މިފްކޯ

މިފްކޯގެ ދަރަނި 1.9 ބިލިއަން ރުފިޔާގައި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ [މިފްކޯ]ގެ ދަރަނި 1.9 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އިއްޔެ އާންމު ކުރި މިފްކޯގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް މިފްކޯއަށް އެއް ބިލިއަން ރުފިޔާގެ ރުފިޔާގެ ސާފު ގެއްލުން ލިބިފައިވެ އެވެ. އަދި މިފްކޯ ހިންގުމުގައި 2021 ވަނަ އަހަރުގެ ނިޔަލަށް ލިބުނު ގެއްލުމުގެ އަދަދު 1.3 ބިލިއަން ރުފިޔާއަށް އަރާކަމަށްވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

މިވަގުތު ކުންފުނީގެ ހަރުމުދަލަށް ވުރެ ކުންފުނީގެ ދަރަނީގެ ނިސްބަތް 955 މިލިއަން ރުފިޔާއިން އިތުރުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. ކުންފުނީގެ ހަރު މުދަލުގެ އަގު 2021 ވަނަ އަހަރާ ހަމައަށް ހުރީ 961 މިލިއަން ރުފިޔާގަ އެވެ. ކުންފުނީގެ ދަރަނީގެ ގޮތުގައި 1.91 ބިލިއަން ރުފިޔާ ހުރިކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

މިފްކޯއަށް މިހާ ބޮޑު ގެއްލުމެއް ލިބުމުގެ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ މިފްކޯއަށް މަސް ގަންނަން ސަރުކާރުން ކަނޑައަޅާފައިވާ އަގު ތަކަކީ ބޭރުގެ މާކެޓުތަކަށް މަސް ވިއްކެން ހުންނަ އަގުތަކަށްވުރެ ބޮޑު އަގު ތަކަކަށް ވުމާއި ކުންފުނީގެ ހިންގުމުގެ ހަރަދުތައް ބޮޑުވުމެވެ. އަދި މަސް ގަންނަ ބައެއް ފަރާތްތަކުން އެކިއެކި ސަބަބުތަކާ ހުރެ ގަންނަ މަހުގެ ޝިޕްމެންޓުން ބައެެއް ދޫކޮށްލުމާއި ޝިޕްމެންޓުގައި ހުންނަ މަހުގެ ސައިޒާއި ބާވަތްތައް ތަފާތުވުމުގެ ސަބަބުން ލިބޭ ގެއްލުންވެސް ފާހަގަ ކޮށްފައިވެ އެވެ.

ސަރުކާރުން ވަނީ މިފްކޯއަށް 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާއި ހަމައަށް 701 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. މިއީ ކުންފުންޏަށް ލިބުނު ސާފު ގެއްލުމުގެ 65 އިންސައްތަ އެވެ. ނަމަވެސް މިއީ ބޭރުގެ މާކެޓުތަކަށް މަސް ވިއްކެން ހުންނަ އަގަށް ވުރެ މިފްކޯއަށް މަސް ގަންނަ އަގު ބޮޑުވުމުން ލިބޭ ގެއްލުން ފޫބެއްދުމުގެ ގޮތުން ދީފައިވާ ސަބްސިޑީ އެއް ނޫންކަންވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

މަހުގެ ބާވަތާއި ސައިޒު ދިމާނުވުމުގެ ސަބަބުންނާއި ކޮލިޓީ ދަށްވެގެން ބަލައިނުގަތުމުގެ ސަބަބުން 2016 ވަނަ އަހަރާއި 2021 ވަނަ އަހަރާއި ދެމެދު އެކްސްޕޯޓު ކުރި 394 ޝިޕްމެންޓަކުން ޖުމުލަ 290 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެ އެވެ. މިއީ އެވަރެޖްކޮށް އަހަރަކަށް 48 މިލިއަން ރުފިޔާގެ ގެއްލުމެއް ކަމަށާއި މަސް ވިއްކި އަގުން ބަލާއިރު މިއީ ހަ އިންސައްތައިގެ ގެއްލުމެއް ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

ކޮލިޓީ ގެ މައްސަލަ ދިމާވާ ސަބަބެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ ކޯލްޑް ސްޓޯރޭޖްތަކުގައި މަސް ރައްކާކުރާއިރު މަހުގެ ސައިޒާއި ބާވަތްތައް ވަކިން އެނގޭނެ އިންތިޒާމެއް ބަހައްޓާ ބެލެހެއްޓުމުގައި އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވުމެވެ. އަދި މަސް ގަންނަ ފަރާތުން މަސް ޝިޕްމެންޓާއި ހަވާލުވާއިރު މިފްކޯއިން މަސް ޝިޕްމެންޓުގެ ހާލަތު އެކަށީގެންވާ ވަރަށް ބަލާފައި ނުވާ ކަމަށާއި މަސް ދޯނު ފަހަރުގައި މަހުގެ ތާޒާކަން ހިފެހެއްޓޭނެ ޒަމާނީ ނިޒާމެއް ނެތް ކަމަށްވެސް ރިޕޯޓުގައި އެވެ.