ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މާލެ ވަޑައިގެންފި

Oct 17, 2022
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކ. ކާށިދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދަނޑުވެރިންގެ ދުވަހާއި، ބައިނަލްއަގްވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކާށިދޫގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައިވެ އެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހް ވަނީ ކ. އަތޮޅު މަދަރުސާގައި ކުރިއަށް ދިޔަ ދަނޑުވެރިކަމުގެ މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި އެތަންތަން ބައްލަވާލެއްވުމުގެ އިތުރުން ބައެއް ދަނޑުވެރިންނާއި ބައްދަލުކުރައްވައި ހިޔާލުތައް ހޯއްދަވާފާ އެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި ރައީސް ސޯލިހް ވަނީ ކާށިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާވެސް ބައްދަލުކުރައްވައި ކާށިދޫގެ ތަރައްގީގެ މުހިއްމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ކާށިދޫ ހެލްތު ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ވެސް ބައްލަވާލައްވާފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ކާށިދޫއަށް ވަޑައިގެންނެވުމުގެ ކުރިން، ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން އެ ރިސޯޓުގައި ކުރިއަށް ދިޔަ "ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާ، މޯލްޑިވްސް ޗެލެންޖް" ވޮލީބޯލް މުބާރާތުގެ ފައިނަލް މެޗާއި ބައެއް އެހެން މެޗްތައް ބައްލަވާލެއްވި އެވެ.