ލައިފްސްޓައިލް

ކުޑަ ކުއްޖެއް މަރާލި ބައްޕަ އާއި ބޮޑުބޭބެއަށް ވަކީލަކު ނުލިބުނު

އިންޑިއާގެ ގުޖްރާތުގެ ކުޑަ ކުއްޖަކު މަރުގެ މައްސަލައިގައި އެ ކުއްޖާގެ ބައްޕަ އާއި ބޮޑުބޭބެ ހައްޔަރުކޮށްފި އެވެ.

މި ދެ މީހުން ހައްޔަރުކުރީ އެމީހުން އަޅުކަންކުރާ ބުދަކަށް ކުއްޖާ ގުރުބާން ކުރިކަމުގެ ތުހުމަތުގަ އެވެ. ބުދަށް ގުރުބާންކުރަން ކާން ނުދީ ބޭއްވުމުގެ ސަބަބުން މަރުވެފައިވަނީ ދޭރިޔާ ކިޔާ 14 އަހަރުގެ ކުއްޖެކެވެ.

މިމައްސަލަ ތަހުގީގުކުރާ ފުލުހުން ބުނެފައިވަނީ ކުއްޖާގެ ބައްޕަ ބަވޭޝް އަކާބަރީ އާއި އެމީހާގެ ބޭބެ ދިލިޕް އަކާބަރީއާ ދެ މީހުން ވެގެން ކުއްޖާއަށް ވޭންދެނިވި އަނިޔާތައް ދީފައިވަނީ އެ ކުއްޖާގެ ގަޔަށް ރޫހެއް ވަދެގެން އުޅޭ ކަމަށާއި އެ ރޫހު ފައްސާލަން މަސައްކަތް ކުރަނީ ކަމަށް ބުނެ އެވެ.

އޮކްޓޯބަރު އެކަކުން ހަޔަކަށް ކުއްޖާގެ ބައްޕަ އާއި ބޮޑުބޭބެ މި ކުއްޖާއަށް އެކި ކަހަލަ އަނިޔާތައް ދިނުމަށްފަހު އެންމެ ފަހުން މަރާލީ ކަމަށް ފުލުހުންގެ ތަހުގީގުތަކުން ހާމަވެ އެވެ. މި ވާހަކަ ފުލުހުންނަށް ރިޕޯޓުކުރީ ކުއްޖާގެ މަންމަފަރާތު ކާފަ އެވެ.

ފުލުހުން ވަނީ ކުއްޖާގެ ބައްޕަ އާއި ބޮޑުބޭބެ ފިޔަވައި މިކަމާ ގުޅުންހުރި އިތުރު ދެ މީހަކު ވެސް މިހާރު ހައްޔަރުކޮށްފަ އެވެ.

ދޭރިޔާގެ ކާފަ ފުލުހުންނަށް މައްސަލަ ހުށަހަޅަމުން ބުނެފައިވަނީ ކުއްޖާ ދިރިއުޅެނީ އޭނާގެ މައިންބަފައިންނާއެކު ސޫރަތު ކިޔާ އަވަށެއްގައި ކަމަށެވެ.

ދޭރިޔާ އަކީ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ ވަރަށް ވިސްނުންތޫނު ކިޔެވުމަށް މޮޅު ކުއްޖެއް ކަމަށާއި އަދި އެ އާއިލާގައި ހުރި ހަމައެކަނި އަންހެން ކުއްޖާ ކަމަށް އޭނާގެ ކާފަ ބުނެފައި ވެއެވެ. ދޭރިޔާގެ ގަޔަށް ރޫހެއް ވަދެފައިވާ ކަމަށް ބުނެ އޭނާއަށް ފަންޑިތަ ހެދީ ދާވާ ކިޔާ ރަށަކަށް ގެންގޮސްގެންނެވެ.

ދޭރިޔާ މަރުވިކަން އޭނާގެ ކާފަޔަށް އެނގުނީ މިމަހުގެ އަށްވަނަ ދުވަހު ދޭރިޔާގެ ބައްޕަ ފަރާތު ބޮޑުބޭބެ ދިލިޕް ގުޅާފައި ބުނުމުންނެވެ. އެ ޚަބަރު ލިބުމާއެކު ދޭރިޔާގެ ކާފަ އާއި މާމަ ވަގުތުން އޭނާ ދިރިއުޅުނު ރަށަށް ދިޔައިރު ދޭރިޔާގެ ޖަނާޒާގެ ކަންތައް ނިންމައި އޭނާ އަންދާލައިފި އެވެ.

ދޭރިޔާ މަރުވިއިރު އޭނާގެ މަންމަ ވެސް ހުރީ އެހެން ރަށެއްގަ އެވެ. އެހެންވެ ދޭރިޔާ އަންދާލީ އޭނާގެ މަންމައަށް ވެސް ނުދައްކަ އެވެ.

ދޭރިޔާގެ ހަށިގަނޑު އެހާ އަވަހަށް އަންދާލީ އޭނާ އަށް ވަރަށް ނުރައްކާތެރި އަދި ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ ކަމަށް ބުނެ އެވެ.

ނަމަވެސް ދާވާގައި ދިރިއުޅޭ މީހުން ދޭރިޔާގެ ކާފަ އަށް ކިޔައިދިން ގޮތުގައި ދޭރިޔާ މަރުވީ އެއްވެސް ނުރައްކާތެރި ބައްޔެއްގެ ސަބަބަކުން ނޫނެވެ. ދޭރިޔާގެ ބައްޕަ އާއި ބޮޑުބޭބެ ކިޔެވެލިތަކެއް ކިޔަވާފައި އޭނާ މަރާލީ އެވެ. އޭނާގެ ގަޔަށް ރޫހެއް ވަދެފައިވާ ކަމަށް ބުނެ އެ ރޫހު ނެރެން މަސައްކަތްކުރަނީ ކަމަށް ބުނެފަ އެވެ.

އެމީހުން ކުއްޖާއަށް ކިޔެވެލި ކިޔަވަން ގެންދިޔައީ ރަށްބޭރުގައި އޮންނަ މީހުން ނޫޅޭތަނަކަށެވެ. އެތަނުގައި ކުއްޖާއަށް ކާން ނުދީ ގިނަ ގުނަ އަނިޔާތައް ކުރާތާ ތިން ދުވަސް ފަހުން ކުއްޖާ މަރުވުމުން އަވަހަށް އަންދާލީ އެވެ.

މިހާރު ދޭރިޔާގެ ބައްޕަ އާއި ބޮޑުބޭބެ ހައްޔަރުކޮށްފައިވާއިރު މި ދެމީހުންގެ އަމަލުތައް "ދަ ބާ އެސޯސިއޭޝަނުން" ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެއްވެސް ގާނޫނީ ވަކީލަކު މި މީހުންގެ ދިފާއުގައި ވަކާލާތުކޮށް ދޭން އެއްބަހެއް ނުވި އެވެ.