ކ. ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމްރީ ކެމްޕޭނުގައި މިއަދު ކާށިދޫއަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ކާށިދޫއަށް ބޭނުންވާ ބައިވަރު ކަންކަން އެބަހުރި ކަމަށާއި އޭގެ ތެރެއިން ކާށިދޫ ފަޅުގައި ފަތުރުވެރިކަމަށް އިތުރު ރަށެއް ތަރައްގީކުރުމަށް ބިން ހިއްކައި ދެއްވާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ރިސޯޓެއް ހެދުމަށް ކާށިދޫގެ ފަޅުތެރެ ހިއްކުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށާއި މިއީ އަވަހަށް ކުރަން ޖެހޭ މަސައްކަތެއްގެ ގޮތުގައި މިހާރު ވާނީ ބީލަމަށް ލާފައި ކަމަށެވެ.
މީގެ އިތުރުން ކާށިދޫގެ ބިން ބޮޑުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
"ބައެއް ބޭފުޅުން ހިތަށް އަރާފާނެ މިއޮށް ބޮޑު ކާށިދޫގައި ބިން އިތުރު ކުރަން އަޅުގަނޑުމެން މި ވިސްނަނީ ކީއްވެގެން ބާއޭ. އެންމެ ބިން ބޮޑު އެއް ރަށް. އަޅުގަނޑުމެންގެ ވިސްނުމަކީ ކާށިދޫގައި މިހާރު އެ އޮތް ބިން އެއީ ދަނޑުވެރިކަމަށް ހާއްސަކޮށްފައި ބޭއްވުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ކާށިދޫ އަކީ ރާއްޖޭގައި ދަނޑުވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށް ކަމަށާއި މިހާރު އޮތް ބިން ދަނޑުވެރިކަމަށް ބޭނުން ކުރަން ނިންމީ އެހެންވެގެން ކަމަށެވެ.
އަލަށް ހިއްކަން ހަމަޖެހިފައިވާ ބިމުން ކާށިދޫގެ ރައްޔިތުންނަށް ގޯތި ދިނުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އެ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ މިއަހަރުގެ ތެރޭގައި ކާށިދޫގެ ބިން ބޮޑުކޮށް ބަނދަރު ވެސް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.