މާލޭގެ އެންމެ ބާރުބޮޑު އެއް މަގު ކަމަށްވާ އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއު ތެރެއިން މިހާރު ކުރިއަށްދާ ފުރަތަމަ ސެގްމެންޓްގެ މަސައްކަތް މިހަފްތާ ތެރޭ ނިންމާލެވޭނެ ކަމަށް އާރްޑީސީއިން ބުނެފި އެވެ.
އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވިދާޅުވީ މިހަފްތާ ތެރޭ ފުރަތަމަ ބައިގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި މޫސުން ރަނގަޅުނަމަ ދެވަނަ ބައިގެ މަސައްކަތްވެސް މި ހަފްތާ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ.
މޫސާ އަލިމަނިކު ވިދާޅުވި ގޮތުގައި އަމީނީ މަގުގެ ފުރަތަަމަ ބައިގައި ތާރުއެޅުމަށް ހަމަޖެހިފައިވަނީ 100 މީޓަރުގެ ދިގުމިން ހުރި ސަރަހައްދެއްގަ އެވެ. އަދި 12 ބައިގެ މަސައްކަތް ބާކީ އެބައޮތެވެ.
އަމީނީ މަގުގެ ފުރަތަމަ ބައިގައި މިވަގުތު ނުނިމިވަނީ ސްޓޯމް ވޯޓާ ސިސްޓަމްގެ ހޮޅިތައް ވަޅުލުމުގެ މަސައްކަތް އެކަނި ކަމަށްވެސް މޫސާ އަލިމަނިކު ވިދާޅުވި އެވެ.
"އެމްޑަބްލިއުއެސްސީގެ ހޮޅިތައް ވަޅުލާ ނިމިފައި ހުރީ މިހާރު. ކޭބަލް ޓްރޭވެސް އަޅާ ނިމިފައި ހުރީ. ހަމައެކަނި ސްޓޯމް ވޯޓާ ސިސްޓަމްގެ ހޮޅިތައް އެއްކޮށް އަޅާ ނުނިމި ހުރީ. އޭގެވެސް ބޮޑު ބައެއް އޮތީ ނިމިފައި،" މޫސާ އަލިމަނިކު ވިދާޅުވި އެވެ.
ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ފުރަތަމަ ބައި ކުރިއަށް ގެންދިއުމަށްޓަކައި ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށް މިވަގުތު ވަނީ މަގު ބަންދުވެސް ކޮށްފަ އެވެ.
ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. މަޝްރޫއުގެ އަގަކީ 84 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.
އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. އަދި ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި އަމީނީ މަގު ހަދާނީ އެ މަގުގައި މިހާރުވެސް ހުރި ފެހިކަން ނުގެއްލޭ ގޮތަށް ކަމަށް އާރްޑީސީން ބުންޏެވެ.
މާލޭގެ އަމީނީ މަގު ހެދުން ވަކި މަޝްރޫއެއްގެ ގޮތުގައި އާރްޑީސީއާ ހަވާލުކުރީ އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ 16 މަގެއް ހެދުމަށް ސަރުކާރުން މާލެ ސިޓީ ކައުންސިލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ. އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި އާރްޑީސީއާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ހިޔާލުތަފާތުވުން ތަކެއް އުފެދުނެވެ. ނަމަވެސް އެ ހިޔާލުތަފާތުވުންތައް ހައްލުކޮށް ކުރިންވެސް ނިންމާފައިވާ ގޮތަށް މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ފަހުން ސަރުކާރުން ބުނެފައިވެ އެވެ.