ސްޓެލްކޯ

ހޮޅި މަރާމާތުކުރަން ހުއްދައެއް ނެތް، ކަރަންޓް ކަނޑާލަންޖެހިދާނެ: ސްޓެލްކޯ

ހޮޅިއެއް ފަޅައިގެން ދިޔައީ އެ ހޮޅި މަރާމާތުކުރުމަށް ބޭނުންވާތީ ކަމާ ގުޅޭ ހުއްދަ ދިނުމަށް މާލެ ސިޓީ ކައުންސިލްގައި ތަކުރާރުކޮށް އެދިގެންވެސް ހުއްދަ ނުލިބި އޮއްވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން މިހެން ބުނެފައި މިވަނީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުގަނޑުގެ އަޑީގައި އަޅާފައިވާ ފެން ހޮޅިއަކީ ސްޓެލްކޯ އަށް ބޭނުންވާ ލޮނު ފެން ނެގުމަށް އަޅާފައިވާ ހޮޅިއެއް ކަމަށާއި ހޮޅި ފަޅައިގެން ދިއުމުން އެ މައްސަލަ ހައްލުކޮށްދިނުމަށް ދެފަހަރެއްގެ މަތިން ސްޓެލްކޯ އަށް އަންގައިގެން ވެސް މައްސަލަ ހައްލުވެފައި ނުވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނުމާ ގުޅިގެންނެވެ.

ސްޓެލްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ހަދާފައިވާ އެ ކުންފުނީގެ ގޭޓް ނަންބަރު ދޭކާ ދިމާލު ތާރުމަގުގެ މެދުން ފެން އަރަމުންދާ އެ ކުންފުންޏަށްވެސް ފާހަަގަވާ ކަމަށެވެ. ފެން އަރަމުންދާ ސަބަބު ދިރާސާކޮށް ހޯދައި ބެލިއިރު އެ ފެނަކީ އެ ކުންފުނީގެ އިންޖީނުތައް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއް ލިބުމުގެ ސަބަބުން ލީކުވާ ފެނެއް ކަމަށް އެނގިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ބަޔާނުގައި ބުނެފައިވަނީ އެ މައްސަަލަ ރަނގަޅު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރުވެ، އެކަމުގެ ހުއްދައަށް ސިޓީ ކައުންސިލްގައި އެދިފައިވާނެ ކަމަށެވެ.

"މިއަދާ ހަމައަށްވެސް ރަސްމީ އެއްވެސް ސިފައެއްގައި ސިޓީ ކައުންސިލުން މިކަން އަންގާފައި ނުވާއިރު އަދި މި ހުއްދަތައް އަވަސް ކުރުމަށް މިކުންފުނިން ސިޓީ ކައުންސިލްގެ ކަމާ ގުޅުންހުރި ފަރާތްތަކާއި މުއާމަލާތު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މި ވަގުތާ ހަމައަށްވެސް އެ ފަރާތްތަކުން ފޯނު ނުނަންގަވާތީ އެ ހުއްދަތައް ލިބޭގޮތް ވަނީ ނުވެފައި،" ސްޓެލްކޯގެ ބަޔާނުގައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ނުކުރެވިއްޖެނަމަ މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން، މާލެއަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހި، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެެވެ. އެހެންވެ މިމައްސަލަ ހައްލުކުރުމަށް ވީހާވެސް އަވަހަށް މަސައްކަތް ފެށުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ލިބެންޖެހޭ ހުއްދަތައް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

"އަދި އެ ހުއްދަތައް ލިބުމާއެކު މި މަސައްކަތް ވަގުތުން ފަށައި އެކަން ހައްލު ކުރެވިގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ސްޓެލްކޯ އިން ބުނެފައިވެ އެވެ.