ލައިފްސްޓައިލް

އަލަށް އުފަންވީ އެއްމާބަނޑުގެ ދެބެންގެ ނަމުގައި މަޖާ އިއްތިފާގެއް

ވަރަށް ހީނުކުރާ ގޮތްގޮތަށް އިއްތިފާގުން ކަންކަން ދިމާވެ އެވެ. މިއީ އެމެރިކާގެ ޑެންވާގައި މި ހިނގާ އޮކްޓޯބަރު މަހު އުފަންވީ އެއްމާބަނޑު އަންހެން ދެ ކުދިންނަށް ކީ ނަމުން ދިމާވި މަޖާ އިއްތިފާގެކެވެ.

ލޯރެން މީހާން ވިހަން ބަނޑުގައި ރިއްސާތީ ރޯޒް މެޑިކަލް ސެންޓަރަށް ދިޔައީ މި މަހުގެ ކުރީކޮޅުގެ ދުވަހެއްގަ އެވެ. އަދި އެ ސެންޓަރުގައި އޭނާ އެއްމާބަނޑު ދެބެން ވިހެ އެވެ.

"އަހަރެމެންގެ ދެބެން ކުއްލިއަކަށް ދުވަސްނުފުރާ ވިހެއީ ދަންވަރުގެ ވަގުތެއްގައި،" މީހާން ބުންޏެވެ.

މީހާން އަކީ ހަމަ އެ މެޑިކަލް ސެންޓަރުގެ ކެތު ލެބްގެ ޑައިރެކްޓަރު ވެސް މެއެވެ.

އެމީހުންނަށް ލިބެނީ އެއްމާބަނޑު ދެ އަންހެން ކުދިންކަން މީހާން އާއި އޭނާގެ ފިރިމީހާއަށް ކުރިން އެނގިފައި އޮތުމުން އެމީހުން އޮތީ ކުދިންނަށް ކިޔާނެ ނަން ވެސް ހޯދާފަ އެވެ. އެއީ އެ ކުދިންގެ އުފަން ދުވަހުގެ ސެޓްފިކެޓްގައި ނަން ޖަހަން ބޭނުންވާނެތީ އެވެ.

މީހާން ވިއްސި ލޭބާ ރޫމްގެ ދެ ނަރުހުންނާއި ހޮސްޕިޓަލުގެ އެހެން ބައެއް ސްޓާފުންގެ ޓީމެއް އައިސް މީހާން އޮތް ކޮޓަރިއެއް ވަދެފައި އެ ކުދިންނަށް ކިޔަނީ ކޮން ނަމެއްތޯ ސުވާލު ކުރި އެވެ. އަދި މީހާން ދިން ޖަވާބުން އެ އެންމެން ވަރަށް ބާރަށް ހޭން ފެށި އެވެ.

"އަހަރެންގެ ކޮޓަރިއަށް އައި ސްޓާފުންގެ ގްރޫޕް ކައިރީގައި އަހަރެމެން ބުނިން އަހަރެމެންގެ ދެބެންނަށް ކިޔަނީ އެމާ އާއި ޖޫލިއާ އޭ. އެހެން ބުނުމާއެކު އެތަނުގައި ތިބި އެންމެން ހިފެހެއްޓުމެއް ނެތި ބާރު ބާރަށް ހޭން ފެށީ. އެމީހުންނަށް އެވަރަށް ހެވުނީ އަހަރެން ވިއްސުމުގަޔާއި އަހަރެންގެ ދެ ބޭބީގެ ކަންތައްތައް ކުރުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރި ދެ ނަރުހުންގެ ނަމަކީ ވެސް އެމާ އާއި ޖޫލިއާ ކަމަށް ވާތީ،" މީހާން ބުންޏެވެ.

މީހާން ބުނި ގޮތުގައި އޭނާގެ ދެބެންގެ ނަން ކިޔާ އެ ދެ ނަރުހުން ވެސް އޭނާ އާއި އާއިލާއަށް ވަރަށް ޚާއްސަ އެވެ.

އެއް ނަމެއް ކިޔުމުގެ އިތުރުން އެ ދެ ނަރުހުންނަކީ ވަރަށް އޯގާތެރި ރަނގަޅު ދެ މީހުންނަށް ވާތީ އެވެ. އޭނާ ވިހަން ބަނޑުގައި ރިއްސާތީ އެ ސެންޓަރަށް އައުމަށްފަހު ފާއިތުވީ ހުރިހާ ވަގުތެއްގައި އެ ދެ ނަރުހުންގެ ޚިދުމަތް ވަރަށް ފުރިހަމައަށް ލިބުނުކަން މީހާން ފާހަގަކުރި އެވެ. އެހެންވެ މި މަޖާ އިއްތިފާގުގެ ވާހަކަ އޭނާގެ އެއްމާބަނޑު ދެބެންނަށް ވިސްނޭވަރު ވުމުން ކިޔައިދޭނެ ކަމަށް މީހާން ބުންޏެވެ.