އޮޑިޓާ ޖެނެރަލް އޮފީސް

ދެ މިލިއަން ރުފިޔާ ކަނޑާލުމަށްފަހު އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކޮށްފި

އޮޑިޓާ ޖެނަރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 93.4 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރަން މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

އޮޑިޓް އޮފީހުން އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ހުށަހެޅީ 95 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ރިކަރަންޓް ހަރަދަށް 62 މިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 32.4 މިލިއަން ރުފިޔާ އެވެ.

މާލިއްޔަތު ކޮމިޓީން އޮޑިޓް އޮފީހުގެ ބަޖެޓު ކުޑަކުރީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއާ މަޝްވަރާކުރެއްވުމަށްފަހު މިނިސްޓްރީއާއި އޮޑިޓާ ޖެނަރަލްގެ އޮފީހުން އެއްބަސްވާ ގޮތަށް ފަހުން ބަދަލުތައް ގެނެސްގެންނެވެ.

ކޮމިޓީން މިހާރު ފާސްކޮށްފައިވާ 93.4 މިލިއަން ރުފިޔާގެ ބަޖެޓުގައި ރިކަރެޓް ހރަދަކީ 61 މިލިއަން ރުފިޔާ އެވެ. ކެޕިޓަލް ހަރަދަކީ 32.4 މިލިއަން ރުފިޔާ އެވެ.

އޮޑިޓް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓުގެ ކުރިން ފާސްކުރަންޖެހޭ ގޮތަށް ހަމަޖެހިފައި އޮންނަ ބަޖެޓެކެވެ. މާލިއްޔަތު ކޮމިޓީގެ ނިންމުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައި ތަޅުމުންވެސް އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރާނެ އެވެ.

އަންނަ އަަހަރަށް 90 މިލިއަން ރުފިޔާގެ ބެޖެޓެއް އޮޑިޓް އޮފީހަށް ދޭން ނިންމި އިރު މި އަހަރު އޮޑިޓް އޮފީހަށް ލިބުނީ 81 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.