މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުގަނޑުގެ އަޑީގައި އަޅާފައިވާ ފެން ހޮޅިއެއް ފަޅައިގެން ގޮސް މަގުމައްޗަށް ފެން ލީކުވެ އާންމުންނަށް ދަތިތަކަކާ ކުރިމަތިވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ފަޅައިގެން ގޮސްފައިވާ ފެން ހޮޅިއަކީ ސްޓެލްކޯ އަށް ބޭނުންވާ ލޮނު ފެން ނެގުމަށް އަޅާފައިވާ ހޮޅިއެއް ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ ހޮޅި ފަޅައިގެންގޮސް މަގަށް ލޮނުފެން ލީކުވަމުންދާތީ މިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި މައްސަލަ ހައްލުކޮށްދިނުމަށް ސްޓެލްކޯގައި އެދިފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ ސަމާލުކަމަށް މިކަން އައި ހިސާބުން ފެށިގެން ކައުންސިލުން ދަނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ކަމަށްވެސް އެ އިދާރާ އިން ބުނެ އެވެ. އަދި މައްސަލަ ހައްލުކޮށްދިނުމަށް ދެފަހަރެއްގެ މަތިން ސްޓެލްކޯ އަށް އަންގާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ފެން ހޮޅި ފަޅައިގެން ގޮސް ފެން ލީކް ވާތީ މިހާރު ވެސް ބައެއް މީހުންގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ މިމައްސަލައިގައި އެކުންފުނިން މިއަދުގެ ވަގުތެއްގައި މީޑިއާއަށް މައުލޫމާތު ހާމަކުރާނެ ކަމަށެވެ.