ލައިފްސްޓައިލް

ދަރިންނަށްޓަކައި "އެންމެ ހުތުރު އަންހެނާ"ގެ ލަގަބު ހޯދި އަންހެނެއް

"ދުނިޔޭގެ އެންމެ ހުތުރު އަންހެނާ"ގެ ލަގަބު މޭރީ އޭން ބެވަން އަށް ލިބުނީ އޭނާ އަމިއްލައަށް ބޭނުންވެގެންނެވެ. ނަމަވެސް ބެވަންގެ ވާހަކަ އަކީ ބައެއް މީހުންނާ ދޭތެރެ ދުނިޔޭން ކަންތައްކުރާ ނާއިންސާފު ގޮތުގެ ރަނގަޅު މިސާލެކެވެ.

ބެވަން ދުނިޔޭގައި އުޅެފައިވަނީ 1874 އިން 1933 އަށެވެ. ނަމަވެސް ދުނިޔޭގެ އެންމެ ހުތުރު އަންހެނާގެ ގޮތުގައި ތާރީޚުގައި ލިޔެވިފައިވަނީ އޭނާގެ ނަމެވެ.

މިހާރު ވެސް ސޯޝަލް މީޑިއާ އަތްފުނާއަޅާލުމުން "ދުނިޔޭގެ އެންމެ ހުތުރު އަންހެނާ"ގެ ގޮތުގައި ބެވަންގެ ފޮޓޯތައް ފެންނާނެ އެވެ.

އިނގިރޭސި ވިލާތުގައި ނަރުހެއްގެ ގޮތުގައި މަސައްކަތްކުރި ބެވަން އަކީ ހަގީގަތުގައި ވެސް އެހާ ހުތުރު މީހެއް ހެއްޔެވެ؟ އަދި މިފަދަ މަގާމެއް އޭނާއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟

ބެވަން އަކީ ހޯމޯނަލް ޑިސްއޯޑާއެއް ކަމަށްވާ އެކްރޮމެގަލީ ހުރި މީހެކެވެ. މި ބަލި ޖެހޭ މީހުންގެ މޫނުގެ ބައްޓަން ބައެއް ފަހަރަށް ތަފާތުވެ ހުތުރު ވެއެވެ. މޫނުގެ މަސްތައް ތިރިއަށް ފައިބައިފައި ހުންނާތީ އެވެ. ބެވަންގެ ހަޔާތުގައި މި ބައްޔަށް އެއްވެސް ބޭހެއް ހޯދިފައެއް ނެތެވެ.

ބެވަން އަކީ "އެންމެ ހުތުރު އަންހެނާގެ" ލަގަބު ދޭހާ ހުތުރު މީހެއް ނޫނެވެ. އޭނާއަށް ވުރެ މާހުތުރު މީހުން ވެސް ދުނިޔޭގައި އުޅެފައިވާނެ އެވެ. ނަމަވެސް މިއީ ބެވަން އަމިއްލައަށް ބޭނުންވެގެން ހޯދި ލަގަބެކެވެ.

ބެވަންގެ ފިރިމީހާ މަރުވިއިރު އޭނާގެ ހަތަރު ދަރިން ކުޑަ އެވެ. އެހެންވެ އެ ދަރިންގެ ޚަރަދުތައް ފޫބައްދާނެ ގޮތެއް ނޭނގިގެން "ދުނިޔޭގެ އެންމެ ހުތުރު އަންހެނާ" ހޮވާ މުބާރާތުގައި އޭނާ ބައިވެރިވި އެވެ. އަދި އެ މުބާރާތް ކާމިޔާބުކުރީ އޭނާ އެވެ. އޭނާއަކީ ދުނިޔޭގެ އެންމެ ހުތުރު އަންހެނަކާގެ ގޮތުގައި މަޝްހޫރުވީ އެހެންވެ އެވެ.

މި ޓައިޓްލްއާ އެކު ބެވަން އަށް ޗަރުކޭސް ޝޯ ތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބެން ފެށި އެވެ. މަރުވަންދެން ވެސް އޭނާ އެ މަސައްކަތުގައި ދެމިހުއްޓެވެ.

ޗަރުކޭސް ޝޯތަކުގައި ބެވަންއަށް މާބޮޑު ކަމެއް ކުރާކަށް ނުޖެހެ އެވެ. ޝޯ ބަލާ މީހުންގެ ކުރިމައްޗަށް ނުކުމެ ހުރީމަ އެ ނިމުނީ އެވެ. މީހުން އޭނާގެ ސިފަ ފެނިފައި މަލާމާތްކޮށް ހީ ހަދާއިރު ބެވަން ހުންނާނީ ހެވިފައި އެވެ. އެއީ އޭނާގެ ހަތަރު ދަރިން ބަލާ ބޮޑުކުރުމަށް ފައިސާ ލިބެން އޮތް ހަމައެކަނި ވަސީލަތަށް ވާތީ އެވެ. އެހެން މީހުންގެ މަލާމާތްކުރުމާއި ހަޖޫ ޖެހުން ބެވަން އަށް ބޮޑު ކަމަކަށް ނުވީ އެކަމުން އޭނާގެ ދަރިން ބަލަން ފައިސާ ލިބޭތީ އެވެ.

ބެވަންގެ ވާހަކަ އަނެއްކާވެސް މާ ބޮޑަށް ވައިގައި ހިފައިގެން މިހާރު މި އުޅެނީ އިންސްޓަގްރާމް ޕޭޖެއް ކަމަށްވާ "ގްރީފް ހިސްޓްރީ"ގައި މި ވާހަކަ ގެނެސްދީފައިވާތީ ގިނަ ބަޔަކަށް ބެވަންގެ ވާހަކަ އިވި އޭނާއާ މެދު ހަމްދަރުދީ ވެވިގެންނެވެ.

"ގިނަ ބަޔަކު ބެވަން ހަނދާން ކުރާނީ އަޖައިބެއް ކަހަލަ ރަނގަޅު މަންމައެއްގެ ގޮތުގައި. އަމިއްލަ ދަރިންނަށްޓަކައި އޭނާގެ ސިފަޔަށް މަލާމާތާއި ހަޖޫ ޖެހިޔަސް ހިތްހަމަޖެހިގެން އުޅުނު އާދަޔާޚިލާފު މަންމައެއް އެއީ،" ބެވަންގެ ވާހަކައަށް ކޮމެންޓުކުރި މީހަކު ބުނެފައި ވެއެވެ.

ބެވަންގެ ވާހަކައިން ހާމަވި އެއްކަމަކީ އޭނާގެ ސިފަ މީހުންނަށް ދައްކާލައި އެ ސިފަޔަށް މަލާމާތްކޮށް ހީނ ހަދަން ބެވަން ވަރަށް ބޮޑު ފީއެއް ނެގި ކަމެވެ. ހަމައެކަނި ޗަރުކޭސް ޝޯ ތަކުގައި ބައިވެރިވުމުގެ އިތުރުން ބެވަން ކިޔާ ބޮޑު އަގު ދޭނަމަ އޭނާ ޕްރައިވެޓް ކޮށްވެސް ޝޯތަކުގައި ބައިވެރިވި އެވެ. އެންމެ ފަހުން ބެވަން ދުނިޔެ ދޫކުރިއިރު އޭނާ އަކީ ފުދޭ ވަރެއްގެ މުއްސަންޖެކެވެ. އަމިއްލަ ސިފަޔަށް މަލާމާތްކުރުވައިގެން ފައިސާ ހޯދި މަދު މީހުންގެ ތެރެއިން އެކަކަށް ބެވަން ވާނެ އެވެ.

ބެވަންގެ ވާހަކަ ކިޔާފައި ރުޅިއައިސް ލޭ ކެކުނު މީހުން ވެސް މަދެއް ނޫނެވެ. އޭނާ ލައްވާ މަޖުބޫރުން މިފަދަ ކަމެއް ކުރުވުމުގައި ގިނަ ބަޔަކު ޝާމިލުވާތީ އެވެ.