ވާހަކަ

އިޙްސާސްވޭ

( 16 އޮކްޓޯބަރ 2022 އާ ގުޅޭ )

މަލަކްގެ ފަހަތުން އަންނަ ޒުވާނާ މާޔަލްއަށް ފެނުނެވެ. އެއާއެކު އޭނާ ހަނދާންވީ ތަންކޮޅެއް ކުރީން ދުވަހެއްގައި އެ އިމާރާތް ކައިރީ މަޑުކޮށްލައިގެން އެ ޒުވާނާ ހުރިކަމެވެ. އެ ދުވަހު އެއީ ކާކުކަން ބުނާން ނޭނގުނަސް މިއަދު އެއީ ކާކުކަން މާޔަލްއަށް އެނގިއްޖެއެވެ. މާޔަލް އޭނާއާ ދިމާއަށް ހިނގައިގަތުމާއެކު އޭނާ ފަސްއެނބުރި އައިކޮޅަށް ދާން ދިޔައެވެ.

"އެއީ އޭނަ..." މާޔަލްއަށް ހިންދިރުވާލެވުނެވެ.

އެ ޒުވާނާގެ ފަހަތުން ދާން އުޅެފައި ވެސް މާޔަލް ހުއްޓުނީއެވެ. އެ ޒުވާނާގެ ހިނގުން ބާރުކޮށްލާފައިވާއިރު ފަހަތުން ދުވެގެން ވެސް އެއްވަރު ކުރެވޭނެހެން މާޔަލްއަށް ހީނުވާތީއެވެ. އޭނާ ކަންތައް އެކުރި ގޮތުން ވަރަށް ބޮޑު ހައިރާންކަމެއް މާޔަލްއަށް ލިބިއްޖެއެވެ. ހިތާއި ސިކުނޑީގައި އެތައް ސުވާލެއް އުފެދިއްޖެއެވެ.

"މަލްގެ ފްރެންޑެއްތަ އެއީ." މާޔަލްގެ ހިތަށް އެހެން އެރީ މަލަކްގެ ފަހަތުން އަންނާތީ ފެނުނީމައެވެ. ޔަގީން ކުރެވޭ ގޮތެއް ނުވީ މަލަކް ވެސް މަޑުނުކޮށް ވަދެގެން ދިޔައީމައެވެ. އެ ޒުވާނާ ފަސްއެނބުރި ހިނގައިގަތް އިރު މާޔަލްއަށް ޤަބޫލު ކުރެވެނީ އޭނާ އެފަދައިން ކަންތައް ކުރީ މާޔަލް ފެނިގެން ކަމެވެ. ބޮޑަށް އޭނާގެ ހަރަކާތްތަކުން މާޔަލްއަށް ނަގައިގަނެވުނީ ފިލަން އުޅެނީކަމެވެ.

"އެރޭ އަހަންނާ ވާހަކަދެއްކީ އޭނާ. މިހިސާބުގައި އުޅޭ މީހަކަށްވެދާނެތަ. އަނެއްކާ މި އިމާރާތުގެ އެޕާޓްމެންޓެއްގައި އުޅޭ މީހަކީތަ... އެރޭ އޭނާ އަހަރެން ހުއްޓުވަން މަސައްކަތް ކުރި. އޭނާ ދެއްކި ވާހަކައަށް ސަމާލުކަމެއް ނުދިނީ އަހަރެން."

އަމިއްލަ ޚިޔާލުތަކުގެ ތެރެއަށް މާޔަލް ގެއްލިފައި ހުއްޓެވެ. ކަންތައްތައް ހަނދާންވަމުން އައިހެން އެކަންކަމުގެ އެންމެ ފުނަށް ވާސިލުވާން މާޔަލް މަސައްކަތް ކުރިއެވެ. ދުވާރުމަތީ މެދުގައިކަން ހުއްޓިލައިގެން ހުރެވުނީ މާޔަލް ނުދެނަހުއްޓެވެ. އޭނާއަށް މީހަކު ގޮވާއަޑު އިވުނެވެ. ޚިޔާލުގެ ފަރުދާ ކަހާލާފައި އެނބުރިލީއިރު އިމާރާތުގެ ކުރިމައްޗަށް ވާހެން މަޑުކޮށްފައި އޮތް ޓެކްސީއިން ފައިބާ ހުރީ މައިރާއެވެ. ހަލުވި ހިނގުމުގައި މާޔަލް އައިސް ދައްތައާ އެއްވަރު ކުރިއެވެ. ދެ އަންހެންކުދީން ޓެކްސީގެ ފަހަތު ސީޓުގައި ހަމަޖެހިލިއެވެ.

ހޮސްޕިޓަލަށް މައިރާ އައިރު އިރުފާގެ ހާލު ރަނގަޅެވެ. ހުމުގެ އަސަރު ފިލައިފިއެވެ. މެންދުރުން ފެށިގެން އިރުފާގެ ކައިރީ އިނީ ރަޒާއެވެ. އޭނާ އެ އިނީ ރޭގައި ނުވެސް ނިދައެވެ. އެހެންވެ ފުރަތަމަ ކަމަކަށް މައިރާ ބެލީ ފިރިމީހާ ގެއަށް ފޮނުވާށެވެ. މައިރާއާ މެދު ފިކުރުނުކުރާން ރަޒާ ގާތު އޭނާ ބުންޏެވެ. މައިރާއާއެކު މާޔަލް ހުރުންވީ ރަޒާ ވެސް ހިތްހަމަޖެހުނު ސަބަބަކަށެވެ. ރަޒާ ނުކުމެގެން ދިއުމުން މައިރާ ގެނައި ކޮތަޅުގެ ތެރެއިން ހަވީރުގެ ސަޔަށް އޭނާ ތައްޔާރުކޮށްގެން ގެނައި ސޭންޑްވިޗް ތަށި ނެގިއެވެ. ހުމުގެ އަސަރު ނެތަސް އިރުފާ ކާހިތެއްނުވިއެވެ.

"ގެއަށް އެނބުރި ދާހިތެއްނުވޭ." އިރުކޮޅަކު ހިމޭނުން އިނދެފައި އިރުފާ ބުނެލިއެވެ.

"އެއީ ކީއްވެ؟." މައިރާ ހައިރާންވިއެވެ. މާޔަލްގެ ސަމާލުކަން ވެސް އިރުފާއަށް ހުއްޓުނެވެ.

"ނޭނގެ... ރީނާ މަރުވިފަހުން ގޭތެރެ ނާމާންވެއްޖެހެން ހިޔެއްނުވޭތަ." ނުބުނަން އިނދެފައި އިރުފާ ހާމަކޮށްލިއެވެ.

މައިރާއަށް ކުއްލިއަކަށް ހަނދާންވީ އޭނާއަށް ފެނުނު ހުވަފެން މަތިންނެވެ. ހުވަފެނުގައި ވެސް ފެނުނީ ފާޚާނާ ތެރޭ ރީނާ މަރުވެފައި އޮތްތަނެވެ. ދުވަހަކުވެސް އެފަދަ ނުބައި ހުވަފެނެއް އޭނާއަށް ފެނިފައެއް ނެތެވެ. ބިރުން މީހާ އަވަދިވެ ހުވަފެނަކުން ނުހޭލެވިގެން އުޅެފައެއް ނެތެވެ. އެ ހުވަފެނުގެ މަތިން ހަނދާންވުމާއެކު މައިރާގެ ދެއަތާއި ކަނދުރާމަތިން ހީބިހި ނަގައިގެން ގޮސް ލޯލިތައް ކޮޅަށް ޖެހިލައިފިއެވެ. އިރުފާ ބުނާހެން ރީނާގެ މަރަށްފަހު އެމީހުން ދިރިއުޅޭ އެޕާޓްމެންޓުގައި ނާމާންކަމެއް އުޅެނީބާއޭ އަމިއްލަ ނަފްސާ މައިރާއަށް ސުވާލުކޮށްލެވުނެވެ.

"މަންމަ ބުންޏެއްނު އެތަނެއްގައި ޤުރުއާން ކިޔަވާ ނަމާދުކުރާ ބަޔަކު އުޅެންޏާ ފަޅެއްނުވާނޭ. ނާމާންކަންކަން ނުވާނޭ... ބައެއްފަހަރު އެކަހަލަ އަންޔޫޝަލް ޑެތްސްއާ ކުރިމަތިލާން ޖެހުނީމަ ސައިކޮލިޖިކަލީ ވެސް ނުބައި އަސަރުކުރޭ. މަރުވެފަ ތިބޭ މީހުންނާއި... ބިރުގަންނަ ކަންކަން ދިމާވާންފަށާހެން ހީވާނެ. އިލޫޝަންސް އެއީ... ނޮޓް ރިއަލް. ދޮންތި... އައިގެ ޑަކްޓަރު ވެސް ބުނީ ކީކޭ. އިންސާނާގެ ސިކުނޑީގެ ހުރިހާ ހަޤީޤަތެއް ހޯދިފައެއްނެތޭ. އެހެންވެ އެކި ކަންކަމުގައި އެ ސިކުނޑި ރިއެކްޓްކުރާނީ ކިހިނެއްކަން ކުރީބައިގަ ލަފާކުރަން ނޭނގެނީ އެހެންވެއޭ." މާޔަލް ވާހަކަދެއްކިއެވެ. ކޮއްކޮގެ ވާހަކަތަކުން މައިރާ ހިތްހަމަޖައްސާލިއެވެ. ނަމަވެސް އިރުފާ އިނީ ހިމޭނުންނެވެ. އޭނާއަށް ވާ އުނދޫގަތަކަކީ އޮޅުމެއްނޫނެވެ. އޯކަށްދެމިދެމި މީހާގެ ގޮހޮރު ބޭރަށް ނުކުމެދާނޭ ހެން ވެސް އޭނާއަށް ހީވިއެވެ. ނަމަވެސް ކަރުބުޑުގައި އެއްޗެއް ތަތްކޮށްލައިގެން ނުނިކުންނަން އޮތް ކަހަލައެވެ. ބަނޑުގައި ފަންޏެއް ދުވާހެން ހިރޭހިރުން އިޙްސާސް ވެސް ކުރެވުނެވެ. އޭނާގެ ސިކުނޑީގައި މައްސަލައެއް ހުރެގެން ވީހާ ކަންކަމެއްނޫންކަން އެއީ ބުނާން އިރުފާއަށް އެނގެއެވެ. އޭނާ ހާދަ ބިރެއް ގަތެވެ. ހުންގަދަވެގެން ދެ ލޮލުން ހޯސްލާފައި ފެންފައިބަމުން ދިޔައިރު ހަށިގަނޑުގެ އެތެރެއިން ކަމުންދަނީއޭ ވެސް އޭނާއަށް ހީވިވަގުތެއް އައެވެ. ނަމަވެސް މިއަދު ހެނދުނު އޭނާއަށް ހޭލެވުނުއިރު ހުމުގެ އަސަރެއް ނެތްއިރު ރޭގައި އެކުރެވުނު އުނދަގޫތައް ވެސް ފިލާފައިވާ ކަހަލައެވެ. ޚުދު އޭނާގެ ސިކުނޑިއަށް ވެސް ނަގައިގަންނަން ފަސޭހަކަމަކަށް އެކަންތައްތައް ނުވެއެވެ.

އިރުއޮއްސެން އުޅެނިކޮށް އިރުފާގެ އައިވީ ވެސް ނަރުސް ކުއްޖަކު އައިސް ނައްޓާލިއެވެ. މަޣްރިބު ނަމާދުކޮށްލަން މައިރާ ދާން ނިންމީ މާޔަލްއާއި އިރުފާ ވެސް ގޮވައިގެންނެވެ. ނަމަވެސް ފާޚާނާއަށް ވަންއިރުފާ ނުކުތީ ވަރަށް ގިނައިރުކޮށްފައެވެ. އޭނާ ދެން ދިނީ ނަމާދުނުކުރެވޭކަމުގެ ޚަބަރެވެ. އިރުފާއަށް އެކަމުގައި އެވަގުތު އެހީތެރިކަން ބޭނުންވިއެވެ. ތައްޔާރުނުވެ ހުރިކަމަކަށްވީމައެވެ. ދުވަސް ނުޖެހޭކަން އިރުފާއަށް އެނގެއެވެ. އިރުފާ އެނބުރި އައިސް އެނދު ކައިރީ ހުރި ގޮނޑީގައި އިށީނީއެވެ. މައިރާއާއި މާޔަލް ނުކުމެގެން ދިއުމުން އޭނާ ނެގީ ފޯނެވެ. ނަދީމުގެ މަތިން އޭނާ ހަނދާންވަނީއެވެ.

މިސްކިތުން ނުކުތް ގޮތަށް މާޔަލްގެ އެދުމަށް މައިރާއާ ދެ އަންހެންކުދީން އައިސް ވަނީ ދެ ފަންގިފިލާއަށް ހަދާފައި ހުރި ހޮސްޕިޓަލުގެ ކެފްޓީރިއާއަށެވެ. ދެ އަންހެންކުދީން އެރީ މައްޗަށެވެ. ހޮސްޕިޓަލްގެ ތެރެ ފެންނާނޭހެން ބިއްލޫރި ޖަހާފައިވާ ބިތްކައިރިން ކަނެއްގައި ހުރި މޭޒެއްގެ ދޮށުގައި އެމީހުން އިށީނެވެ. ގެނެސްދޭން ބުނި ދެ ކޮފީޖޯޑު ހިފައިގެން އެތަނުގައި މަސައްކަތް ކުރާ ކުއްޖަކު އައިސް މޭޒުމަތީ ބަހައްޓާލަ ދީފައި ހިނގައްޖެއެވެ.

"ދެން ކިޔާބާ..." މާޔަލްގެ މޫނަށް ބަލަން އިރުކޮޅަކު އިނދެފައި މައިރާ ބުނެލިއެވެ.

"އިވާން... އަހަރެމެން ބްރޭކްއަޕް ވެއްޖައިން. އެކްސިޑެންޓް ވުމުގެ ވެސް ކުރީން." މާޔަލްގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެއެވެ.

"ވަޓް؟... ކީއްވެ؟." މައިރާއަށް ލިބުނީ މާޔަލް އުންމީދުކޮށްގެން އިންފަދަ ސިހުމެކެވެ. އިވާންއާއި މާޔަލްގެ ޖޯޑަކީ މައިރާގެ ނަޒަރުގައި އެންމެ ފުރިހަމަ ދެބައިވެރީންނެވެ. އެންމެންނަށް އެމީހުން ސިފަކުރެވޭ ގޮތާއި ދެ ހިތުގައި ހިނގާ ޖަޒްބާތު ތަފާތެވެ.

"އަހަރެން ޓްރައިކުރީން. އިވާން ވަރަށް ލޯބިވޭ... އަހަންނަށް އިވާން ކަމުނުދިޔައީ. މީހަކު ކަމުދިއުމަކީ އަދި ލޯބިވުންނޫންކަން އެނގުނީ މާފަހުން. އިވާންއާއެކު އޮތް ރިލޭޝަންޝިޕްގައި އަހަރެންގެ އަމިއްލަ އަޑުވަނީ ސައިލެންޓްވެފައި... އެހެންއެވީ އަހަންނަށް އިވާންދެކެ ލޯބިނުވެވޭތީކަން އެނގުނު."

"މާއްކޮ... މެރީކުރަން ބޭނުންނުވަނީތަ. އެހެންވެތަ ރުޅިވެގެން ތިއުޅެނީ." ކުއްލިއަކަށް ނަގައިގަންނަންވީ ގޮތެއް މައިރާއަކަށް ނޭނގުނެވެ. އިވާނާއި މާޔަލް ދުރުވުމަކީ އޭނާއަށް ޤަބޫލުކުރެވޭކަމެއް ނޫނެވެ. އެ ދެކުދީން އުޅުނީ ކީހާ ލޯބިންކަން މައިރާއަށް ފެނިފައި ހުރީމައެވެ. އިވާންގެ ޢާއިލާ ވެސް މާޔަލްދެކެ އެހާ ލޯބިވެއެވެ.

"ދޮންތި... ޕްލީޒް... ޖަޖްނުކޮށް އިހަށް އަޑުއަހާބަލަ." މާޔަލް ސީރިއަސް ރާގެއްގައި މައިރާއަށް ގޮވާލައި ބުނެލިއެވެ.

ހައިރާންކަމާއި އުފެދުނު ސުވާލުތައް އެއްފަރާތްކޮށް މާޔަލްއަށް ބަލަން އިނދެ މައިރާ ބޯޖަހާލިއެވެ. އޭނާ އިނީ އަޑު އަހަންކަން ޔަގީންކޮށްދިނުމަށެވެ. އިވާންއާއި މާޔަލްއާ ދެމެދު އޮތް ގުޅުމަށްވީ ކިހިނެއްކަން މާޔަލް ކިޔާދޭންފެށިއެވެ. އިވާންއާ ދެމީހުން މައްސަލަޖެހޭލެއް ގިނަކަން ބުންޏެވެ. ވަކިވާން ބޭނުންވި ކިތަންމެ ފަހަރެއް އައިކަން މާޔަލް ބުންޏެވެ. އެހެން އުޅެނިކޮށް ޒިލްމާގެ ކައިވެނީގެ ވަލީމާގެ ތެރެއިން އައިރިކްއާ ދިމާވިގޮތް މާޔަލް ކިޔާދީފިއެވެ.

"ވޮމެންސް ޑޭ އޮފީހަކުން އޯޑަރު ކުރި ރޯސްތައް ހިފައިގެން އަހަރެމެން ނުކުތީމެންނު، އަހަރެން މެސެޖުކުރީން އެދުވަހު، ފްރެންޑަކާ ދިމާވެގެން. ދޮންތި ކައިރީ ފިހާރައަށް ދާށޭ އަހަރެން ދާނަމޭ ބުނީން... އެ ދުވަހު ފެނުނު ފްރެންޑަކީ ރިކް..." މާޔަލް ކިޔާދިނެވެ. މައިރާ ވެސް އެ ބުނާ ދުވަހެއް ހަނދާންވިއެވެ.

މާޔަލްގެ ވާހަކައިން އޭނާ އައިރިކްދެކެ ލޯބިވާވަރު ނަގައިގަންނަން މައިރާއަށް އުނދަގުލެއްނުވިއެވެ. އޭގެ ދެމީހުން ވެސް އެކަކުއަނެކަކުދެކެ ލޯބިވާކަން ޔަގީނެވެ. އެންމެ ބޮޑަށް މައިރާ ހައިރާން ކުރުވީ އައިރިކްގެ ކައިރިއަށް މާޔަލް މަސައްކަތް ކުރާން ދިއުމެވެ. މާޔަލްގެ ހަނދާންތައް އެނބުރި އައުމުގައި ލޯފަން މީހެއްގެ ގޮތުގައި ހުރެ އައިރިކް އެ ދެއްކި ހިތްވަރު މައިރާއަށް ކަމުދިޔައެވެ. ހޮސްޕިޓަލުގައި މާޔަލް އޮތްއިރު އައިރިކް އެންމެ ދުވަހެއް ވެސް ވައްޓާނުލާ އަންނައައުމުގެ މާނައަކީ ކޮބާކަން މިހާރު މައިރާއަށް ސާފުވެއްޖެއެވެ. އަދި އައިރިކްގެ ބެލުމުގައިވަނީ ކީކޭކަން ވެސް މައިރާއަށް ޔަގީންވެއްޖެއެވެ. މިހާ ދުވަހު އޭނާ ހުރީ ޝައްކެއްގެ މަތީއެވެ. ހޮސްޕިޓަލުގައި ހޭދަވި ދުވަސްތަކުގައި އައިރިކްއާއި މާޔަލްއާ ދެމެދުގައި އެހެން މީހުންނަށް ނަގައިގަންނަން ނޭނގޭ ބަހުރަވައަކުން މުއާމާލުކުރެވެޔޭ ހީވެފައެވެ. މާޔަލް މަސައްކަތް ކުރާ ތަނުގެ ވެރިޔާއަށް ވިޔަސް އެ ދެމެދުގައި އެއަށްވުރެ ގާތްކަމެއް އޮތޭ ހީވާވަރުންނެވެ. ދެމީހުން އެކަހެރިކޮށް ހޮސްޕިޓަލުގެ ކޮޓަރިތެރޭ ވާހަކަދައްކަން ތިބޭތިބުން ވެސް މައިރާގެ ހިތުގައި އޮތީ ސުވާލު އުފައްދާފައެވެ. އެ ހުރިހާކަމެއް މިއަދު މާޔަލްއަށް އޭނާއަށް ޔަގީންކޮށްދީފިއެވެ. އެއީ ކުށްހީއެއްނޫންކަމެވެ. ދެމެދުގައި ވަކިވުމެއްނެތް ލޯބި އެބައޮތެވެ.

"އަޅެ ކީއްވެ މާއްކޮ ކުރީން ނުބުނީ." މައިރާއަށް ބުނެވުނެވެ.

"ދޮންތި... ހިއާ..." މާޔަލް އޭނާގެ އަތްދަބަހުން ނެގީ ނޯޓުފޮތެވެ. އޭނާ އައިރިކްއަށް ޖަވާބުދޭން ކަނޑައަޅައި ދެމެދުގައި ވެވިފައި އޮތް އެއްބަސްވުމުގެ ހެކި އެ ފޮތުން ދެއްކިއެވެ. އެހެންވިޔަސް އެ ދުވަހުގެ މާކުރީން އައިރިކްއާ ބައްދަލުކުރާން ބޭނުންވީ ޚުދު މާޔަލްއެވެ. ޢާއިލާގެ ކައިރީ ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމައިގެން ހުއްޓާ އެކްސިޑެންވީއެވެ. ދެން ހޭލެވުނުއިރު އޭނާއަށް އެންމެ މުހިންމު މީހާގެ މަތިން ހަނދާންނެތިއްޖެއެވެ. ދިރިއުޅުން އޮޅުންބޮޅުންވީއެވެ. އިވާން ވެސް އޮޅުވާލީއެވެ. މާޔަލްގެ ނަޒަރުގައި އޭނާއަށް އެންމެ ބޮޑަށް އޮޅުވާލި މީހަކީ އިވާންއެވެ. އެ ވާހަކަތައް ކިޔާދިނުމުން މައިރާއަށް ވެސް އިވާންގެ އެ ޢަމަލު ކުށްވެރި ކުރެވުނެވެ. އަމިއްލަ އެދުން އިވާން އިސްކުރީމައެވެ. މާޔަލްއަށް ހަޤީޤަތް ފޮރުވީމައެވެ. އަދި ހުރިހާ ކަމެއް އެނގިހުރެ ގޮތްދޫނުކުރާތީ އިވާންގެ އެ ސިފަ މައިރާއަށް ކަމަކު ނުދިޔައެވެ.

"އެގޭ މަންމަ މިއަދު ގުޅި. މަންމައަށް ގުޅީ... ރަންކިޔާފަ އެހާ ގިނަ ދުވަހު ތިބުން ރަނގަޅެއްނުވާނެޔޯ. މަންމަ ބުނީ ދެން މަޑުކުރާކަށް ނުފެނެޔޭ. އިވާންއާ ވާހަކަދައްކައިގެން ޑޭޓެއް ނިންމަން ބުނީ. ދޮންތި... ކިހިނެއް މިކަން ހުއްޓުވާނީ. ބޮޑު މައްސަލައަކަށްނުވާނެހެން މިކަން ނިމޭނެހެން ހީވޭތަ. އެންމެ ހާސްވަނީ އެކަމާ... މަންމަ ރުޅި އަތުވެދާނެތީ. އެންމެން ހީކޮށްފާނެ އެއްޗެއް ނޭނގޭތީ... އަހަރެން އިވާންއަށް ދޯކާދީފަ ރިކްއާއެކީ އެފެއާއެއް ހިންގީ ހީކޮށްފާނެ." މާޔަލްގެ މޫނުން ކަންބޮޑުވުން ފާޅުވޭވޭ ހުއްޓެވެ.

"މާއްކޮއަށް ހީވޭތަ މަންމަ ރުޅި އަންނާނެހެން. ތިވަރުގެ ކަމެއްގަ... ޝީ އިޒް އަވާ މަމް... އެންމެ ބޮޑަށް އަހަރެމެންގެ ހުރިހާކަމެއް އަންޑަސްޓޭންޑްވާ މީހާ." މައިރާ ބުންޏެވެ.

"އަހަރެން އެކަނި މިވާހަކަތައް ކިޔާދޭކަށް ނުކުރޭނެ. އެހެންވެ ދޮންތި ކައިރީ ފުރަތަމަ މިބުނީ. ޕްލީޒް... ހެލްޕް މީ." މާޔަލް ބުންޏެވެ.

"އިވާން ދެން ހާދަ ފޭކޭ... އޭނާ ދޯ އޭނާގެ މަންމަމެން ކައިރީ ބުނަންވާނީ. މާކުރިން ނިމިފަ އޮތް ގުޅުމެއްގައި ހިފަހައްޓައިގެން ހުރުމުގެ ބޭނުމެއްނެތް. ލޯބިވިޔަސް އެގޮތް އެހާ ނައިސްއެއްނޫން. އޭނާގެ ފެމެލީ ކައިރީ އަހަރެމެން މިހުރިހާ ވާހަކައެއް ދައްކަންވީމަ އޭތި މާބޮޑަށް ވެސް ކަޑަ... އެހެންވިޔަސް މިހާރުން މިހާރަށް ނިންމަންޖެހޭ ކަމެއް ތީ. މިރޭ ގެއަށް ގޮސް މަންމައާއި ޑޭޑް ބައިތިއްބައިގެން ހުރިހާ ކަމެއް ކިޔާދޭނީ. މަންމައަށް އެނގޭނެ ދެން ކިހިނެއްކަން ކަންތައްކުރާނީ. ސޯ... ލެޓްސް ޓްރަސްޓް އަވާ ޕޭރެންޓްސް." މައިރާ ބުންޏެވެ.

ރޭގަނޑު އަށެއް ޖެހިއިރު ހޮސްޕިޓަލުގައި އިންނަން އިނާޔާ އައީ ކިހިނެއްވެގެން ކަމެއް ނޭނގެއެވެ. އޭނާ ގޮވައިގެން އައީ ރަޒާއެވެ. މައިރާ ހުރީ ސުވާލު އުފެދިފައެވެ. ބާރަ ޖެހީމަ މަންމަ ގެއަށްލާފައި އައިސް ދަންވަރު އިރުފާގެ ކައިރީ ރަޒާ މަޑުކޮށްލާނީކަން އޭނާ މައިރާ ގާތު ބުންޏެވެ.

"މީ އިރުފާއަށްދޭން ދޮންބެދައްތަ ފޮނުވި ބަތްޕެންކޮޅެއް." އަތުގައި އޮތް ކޮތަޅު މައިރާއަށް ދިއްކޮށްލާ ރަޒާ ބުންޏެވެ.

"ހަވީރު އަހަރެން އައިސް ސޭންޑްވިޗްއެއްގެ އެއްފަޅި ކާލި ގޮތަށް އެ އޮންނަނީ. މިހާރު އަނެއްކާ ހުން އަންނަންފަށައިފި." މައިރާ ކިޔާދިނެވެ. އިރުފާއަށް އޮތީ ނިދިފައެވެ. އޭނާއަށް ހޭލެވުނީމާ އެ ބަތްޕެންކޮޅު ދޭން އިނާޔާގެ ގާތުގައި މައިރާ ބުންޏެވެ. އެއާއެކު ހަނދާންނައްތާނުލާން މަންމައަށް ރަޒާ ހަނދާންކޮށްދިނެވެ. އެކަމާ އިނާޔާގެ ގާތަށް ރުޅިއެވެ. ނަމަވެސް އިނާޔާއަށް އެއްޗެކޭ ބުނެވެންވާއިރަށް ރަޒާ ދަނީއޭ ބުނެލައިފިއެވެ. ފުސްމޫނު ދައްކައިގެން އެނދުކައިރީ ހުރި ގޮނޑީގައި އިނާޔާ އިށީނެވެ. އޭނާ އައިސް އެ އިނީ ކޮންމެވެސް ކަހަލަ މަޖުބޫރިއެއްވެގެންކަން ޔަގީނެވެ.

އައިވީއެއް ނަގަން ދީފައި އޮތުމުން އެ ގެންގޮސް ނަރުސްކުދީންނާ ހަވާލުކޮށްފައި ރަޒާ އައިސް މާޔަލްއާއި މައިރާގެ ގާތުގައި ބޭރުގައި މަޑުކޮށްލިއެވެ. މަންމަ ގޮވައިގެން އައީ ކާރުގައި ކަމަށްވާތީ މާޔަލްއާއި މައިރާ ގޮވައިގެން އެކުދީންގެ ގެއަށް ލާން ރަޒާ ދިޔައެވެ.

މަލަކްގެ މަތިން މާޔަލް ހަނދާންވީ ގެއަށް ވަދެވުނީމައެވެ. މަންމައަށް ގޮވަމުން މައިރާ ވަނީ ބަދިގެއަށެވެ. އޭރު ރަޒާ ކައިރީ ރޭގަނޑުގެ ކެއުން އެގެއިން ކައިގެންދާން ވެސް މައިރާ ޚިޔާލުދިނެވެ. ރިމޯޓު އަތަށް ލައިގެން ޓީވީއިން ގެނެސްދެމުންދިޔަ ރޭގަނޑުގެ އަށެއްގެ ޚަބަރު ބަލަން އިން މަޒްހަރަށް ނީނދެވުނެވެ. ކޮފީމޭޒުމައްޗަށް ރިމޯޓު ލާފައި އޭނާ ވެސް ތެދުވީއެވެ. ޚަބަރަށްވުރެ ގެއަށް ވަން ދެ ދަރީން މުހިންމުވީއެވެ. ބަދިގެއާ ދިމާއަށް ދިއުމުގެ ކުރީން މާޔަލް އައިސް މަލަކްގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލިއެވެ.

(ނުނިމޭ)