ހަގީގަތަކަށް ހަދައިދިނުމަށް އުނދަގޫ އަދި ބުރަ ދަތުރެއް މަންމަ ގޮވައިގެން ކޮށްފި އެވެ.

އެމީހުން ވަނީ މަންމަ ކޮނޑަށްލައިގެން ހަނި މަގަކުން އުސް ފަރުބަދައަކަށް އަރާފަ އެވެ. އެއީ އެ ފަރުބަދަމަތީގައި ފޮޅޭ ނީލަކުރިންޖީ ކިޔާ މާތަކެއް ބަލާލާހިތްވާ ވާހަކަ މަންމަ ބުނުމުން މަންމައަށް އެ މާތައް ދައްކާލަން ކުރި ދަތުރެކެވެ.

ވައިލެޓްކުލައިގެ ވަރަށް ރީތި މި މަލަކީ ވަރަށް މަދުން ނޫނީ ފޮޅޭ މަލެއް ނޫނެވެ. އާންމުކޮށް މި މާފޮޅެނީ ކޮންމެ 12 އަހަރަކުން އެއް އަހަރު އެވެ.

އުމުރުން 87 އަހަރުގެ އެލިކުއްޓީ ޕޯލް އަކީ ކޮޓޭމް ޑިސްޓްރިކްޓްގެ މުއްޓުޗިރާ ކިޔާ ހިސާބުގައި ދިރިއުޅޭ މީހެކެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން މި އަންހެން މީހާ އުޅެނީ ވަރަށް ބަލިކޮށެވެ. އޭނާގެ ތިބެނީ ދެ ފިރިހެން ދަރިންނެވެ. އިޑުއްކީ ކިޔާ ހިސާބެއްގެ ފަރުބަދަ މަތީގައި ފޮޅޭ މި މާތައް ބަލަން ގެންދަން އޭނާގެ ދެ ދަރިން ކަމަށްވާ ރޯޖަން އާއި ސަތިޔަމްގެ ކައިރީގައި އެލިކުއްޓީ އެދުނެވެ.

މަންމަގެ މި އެދުމަށް އެމީހުން އިޖާބަދިނީ އެސްފިޔަވެސް ޖަހާލުމެއް ނެތި އެވެ. އެމީހުން ދުއްވާ ޖީޕަކަށް މަންމަ ލައިގެން ވަގުތުން ފަރުބަދަ އޮންނަ ރަށަށް ދާން ދަތުރު ފެށި އެވެ. އަދި 100 ކިލޯމީޓަރަށް ވުރެ ދުރަށް ދުއްވުމަށްފަހު މަންނާރުގެ ކައްލިޕާރާ ފަރުބަދަ ކައިރިއަށް ދިޔަ އެވެ.

ފަރުބަދައަށް އަރަން ބޭނުންކުރާނެ ވެހިކަލްއެއް ނެތްކަމާއި އަރަން ޖެހޭނީ ހިނގާފައިކަން އެ އާއިލާއަށް އެނގުނީ އެހިސާބަށް އައި ފަހުންނެވެ. ނަމަވެސް މިހާ ހިސާބަށް މަންމަ ގޮވައިގެން އައިސްފައި މަންމަ ފަރުބަދަ މައްޗަށް ނާރުވައި އަނބުރާ ގެންދާކަށް ދެބެން ބޭނުމެއް ނުވި އެވެ. އެހެންވެ 1.5 ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް މަންމަ ކޮނޑަށް ލައިގެން ދެބެން އެރީ އެވެ. އެކަކު ވަރުބަލިވުމުން މަޑުކޮށްފައި އަނެކަކު މަންމަ ކޮނޑަށް ލަމުން އެމީހުން ފަރުބަދަމަތީގެ އެންމެ އުހަށް މަންމަ ގޮވައިގެން އެރީ އެވެ.

ފަރުބަދަމައްޗަށް އެރިއިރު މުޅި އެތަން ހީވަނީ ވައިލެޓްކުލައިގެ ދޫލައެއް އަޅާލާފައި އޮތްހެންނެވެ. މާތައް ފޮޅިފައިއޮތް ސަރަހައްދު ލޮލު ކޮޅަށް ނުފެންނަހާ ބޮޑެވެ.

ބާރަ އަހަރުން އެއްފަހަރު ފޮޅޭ މި މާތައް ހެދެނީ ވެސް ވަކި ސަރަހައްދުތަކެއްގަ އެވެ. ކުރިން މި މާތައް ހުރީ ހަމައެކަނި މި ފަރުބަދަ މަތީގައި ނަމަވެސް މިހާރު ކަރްނާޓަކާގެ ޗިކްމަގަލޫރް އާއި ކެރެލާގެ ކަލިއްޕަރާގައި ވެސް މީގެ ގަސްތައް ހެދި މާއަޅަން ފަށައިފި އެވެ. އަދި 2018އިން ފެށިގެން ޓެމިލް ނާޑޫގެ ކޮޑައިކެނަލް އާއި އެހެން ބައެއް ހިސާބުތަކުގައި ވެސް މާތައް ފޮޅެން ވަނީ ފަށާފަ އެވެ.