ކްރިމިނަލް ކޯޓް

896 ކިލޯގެ ޑްރަގު އެތެރެކުރި ބިދޭސީ މީހާ 12 އަހަރަށް ޖަލަށް

Oct 19, 2022

ރާއްޖެއަށް 896 ގްރާމުގެ މަސްތުވާތަކެތި އެތެރެކުރި ދެކުނު އެފްރިކާ މީހަކު 12 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ހަށިގަނޑުގައި ފޮރުވައިގެން ކޮކެއިން ހުރި 83 ވަރަކަށް ބްލެޓް އޭނާ ރާއްޖެ އެތެރެކުރީ މިދިޔަ ޖޫން 17 ވަނަ ދުވަހު އެވެ. ޒަމަކިލެ ލެސިއާ އޮންޔެޗެގޭގެ ހަށިގަނޑުން މިތަކެތި ބޭރުކުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ޑޮކްޓަރުންގެ އިރުޝާދާ އެކު އެކި ދުވަސް މަތިންނެވެ.

ދައުވާގައިވާ ގޮތުން އޭނާގެ ހަށިގަނޑުގައި ހުރި ބްލެޓްތައް ބޭރުކުރީ ނުވަ ފަހަރު ބޮޑުކަމުގޮސްގެންނެވެ.

ދައުލަތުގެ ދައުވާއާ ގުޅިގެން ޒަމަކިލެ ވަނީ ކޯޓުގައި ދައުވާއަށް އިއުތިރާފްވެފަ އެވެ. އެގޮތުން ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކުރީ އެއީ މަސްތުވާތަކެތި ކަން އެނގި ހުރެ ކަމަށް ކޯޓުގައި އޭނާ ބުނެފައިވެ އެވެ.

އޭނާ ދައުވާއަށް އިއުތިރާފްވެ ދައުލަތާ އެކު އެއްބަސްވުމަކަށް ދިއުމާ ގުޅިގެން އަދަބު ވަނީ ލުއިކޮށްފަ އެވެ. މިދައުވާގެ އަސްލު އަދަބަކީ އުމުރު ދުވަހަށް -- 25 އަހަރަށް ޖަލަށްލުމާ އެކު 10،000 ރުފިޔާއާއި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކުރުމެވެ.

ޒަމަކިލެ ކުށަށް އިއުތިރާފްވުމާ ގުޅިގެން މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ޝަފީއު ކުރެއްވި ހުކުމްގައި ވަނީ އޭނާ 12 އަހަރާއި ދެ މަސް ދުވަހަށް ޖަލަށްލުމަށެވެ.

ކަސްޓަމްސްގެ ރެކޯޑްތަކަށް ބަލާއިރު ރާއްޖެއަށް މަސްތުވާތަކެތީގެ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ދެކުނު އެފްރިކާ އަދި އެ ގައުމުން އަންނަ މީހުންގެ ބައިވެރިވުން ބޮޑުކަން ފާހަގަކުރެވެ އެވެ.