ގދ. ނަޑެއްލާ

ޕާކިސްތާން ބޯޓު ރާއްޖެ އައި ގޮތެއް ނޭނގުނު، މީހުން އިދާރާތަކާ ހަވާލުކުރަނީ

ގދ. ނަޑެއްލާ ކައިރިން ފަރަށް އެރި ބޯޓުގައި ތިބި ޕާކިސްތާނުގެ 10 މީހުން މާލެ ގެނެސް ކަމާ ގުޅޭ އިދާރާތަކާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޕާކިސްތާން މީހުން ތިބި ބޯޓު ފަރަށް އެރީ މިދިޔަ ހުކުރު ދުވަހު އެވެ. މި ބޯޓަކީ ދާއަޅައިގެން މަސްވެރިކަން ކުރާ ބޯޓެއް ކަމަށް ނަޑެއްލާ ކައުންސިލުން މައުލޫމާތު ދީފައިވެ އެވެ. ނަަމަވެސް ބޯޓު ރާއްޖެ ސަރަހައްދަށް ވަދެފައިވަނީ ހުއްދައެއް ނަގައިގެން ކަމެއް ނުވަތަ އޮޅިގެން ކަމެއް އެނގިފައެއް ނުވެ އެވެ.

ނަޑެއްލާ ބައެއް މީހުންގެ ފަރާތުން އަވަސް އަށް އެނގިފައިވާ ގޮތުގައި ބޯޓުގައި ތިބި ޕާކިސްތާން މީހުން ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބޭތާ މަހެއްހާ ދުވަސްވެއްޖެ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ގދ. ނަޑެއްލާ ކައުންސިލްގެ މެމްބަރު ފައިސަލް ނަޖީބް ވިދާޅުވީ ފަރަށް އެރި ބޯޓުގައި ތިބި މީހުން ހުކުރު ދުވަހު ނަޑެއްލާއަށް ގެނައީ އެރަށު ޑިންގީ އެއްގައި ކަމަށާއި ރަށަށް ގެނެސް އެމީހުންނަށް ކާންދީ އަންނައުނުވެސް ދީފައިވާ ކަމަށެވެ.

ފައިސަލް ވިދާޅުވީ ޕާކިސްތާން 10 މީހުން އިއްޔެ ހެނދުނު 11:00 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުން ގދ. ތިނަދޫ އަށް ގެންދިޔަ ކަމަށެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ބޯޓު ނަޑެއްލާ ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނު ހުއްޓިގެން ނަގިލި ލުމުން ނަގިލިވެސް ކަހާލައިގެން ކަމަށް އެ މީހުން ބުނާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާދިސާގެ މައުލޫމާތު ލިބުމާ އެކު ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް މި ދޯންޏާއި ދޯނީގައި ތިބި މީހުންގެ މައުލޫމާތު ހިއްސާކުރިން. އެހެންނަމަވެސް އިދާރާތަކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ނުލިބުމުން އަޅުގަނޑުމެން ރަށުގެ ޑިންގީއެއް ގޮސް އެމީހުންނަށް އެހީވީ،" ފައިސަލް ވިދާޅުވި އެވެ.

ގދ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށަށް ގެންދިޔަ ޕާކިސްތާން 10 މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ކުދިކުދި އަނިޔާ ތަކެއް ބައެއް މީހުންގެ ހަށިގަނޑުން ފެނިފައިވާތީ ފުލުހުން ވަނީ އެމީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައި ކަމަށްވެސް ވިދޅާުވި އެވެ.

"އެމީހުންނަށް ރޭގެ ވަގުތެއްގައި ނިދުމުގެ އިންތިޒާމު ހަމަޖައްސައިދިނިން. ފުލުހުންނާ ގުޅިގެން އެކަން ކުރިއަށް ދިޔައީ،" ސައުދު ވިދާޅުވި އެވެ.

ޕާކިސްތާނުގެ 10 މީހުން މާލެ ގެނައުމަށްޓަކައި ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަންގެ އިތުރުން އެހެން އިދާރާތަކާވެސް ވާހަކަ ދައްކަމުންދާ ކަމަށްވެސް ސައުދު ވިދާޅުވި އެވެ.

"އާއިލާތަކާ ގުޅޭނެ އިންތިޒާމު ވެސް މިހާރު މި މި މީހުންނަށް ވާނީ ހަމަޖައްސައިދީފައި،" ސައުދު ވިދާޅުވި އެވެ.

ސިފައިންގެ މީޑިއާ އޮފިޝަލަށް އަވަސް އިން ގުޅާލުމުން ވިދާޅުވީ ޕާކިސްތާންގެ މީހުންގެ އެއްވެސް ކަމެއްގައި ސިފައިން ހަރަކާތްތެރިވެފައި ނުވާ ކަމަށެވެ. ޕާކިސްތާންގެ އުޅަނދު ރާއްޖެ ސަރަހައްދަށް ވަނީ ގަވައިދާ އެއްގޮތަށްތޯ ދެންނެވުމުން އެ މައުލޫމާތު ހިއްސާކުރާނީ ފުލުހުން ކަމުގައިވެސް އޮފިސަރު ވިދާޅުވި އެވެ. ފުލުހުންނަށް ގުޅުމުން މީޑިއާ އޮފިސަރު ވިދާޅުވީ ބަލާލުމަށްފަހު ފަހުން ތަފްސީލް ހިއްސާކުރައްވާނެ ކަމަށެވެ.