ބޮލީވުޑް

ފިލްމްފެއާ އެވޯޑުގެ ރަންވަނަތައް "ބާޖީރާއޯ މަސްތާނީ" އާއި ދިޕިކާ އަދި ރަންވީރަށް

Jan 16, 2016

ބޮލީވުޑްގެ އެންމެ ގިނަ ދުވަސްވީ އެންމެ ޝަރަފުވެރި އެވޯޑް "ބްރިޓޭނިއާ ފިލްމްފެއާ އެވޯޑް 2016" ރޭގައި ވަނީ ބާއްވާފަ އެވެ.

ބޮލީވުޑްގެ ނަން މަޝްހޫރު އެކްޓަރުން ބައިވެރިވި މިއެވޯޑް ހަފްލާ ފަޅުފިލުވައިދީފައިވާއިރު، އާދަޔާ ހިލާފު މޮޅު އަދި ހެއްވާ މަޖާ ކަންތައްތަކާއެކު މިޝޯ ހުށަހަޅައިދީފައިވަަނީ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން އާއި ކޮމޭޑިއަން ކަޕިލް ޝަރްމާ އެވެ.

ކުރިން ވެސް ބެލެވުނު ގޮތަށް މިއެވޯޑް ހަފްލާގެ ރަންވަނަތައް ލިބިގެންގޮސްފައިވަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ބާޖީރާއޯ މަސްތާނީ" އެވެ. މިފިލްމަށް އެކި ކެޓަގަރީތަކުން ނުވަ އެވޯޑެއް ލިބިފައިވާއިރު މިއޯވޯޑްތަކުގެ ތެރޭގައި ބެސްޓް އެކްޓަރު، ބެސްޓް ޑައިރެކްޓަރު، ބެސްޓް ފިލްމްގެ އެވޯޑް ހިމެނެ އެވެ.

ފަސް އެވޯޑާއެކު ދެވަނަގައި އޮތޯ "ޕީކޫ" އެވެ. މިފިލްމަށް ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑާއި ކްރިޓިކް އެންމެ މޮޅު ފިލްމުގެ އެވޯޑާއި ކްރިޓިކްސް އަށް އެންމެ ކަމުދިޔަ އެކްޓަރުގެ އެވޯޑް ހިމެނެ އެވެ.

މިއެވޯޑް ހަފްލާގެ އެންމެ މޮޅު އެވޯޑްތައް ގެންގޮސްފައިވާ ތަރިންނަށް ބަލާއިރު، މޮޅު އެކްޓިންއެއް ދައްކުވައިގެން އެންމެ މޮޅު އެކްޓަރުގެ ފިލްމްފެއާ އެވޯޑް ގެންގޮސްފައިވަނީ "ބާޖީރާއޯ މަސްތާނީ" އިން ރަންވީރު ސިންގް އެވެ. އަދި "ޕީކޫ" އަދި އާދަޔާ ހިލާފު މޮޅު އެކްޓިންއެއް ދައްކައިގެން އެންމެ މޮޅު ބަތަލާގެ އެވޯޑް ގެންގޮސްފައިވަނީ ދިޕިކާ ޕަދުކޯން އެވެ. އެވޯޑް ލިބުމުން ދިޕިކާ މިއެވޯޑް އޭނާގެ މައިންބަފައިންނަށް ހާއްސަކޮށްފައިވާއިރު ވަނީ އޭނާގެ ބައްޕައަށް ލިޔެފައިވާ އަސަރުގަދަ ސިޓީއެއް އޯޑިއެންސަށް ހުށަހަޅައިދީފަ އެވެ.

އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް "ބާޖީރާއޯ މަސްތާނީ" އިން ސަންޖޭ ލިލާ ބަންސާލީ ގެންގޮސްފައިވާއިރު، އަލަށް ފިލްމެއް ޑައިރެކްޓްކުރި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ގެންގޮސްފައިވަނީ މަސާންގެ ޑައިރެކްޓަރު ނީރަޖް ގޭވަން އެވެ.

މީގެއިތުރުން އަލަށް ތައާރަފްވި އެންމެ މޮޅު ބަތަލުގެ އެވޯޑް ސޫރަޖް ޕަންޗޯލީ އަށް "ހީރޯ" އިން ލިބިފައިވާއިރު، އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފައިފައިވަނީ "ދަމްލަގާކޭ ހައިޝާ" އިން ބޮލީވުޑަށް ތައާރަފުވި ބޫމީ ޕަޑްނޭރްކަރް އެވެ.

ގިނަތަރިންނެއްގެ ޕަފޯމަންސްއިން މިއެވޯޑް ހަފްލާ އިތުރަށް ފުރިހަމަވެގެން ގޮސްފައިވާއިރު، ޒުވާން ބަތަލާ އާލިއާ ބަޓް ވަނީ އޭނާގެ ބައްޕަ، މަހޭޝް ބަޓްގެ ފިލްމުތަކުގެ ލަވަތަކާއި "ޝާންދާރް"ގެ ލަވަތަކަށް ނެށުން ހުށަހަޅައިދީފަ އެވެ. އަދި ބަތަލާ ކީރްތީ ސަނޮން ވަނީ ކުރީގެ މަޝްހޫރު ބަތަލާ ސާދްނާގެ ހަނދާނުގައި އޭނާގެ ލަވަތަކަށް ތައްޔާރުކޮށްފައިވާ ހާއްސަ ޓްރިބިއުޓެއް ހުށަހަޅައިދީފަ އެވެ. މީގެއިތުރުން ވެސް ރަންވީރު އާއި ސަލްމާން ޚާންގެ ޕާފޯމެންސްތަކެއް ވެސް ވަނީ ފެނިގެންގޮސްފަ އެވެ.

ފިލްމުފެއާ އެވޯޑް ލިބުނު ފާރާތްތައް:

އެންމެ މޮޅު ބަތަލާ: ދިޕިކާ ޕަދުކޯން - ޕީކޫ
އެންމެ މޮޅު ބަތަލު: ރަންވީރު ސިންގް - ބާޖީރާއޯ މަސްތާނީ
އެންމެ މޮޅު ފިލްމު: ބާޖީރާއޯ މަސްތާނީ
އެންމެ މޮޅު ޑައިރެކްޓަރު: ސަންޖޭ ލީލާ ބަންސާލީ - ބާޖީރާއޯ މަސްތާނީ
ބެސްޓް ޑެބިއު ޑައިރެކްޓަރު: ނީރަޖް ގޭވަން - މަސާން
ބެސްޓް ޑެބިއު (އަންހެން): ބޫމީ ޕަޑްނޭކަރް - ދަމް ލަގާކޭ ހައިޝާ
ބެސްޓް ޑެބިއު (ފިރިހެން): ސޫރަޖް ޕަންޗޯލީ - ހީރޯ
އެންމެ މޮޅު ފިލްމު ކްރިޓިކްސްގެ އެވޯޑް: ޕީކޫ
އެންމެ މޮޅު ކްރިޓިކްސް އެކްޓަރު (އަންހެން): ކަންގަނާ ރަނާވަތު - ތަންނޫ ވެޑްސް މަންނޫ ރިޓާންސް
އެންމެ މޮޅު ކްރިޓިކްސް އެކްޓަރު (ފިރިހެން): އަމީތާބު ބައްޗަން - ޕީކޫ
އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަންހެން): ޕްރިޔަންކާ ޗޯޕްޅާ - ބާޖީރާއޯ މަސްތާނީ
އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ފިރިހެން): އަނިލް ކަޕޫރް - ދިލް ދަޅަންކޭ ދޯ
ލައިފްޓައިމް އެޗީވްމަންޓް އެވޯޑް: މައުޝޫމީ ޗެޓަރްޖީ
އެންމެ މޮޅު ވާހަކަ: ވިޖެންދުރަ ޕްރަސާދް - ބާޖްރަންގީ ބައިޖާން
އެންމެ މޮޅު ސްކްރީންޕްލޭ: ޖޫހީ ޗަތުރަވޭދީ - ޕީކޫ
އެންމެ މޮޅ ލިރިކްސް: އިރްޝާދް ކާމިލް - އަގަރް ތުމް ސާތްހޯ - ތަމާޝާ
ބެސްޓް ޕްލޭ ބެކް ސިންގާ (އަންހެން): ޝްރެޔާ ގޯޝަލް - ދީވާނީ މަސްތާނީ - ބާޖީރާއޯ މަސްތާނީ
ބެސްޓް ޕްލޭ ބެކް ސިންގާ (ފިރިހެން): އަރްޖިތް ސިންގް - ސޫރަޖް ޑޫބާހޭ ޔާރޯ - ރޯއި
އެންމެ މޮޅު މިއުޒިކް: އަންކިތް ތިވާރީ، މީޓް ބްރޯސް އަންޖަން އަދި އަމާލް މަލިކް - ރޯއި