ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި އިމާރާތުގައި ދެމި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގި މައްސަލައިގައި ފުލުހުންނާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ސިވިލް ކޯޓުގެ ހުކުމްގައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން އެ ދައުވާގައި ދައުވާ ކުރާ ފަރާތުން އެދިފައިވާ އެންގުން ބިނާކުރި ކަންކަމާއި މެދު ގޮތެއް ކަނޑައަޅާފައިވާ ކަމަށެވެ.
މަތި މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުތަކަށް އެއަށްވުރެ ދަށު ކޯޓު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.
ކޯޓު އަމުރަކާއެކީ މިއަހަރުގެ އެޕްރީލް މަހު 21 ވަނަ ދުވަހު ފުލުހުން ވަނީ ދޫވެއްސަށް ވަދެ "އިންޑިއާ އައުޓް" ބެނާ ނަގާފަ އެވެ
ހ. ދޫވެހީގައި ދެމި "އިންޑިއާ އައުޓް" ޖަހާފައިވާ ބޮޑު ބެނާ ނެގުމަށް ފުލުހުން ކްރިމިނަލް ކޯޓުން ހޯދި ކޯޓު އަމުރަކީ ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅައި ހައިކޯޓުން އެ އަމުރު ބާތިލުކުރީ މިއަހަރުގެ މޭމަހުގެ ތެރޭގައެވެ.
ކްރިމިނަލް ކޯޓު އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ވިދާޅުވެ، ކޯޓު އަމުރު ބާތިލުކޮށްދިނުމަށް އެދިވަޑައިގެން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރީ ރައީސް ޔާމީންގެ ފަރާތްޕުޅުންނެވެ.
ހައިކޯޓުން އޭރު އިއްވި ހުކުމުގައިވަނީ ދަށު ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ކުށަކީ ގާނޫނަކުން މަނާކޮށްފައިވާ ކުށެއް ނޫން ކަމަށެވެ.