މިފްކޯއިން މަސް ރައްކާކުރާއިރު މަހުގެ ބާވަތާއި ކުޑަ ބޮޑުމިން އެނގޭނެހެން ރައްކާކުރެވޭނީ އިތުރު ކޯލްޑް ސްޓޯރޭޖެއް ހެދިގެން ކަމަށް މިފްކޯއިން ބުނެފި އެވެ.
މިފްކޯގެ އޮޑިޓް ރިޕޯޓުގައި މަހުގެ ބާވަތާއި ކުޑަ ބޮޑުމިން ވަކިވާނެހެން ބެހެއްޓުމުގެ އިންތިޒާމެއް އެ ކުންފުނިން ހަމަޖައްސާފައި ނުހުންނަ ކަމަށް ފާހަގަކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން މިފްކޯގެ އެމްޑީ އިސްމާއީލް ފައުޒީ މިއަދު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފްކޯއަށް މިވަގުތު ބޭނުންވަނީ އިތުރު ކޯލްޑް ސްޓޯރޭޖެއް ކަމަށެވެ. މިވަގުތު މިފްކޯގައި ހުރީ ޖުމުލަ 4،200 ޓަނުގެ މަސް ރައްކާ ކުރެވޭ ވަރުގެ ކޯލްޑް ސްޓޯރޭޖް ކަމަށް ފައުޒީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިތުރު ކޯލްޑް ސްޓޯރޭޖް ލިބުމުން މަހުގެ ބާވަތްތަކާއި ކުޑަ ބޮޑުމިން ވަކިވާނެހެން ތަރުތީބު ކުރެވޭނެ ކަމަށާއި ސަރުކާރާ މަޝްވަރާކޮށްގެން މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އިތުރު ކޯލްޑް ސްޓޯރޭޖް ވަރަށް އަވަހަށް ލިބޭނެ ކަމަށް މިބަލަނީ. ޑިވޮލޮޕްމެންޓް ޕްލޭންގައި އެބައޮތް އެކަން. ސައުދީ ފަންޑްގެ ތެރެއިން އިތުރު ސްޓޯރޭޖެއް ލިބޭނެ" ފައުޒީ ވިދާޅުވި އެވެ.
މިފްކޯގެ އޮޑިޓް ރިޕޯޓުގައި އެ ކުންފުނިން މަސް ގަންނައިރު މަހުގެ ކޮލިޓީއަށް ނުބަލާ ކަމަށްވެސް ބުނެފައިވެ އެވެ. މިކަމާ ގުޅިގެން ފައުޒީ ވިދާޅުވީ މަސް ގަންނައިރު ބޭރުން ބަލާފައި މަހުގެ ތާޒާކަން އަދި ކޮލިޓީ ނޭނގޭނެ ކަމަށެވެ. މިފްކޯއިން މަހުގެ ކޮލިޓީ ބެލުމަށް ތަހުލީލު ކުރާ ކަމަށާއި ތަހުލީލުގެ ނަތީޖާ ލިބެން އެއްދުވަސް ނަގާ ކަމަށްވެސް ފައުޒީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގިނަ ފަހަރު މަސް ވިއްކަން އަންނަ ދޯނި ތަކުން ކުރިން ބާނާފައި ހުންނަ މަސް ރަނގަޅަށް ފްރީޒް ނުކޮށް ވިއްކާ ކަމަށާއި މިކަހަލަ މަސް ފާހަގަވަނީ ތަހުލީލުތައް ނިމޭ ފަހުން ކަމަށެވެ.
"މަސް ފްރީޒް ކުރުމަށްޓަކައި އެވަރެޖްކޮށް ދެ ޓަނު މަހަށް އެއް ޓަނު އައިސް ބޭނުންވޭ. ނަމަވެސް ބައެއް ފަހަރު 20 ޓަނުގެ އައިސް ހުންނަ ދޯނި ތަކުންވެސް 50 ޓަނުގެ މަސް ވިއްކާ،" ފައުޒީ ވިދާޅުވި އެވެ.
މިފްކޯ އިން 2016 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު އެއްވެސް އެއްބަސްވުމެއް ނެތި 144 މިލިއަން ރުފިޔާގެ މަސް، ވިއްކާފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މިކަމާ ގުޅިގެން ފައުޒީ ވިދާޅުވީ އެއީ މިފްކޯގެ ކުރީގެ މެނޭޖްމަންޓްގެ ސަބަބުން ވެފައި އޮތް ގޮތެއް ކަމަށާއި އެއްބަސް ވުމަކާ ނުލާ މިހާރު އެއްވެސް ބަޔަކަށް މަސް ނުވިއްކާ ކަމަށެވެ.
މިފްކޯގެ އޮޑިޓް ރިޕޯޓުން ދެން އެންމެ ފާހަގަކޮށްލެވޭ ކަމަކީ މިފްކޯގެ ހިންގުމުގެ ހަރަދު ފާއިތުވި ދެ އަހަރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމެވެ. 2019 ވަނަ އަހަރާ އަޅާ ބަލާއިރު 2021 ވަނަ އަހަރު މިފްކޯގެ ހިންގުމުގެ ހަރަދު 100 މިލިއަން ރުފިޔާ އިތުރު ވެފައިވެ އެވެ. ފައުޒީ ވިދާޅުވީ ހިންގުމުގެ ހަރަދު މިހާ ބޮޑަށް މައްޗަށް ދިޔަ ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމުން ކަމަށެވެ.
"މިފްކޯގެ ގިނަ އޮޕަރޭޝަން ތަކަކަށް ތެޔޮ ބޭނުންވޭ. ކުރިން އަޅުގަނޑުމެންނަށް ލިބޭ 8 ރުފިޔާއަށް ތެޔޮ ލީޓަރެއް. މިހާރު މިލިބެނީ 18 ރުފިޔާއަށް. ދެގުނަ އިތުރުވީ. މީގެ އިތުރުން ހިންގުމުގެ އެހެން ހަރަދުތައްވެސް އުފުލޭ އެބަ ދުނިޔޭގެ މަޝްރަހު މިހާރު ހުރި ގޮތުން." ފައުޒީ ވިދާޅުވި އެވެ.