ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދިޔަ ފުރަތަމަ ހެކަތަން ކާމިޔާބުކުރި ބައިވެރިން އިއުލާންކޮށްފި އެވެ.
ހޮޓެލް ޖެންގައި މިދިޔަ ހުކުރު ދުވަހު 48 ގަޑިއިރަށް މި ހެކަތަން ކުރިއަށް ގެންދިޔައީ 'ބޭންކިން ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމާ އެކްސްޕީރިއަންސް' ތީމްގެ ދަށުންނެވެ. ހެކަތަންގައި ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހުށަހެޅުމަށް ހެކަތަންގެ ބައިވެރިންނަށް ފުރުސަތު ދީފައިވެ އެވެ.
ހެކަތަން ކާމިޔާބު ކުރި ބައިވެރިން
- އަހްމަދު މަހްފޫޒު، ހުސައިން ޒަޔާން، މޫސާ އިރުޝާން – ހުށަހަޅާފައިވަނީ ޑިޖިޓަލް އޮންބޯޑިން
- މުހައްމަދު އާތިކް އަލީ ރިޒާ، ފާތިމަތު އަރީން ނަސީމް، މުހައްމަދު ޔާނިއު ރަމީޒު – ހުށަހަޅާފައިވަނީ އެކްސްޕެންސް ޓްރެކާ
- މުހައްމަދު ޖައިލަމް، އިބްރާހިމް ހުސައިން ޝަރީފް، މުހައްމަދު އީމާން – ހުށަހަޅާފައިވަނީ ޕާސަނަލް ފައިނޭންސް މެނޭޖަރު
ހެކަތަންއާ ގުޅިގެން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން މެނޭޖިން ޑިރެކްޓަރު އައިޝަތު ނޫރައްދީން ވިދާޅުވީ ފިންޓެކް ކޮމިއުނިޓީގެ ފަރާތުން މި ހެކަތަންއަށް ދިން ޝައުގުވެރިކަމަކީ ވަރަށް އުފާލާއެކު ބަލައިގަންނަ ކަމެއް ކަމަށެވެ. މި ހެކަތަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޑިވެލޮޕަރުންގެ ފަރާތުން މޮޅު ހިޔާލުތަކެއް ލިބުނު ކަމުގައިވެސް ވިދާޅުވި އެވެ.
"ހުށަހެޅި ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ހެކަތަން ކާމިޔާބުކުރި ފަރާތްތަކަށް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބަށް މަރުހަބާ ކިޔަން. މި ހެކަތަންގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން އަދި ހެކަތަންގެ ހިޔާލު ހަގީގަތަކަށް ހެދުމަށް މަސައްކަތްކޮށްދެއްވި މެންޓާސް އަށް ހާއްސަ ޝުކުރެއް އަޅުގަނޑު އަދާކުރަން." އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.
މި ހެކަތަން ކާމިޔާބު ކުރި ތިން ފަރާތުން ހުށަހަޅާ ހިޔާލު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް ހަމަސް ދުވަހުގެ މުއްދަތެއް ދޭނެ އެވެ. މި މުއްދަތުގައި މަސައްކަތް ކުރުމަށް ހާއްސަ އޮފީހަކާއި ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާގެ އިތުރުން ޑިވެލޮޕްކުރާ ސޮލިއުޝަނަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް ބީއެމްއެލް އިން ހަމަޖައްސައިދިނުމަށް ނިންމާފައިވެ އެވެ.