ޕާކިސްތާން

ފަރަށްއެރި ބޯޓުގައި ތިބި މީހުން ޕާކިސްތާނަށް ފޮނުވާލަނީ

ގދ. ނަޑެއްލާ ފަރަށް އެރި ބޯޓުގައި ތިބި ޕާކިސްތާން 10 މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގައި ހުންނަ ޕާކިސްތާން ހައިކޮމިޝަނުން ބުނެފި އެވެ.

ޕާކިސްތާން މީހުން ތިބި ބޯޓު ފަރަށް އެރީ މިމަހުގެ ހަތްވަނަ ދުވަހު އެވެ. މި ބޯޓަކީ ދާއަޅައިގެން މަސްވެރިކަން ކުރާ ބޯޓެއް ކަމަށް ނަޑެއްލާ ކައުންސިލުން ކުރިން މައުލޫމާތު ދީފައިވެ އެވެ.

ބޯޓުގައި ތިބި 10 މީހުންވެސް ނަޑެއްލާ އަށް ގެންދިއުމަށްފަހު މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ރާއްޖޭގައި ހުންނަވާ ޕާކިސްތާން ހައިކޮމިޝަނަރު އާތާ މުހްތާރް މިއަދު އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 10 މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި އެމީހުން އަނބުރާ ޕާކިސްތާނަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ. އެމީހުން މާދަމާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ހައިކޮމިޝަނަރު ވިދާޅުވި ގޮތުގައި ބޯޓު ފަރަށް އެރީ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލަ އަކާ ގުޅިގެން އޮޔާއި ވައިގެ ބާރުގައި ފަރާ ދިމާލަށް ދަމައިގަތުމުންނެވެ.

"ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނީ ގަސްދުގައެއް ނޫން. އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އޮޔާގޮސް ރާއްޖެއަށް ވަދެވުނީ" އާތާ ވިދާޅުވި އެވެ.

އާތާ މުހުތާރް ވަނީ ޕާކިސްތާނުގެ 10 ރައްޔިތުންނަށް ނަޑެއްލާއިން އަދި ތިނަދޫ އިން ފޯރިކޮށްދިން އެހީތެރިކަން ފާހަގަކުރައްވާ އެ ރަށްރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.