ބޮލީވުޑް

ލަވަކިޔުން ހުއްޓާލި ލަކީ އަލީ ދަރިފުޅާއެކު އުމްރާއަށް

ލަވަކިޔުމާއި އެކްޓްކުރުމުގެ ދާއިރާއަށް އަލްވަދާއުކީތާ އެތައް އަހަރެއް ފަހުން އިންޑިއާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަކީ އަލީ އޭނާގެ އަންހެން ދަރިފުޅު ތަސްމިޔާ އަލީ ގޮވައިގެން މިހާރު އުޅެނީ އުމުރާއެއް ވާން މައްކާއަށް ގޮހެވެ.

"ބައްޕައާ އަންހެން ދަރިފުޅު އެކުގައި ބުލެޓް ޓްރޭނުގައި މަދީނާއަށް،" ދަރިފުޅާއެކު ނަގާފައިވާ ފޮޓޯތަކެއް ޕޯސްޓްކުރަމުން ލަކީ ލިޔެފައި ވެއެވެ.

"އޯ ސަނަމް" ލަވައިން ހިންދީ ފިލްމު އިންޑަސްޓްރީގައި ރަނގަޅު މިއުޒިކް އަދި އެކްޓިން ކެރިއަރެއް ބިނާކުރަމުންދިޔަ ލަކީ މީގެ އެތައް އަހަރެއް ކުރިން މިއުޒިކާ ދުރުވާން ނިންމައި އެކަން އިއުލާންކުރީ ހަމަ ކުއްލިއަކަށެވެ. ސަބަބެއް ކަމަށް އޭނާ ބުނީ އިންޑަސްޓްރީގެ މީހުން އޭނާއަށް އިހުތިރާމް ނުކުރާތީ ކަމަށެވެ.

ކުރީގެ މަޝްހޫރު އެކްޓަރު މަހްމޫދުގެ ދަރިފުޅު ލަކީ އަށް ފާއިތުވީ ސެޕްޓެމްބަރު 19 ވަނަ ދުވަހު ވަނީ 64 އަހަރު ފުރިފަ އެވެ.

މިއުޒިކްގެ ދުނިޔެއަށް އޭނާ ނުކުތީ ވެސް އުމުރުން ވަރަށް ދުވަސް ވީފަހުންނެވެ. އެގޮތުން ފުރަތަމަ އަލްބަމް ރިލީޒްކޮށްފައިވަނީ 37 އަހަރުގަ އެވެ. އަދި "ސުނޯ" ރިލީޒްކުރީ 1996 ގައެވެ.

ލަކީއަށް އެންމެ ބޮޑު މަގްބޫލުކަމެއް ލިބި ލަވަކިޔުންތެރިއެއްގެ ހައިސިއްޔަތުން މީހުންނަށް އޭނާ ތައާރަފްވީ 2000ގައި ރިލީޒްކުރި ރިތިކް ރޯޝަންގެ ފުރަތަމަ ފިލްމު "ކަހޯނާ ޕިޔާރް ހޭ"އަށް ކިޔައިދިން ދެ ލަވައިންނެވެ.

އޭގެ ފަހުން އެކްޓިންގެ ރޮނގުން ވެސް ލަކީ މަސައްކަތްތަކެއް ކުރި އެވެ. "ކާންޓޭ" އާއި "ސުރް" އަކީ އެކްޓަރެއްގެ ގޮތުން އޭނާ ކުޅުނު ދެ ފިލްމެވެ. އޭގެ ފަހުން ފާއިތުވީ 10 ވަރަކަށް އަހަރު ލަކީގެ ރީތި ލަވަތަކެއް އަޑުއިވިގެން ދިޔަ އެވެ.

އެކްޓްކުރުމާއި ލަވަކިޔުން އަދި އެނޫންވެސް މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ކަމަކަށް އަލްވަދާއު ކިޔަން ލަކީ ނިންމީ 2015ގައި ރިލީޒްކުރި "ތަމާޝާ"ގެ ފަހުންނެވެ.

އޭގެ ފަހުން 2017ގައި އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ލަކީ ބުނީ ހިންދީ ފިލްމު އިންޑަސްޓްރީގައި މީހުންނަށް އިހުތިރާމްކުރުން ވަރަށް ނޯވެ އެވެ. އަދި ބޮލީވުޑް މުޅިން ބަދަލުވެއްޖެ ކަމަށާއި މިހާރު ރަނގަޅު މިއުޒިކް އުފެއްދުން ނެތް ކަމަށް ވެސް ބުންޏެވެ.

މިއުޒިކާއި އެކްޓިންއަށް އަލްވަދާއު ކީ ކަމަށް ބުނެފައި މިއަހަރުގެ ކުރީކޮޅު އޭނާ ވަނީ "އިންތިޒާރު"ކިޔާ ލަވައެއް ރިލީޒްކޮށްފަ އެވެ. އަދި އޭނާގެ "މާޑާ އެޓް ތީސްރީ މަންޒިލް 302"ކިޔާ ފިލްމެއް މިދޔަ އަހަރު ރިލީޒްކޮށްފައި ވެއެވެ. މިއީ 2008-2009ގައި އޭނާ ކުޅެން ފަށައި ނުނިމި އޮތް ފިލްމެކެވެ.

ލަކީ މިހާތަނަށް ތިން ކައިވެނި ކޮށް ފަސް ދަރިން ލިބިފައި ވެއެވެ. ތަސްމިޔާ އަކީ ފުރަތަމަ ކުރި ކައިވެންޏަށް ލިބުނު ދެ ދަރިންގެ ތެރެއިން ހަގު ދަރި އެވެ.