މާލޭގައި އެކި ނަން ނަމުގައި ހިންގާ މާރުކޭޓް ގޮޅިތަކުގައި ރަނގަޅު އިންތިޒާމެއް ހަމަޖެހިފައެއް ނެތެވެ. މާބޮޑު ތަރުތީބެއް އަދި އެކަށީގެންވާ ސާފުތާހިރު ކަމެއްވެސް ނުފެނެ އެވެ. އެ ތަންތަނުގައި ވިއްކަން ހުރި ބައެއް ތަކެތީގެ ރައްކާތެރިކަމާ ދޭތެރޭ ސުވާލު ވެސް އުފެދެ އެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން މިވަނީ ކުރިން މި ފާހަގަކުރި ކަންކަމަށް ހައްލެއް ހޯދައިދޭން މަސައްކަތް ފަށާފަ އެވެ. ދިވެހިން ބޭނުންވި ޒަމާނީ މާރުކޭޓެއްގެ ހިޔާލާއި ތަސައްވުރު މިހާރު މިވަނީ ހަގީގަތަކަށް ހަދައިދީދަ އެވެ. ބީސީސީ އިން މިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން "ސްމޯލް އެންޑް މީޑިއަމް ސައިޒް (އެސްއެމްއީ) ހަބްގެ" ނަމުގައި ރާއްޖެއަށް މުޅިން އަލަށް "ކިއޮސްކް" މާކެޓް ތައާރަފް ކުރަން ތައްޔާރުވެފަ އެވެ.
ކިއޮސްކް މާކެޓް ރާއްޖެއަށް ފަރިތަ ނުވިޔަސް މިއީ 13 ވަނަ ގަރުނުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުންކުރަމުންދާ ވިޔަފާރީގެ މޮޑެލް އެކެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ ކިއޮސްކް ތަކަކީ ވަރަށް ކާމިޔާބުކޮށް ހިންގާ ވިޔަފާރިތަކެކެވެ. ރާއްޖޭގައިވެސް ފުރަތަމަ ފަަހަރަށް ކިއޮސްކްތަކެއް ހަދާފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގައި ޝާމިލްވެ އުޅޭ ފަރާތްތަކުގެ ވިޔަފާރިތައް ފުޅާކުރުމަށް އިތުރަށް ފުރުސަތު ހޯދައިދޭނެ ތަންތަނުގެ ގޮތުގަ އެވެ.
ކިއޮސްކްގެ ބޮޑުމިނާއި ވަސީލަތްތައް
މާލޭގެ ޗާންދަނީ މަގުގައި ހުންނަ އެލައިޑްގެ އިމާރާތުގެ ފުރަތަމަ ތިން ފަންގިފިލާގައި ޖުމްލަ 16 ކިއޮސްކް ހެދުމުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. މީގެތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ވިޔަފާރިތަކަށް ހާއްސަ 43 ސްކޮޔާ ފޫޓުގެ ފަސް ކިއޮސްކާއި، 47 ސްކޮޔާ ފޫޓުގެ ހަތަރު ކިއޮސްކާއި، 37 ސްކޮޔާ ފޫޓުގެ ދެ ކިއޮސްކް އަދި 60 ސްކޮޔާ ފޫޓޫގެ ދެ ކިއޮސްކްގެ އިތުރުން 51 ސްކޯޔާ ފޫޓުގެ ބުއިންތަކަށް ހާއްސަ ތިން ކިއޮސްކް އެވެ.
ހުރިހާ ކިއޮސްކްތަކެއް ވެސް ހަދާފައިވަނީ އެތަންތަނުގައި ވިޔަފާރިކުރަން ބޭނުންވާ މީހުންނަށް ބޭނުންވާނެ ވަސީލަތްތަކާއި އެކީގައެވެ. މިގޮތުން 12 ކިއޮސްކެއްގައި ސިންކު ބަހައްޓައިދީފައިވެ އެވެ. ހުރިހާ ކިއޮސްކެއް ވެސް ހަދާފައިވަނީ މިނީ ފްރިޖަކާއި މައިކްރޯވޭވް އެއް ހިމަނައިގެންނެވެ. ތަނުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓޭނެ ގޮތްތައް ވަނީ ހަމަޖައްސާފަ އެވެ. އަސާސީ ހިދުމަތްތައް ހުރީ ގާއިމުކޮށްފަ އެވެ.
ކިއޮސްކް ލިބޭ މީހުން ކަނޑައެޅުން
ކިއޮސްކްތައް ކުއްޔަށް ނަގައިގެން އެ ތަންތަނުގައި ވިޔަފާރިކުރަން ބޭނުންވާ މީހުންނަށް ބީސީސީ އިން މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ. އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00އާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އުފައްދާ ތަކެއްޗާއި ފޯރުކޮށްދޭ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ލިބިގެންދާ ފަހި ފުރުސަތެކެވެ. މިފަދަ ވިޔަފާރިތަކުގެ ހިންގުން ހަރުދަނާކޮށް ދުޅަހެޔޮ ވިޔަފާރިތަކަށް ބަދަލުކޮށްލާނެ ވަސީލަތެކެވެ.
ސޯޅަ ކިއޮސްކްގެ ތެރެއިން ކޮންމެ މީހަކަށްވެސް އެއް ކިއޮސްކްއަށް ކުރިމަތި ލެވިދާނެ އެވެ. ކިއޮސްކްއަކަށް އެކަކަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފިނަމަ ކިއޮސްކް ލިބޭ ފަރާތް ކަނޑައަޅަން ނިންމާފައިވަނީ ގުރުއަތުލައިގެންނެވެ.
ބީސީސީގެ ކިއޮސްކްތަކަކީ އެ ތަންތަން ކުއްޔަށް ނަގާ މީހުންނަށް އެމީހުން ބޭނުންވާ ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ވިޔަފާރި ކުރިއަރުވައިދޭނެ ތަންތަނަށް ވާނެ އެވެ. ކިއޮސްކްތައް ބެލެހެއްޓުމާއި މާކެޓުކުރުމުގައި އެއްވެސް ވިޔަފާރިއަކުން އެހީތެރިކަމަކަށް އެދިއްޖެނަމަ ބީސީސީ އޮތީ އެކަމަށް އެހީވާން ތައްޔާރަށެވެ.
ކިއޮސްތައް ކުއްޔަށް ނަގާ ފަރާތުގެ ޝަރުތުތައް:
- އަށާރަ އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން
- އެންމެ ކުދި (މައިކްރޯ) ވިޔަފާރިއަކަށްވުން
- ބީސީސީގެ އެއްވެސް މަޝްރޫއަކުން މްދަނީއެއް ލިބޭ ފަރާތެއް ކަމުގައި ނުވުން
ބީސީސީގެ އޮފިޝަލަކު ވިދާޅުވީ ކިއޮސްކް ތަކަކީ ދިވެހިރާއްޖޭގެ އިގުތިސާދަށް ބޮޑެތި ނަފާތަކެއް ލިބިގެންދާނެ ކާމިޔާބު ސިޔާސަތަކަށް ވެގެން ދާނެ ކަމަށެވެ.
"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ ރާއްޖޭގެ އިގުތިސާދުގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރާ ވިޔަފާރިތައް. އެހެންވީމަ މި ވިޔަފާރިތައް ކުރިއަރުވަން ކުރެވޭ މިކަހަލަ މަސައްކަތަކުން ދިވެހި އިގުތިސާދަށް މަންފާ ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ކިއޮސްކެއް ކުއްޔަށް ނެނގޭނެ އެންމެ ކުޑަ އަގަކީ މަހަކު 8،900 ރުފިޔާ އެވެ. އެންމެ ބޮޑު އަގަކީ މަހަކު 12،400 ރުފިޔާ އެވެ. ކުލީގެ ތެރޭގައި ކިއޮސްކްތަކުގެ ފެނާއި ކަރަންޓް ބިލާއި އަދި މެއިންޓަނަންސް ފީ ހިމެނެ އެވެ.
ބީސީސީ އިން ތައްޔާރުވަނީ ކިއޮސްކްތައް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވުމަށެވެ. އޭރުން އެއްފުރާޅެއްގެ ދަށުން އެތައް ވިޔަފާރިތަކެއްގެ ހިދުމަތް އާންމުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެ އެވެ. އެހެންކަމުން ކިއޮސްކް ތަކަކީ ރާއްޖެގެ އިގުދިސާދަށް ބޮޑު ބަދަލެއް ގެންނާނެ ވިޔަފާރިއަކަށް ވާނެ އެވެ.