މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހަފްތާގައި ފަށަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމަށް ހުށަހެޅި ފޯމުތަކުގެ އިވެލުއޭޝަން މަސައްކަތް މި ހަފްތާ ތެރޭގައި ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ފޯމުތަކުގެ އިވެލުއޭޝަންގެ މަސައްކަތް ކުރަން ތައްޔާރުވަމުންދާ ކަމަށާއި މި ހަފްތާ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށެވެ.

މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓަށް ފޯމު ހުށަހަޅަން ހުޅުވާލުމުން 35،861 ފޯމު ހުށަހަޅާފައިވެ އެވެ. ފޯމުތައް ކުރިއަށް އޮތް ތިން މަސް ތެރޭ އިވެލުއޭޓްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަންވެސް އަކްރަމު ވަނީ ދެއްވާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން ފްލެޓަށް އެދި ފޯމް ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ފެންވަރު ބެލުމަށް ގޭގެޔަށް ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މި ސަރުކާރުގައި ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ބަލާނީ އެކަން ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަނި ކަމަށާއި އެހެންނޫނީ އެކަން ކުރުމުގެ ވިސްނުމެއް ނެތް ކަމުގައިވެސް އަކްރަމު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ގޯތި އަދި ފްލެޓަށް އެދި ހުށަހެޅި ފޯމްތަކުގެ އިވެލުއޭޝަން ނިމުނުހާ އަވަހަށް ގޯތި އަދި ފްލެޓް ލިބޭ މީހުންނަށް އެ ތަންތަން ހަވާލުކުރާނެ ތާރީހެއް ކަނޑައަޅާނެ ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް 5،000 ގޯތި އަދި 4،000 ފްލެޓް ދޫކުރުމަށް ނިންމާ ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ ޖޫން 26 ވަނަ ދުވަހު އެވެ.

މާލޭގެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯއްޗަށް 15،164 ފޯމު ހުށަހަޅާފައިވާއިރު 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރިން ވިދާޅުވި ގޮތުގައި މިފަހަރު ގޯތި ދޫކުރާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ. ގިރާވަރު ފަޅު ހިއްކާ އެތަނުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުުރުމުގެ ޕްލޭނެއް ވެސް ސަރުކާރުން ގެންގުޅެ އެވެ.